އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭ ކަންކަމަށް ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) މެންބަރު ޤައުމުތަކުން ތާޢީދުކުރޭތޯ ބަލައި، އެ މެންބަރުންގެ ވަފާތެރިކަން ހުރި މިންވަރު ވަަޒަންކުރުމަށް އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓަގަނުން ސުވާލު ކުރަމުންދާ ކަން ހާމަވެއްޖެއެވެ. މި ކަންކަން ދެނެގަތުމަށް ޕެންޓަގަނުން ނޭޓޯގެ މެންބަރު ޤައުމުތަކަށް ސުވާލު ކަރުދާހެއް ފޮނުވާފައިވާ ކަމުގައި ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމުގައި ބްލޫމްބަރގުންނެވެ. ޕެންޓަގަނުން ވަފާތެރިކަމާމެދު ސުވާލުތަކެއް ނޭޓޯގެ މެންބަރުންނަށް ކުރިމަތިކޮށްފައި މި ވަނީ، ވިލާތުގެ އިއްތިޙާދުގެ (އީޔޫ) މެންބަރު ޤައުމުތަކުގައި ބައިތިއްބާފައި ތިބިި އެމެރިކާ ސިފައިންގެ ޢަދަދުގެ މުރާޖާއެއް އެ އިދާރާއިން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ޕެންޓަގަންގެ ސުވާލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ސުވާލަކީ، އެމެރިކާއިން އަންގާފައިވާ "ވަރުގަދަ، ސާފު، އަދި ހަމަހިމޭން" އުސޫލުތަކަށް ނޭޓޯގެ މެންބަރުން ތަބާވަމުންދޭތޯ ކޮށްފައިވާ ސުވާލެވެ. މިއީ، މޭ މަހު ބޭއްވި ޝަންގްރިއްލާ ޑަޔަލޮގްގައި އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ދައްކަވާފައިވާ ވާހަކަފުޅަށް ރިއާޔަތްކޮށް ކުރިމަތިކޮށްފައިވާ ސުވާލެކެވެ. މީގެ އިތުރުން، އެމެރިކާގެ އަސްކަރީ އެހީއަށް ބަރޯސާވުން ކުޑަކޮށް، ދިފާޢީ ޒިންމާތައް އީޔޫގެ ޤައުމުތަކުން އަމިއްލައަށް އުފުލުމަށް ގޮވައިލައި ޓްރަމްޕް ހުށަހަޅުއްވާފައިވާ 'ނޭޓޯ 3.0' ރޭވުމަށް ޢަމަލުކުރަމުންދޭތޯ ވެސް ޕެންޓަގަނުން ވަނީ ސުވާލު ކޮށްފައެވެ.
މީގެ އިތުރުން، ޕެންޓަގަނުން އެންމެ ބޮޑު ސުވާލުތަކެއް ކުރިމަތިކޮށްފައި ވަނީ ޞިހްޔޫނީން ރުއްސުމަށް ފެބުރުވަރީ 28 ގައި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވެ، އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޓޯގެ ބައެއް މެންބަރުން އިންކާރު ކޮށްފައިވާ މައްސަލައިގައެވެ. މި ގޮތުން، އީރާނާ ދެކޮޅަށް ހަމަލާދިނުމުގައި ނޭޓޯގެ މެންބަރު ޤައުމުތަކުގެ އަސްކަރީ ވައިގެ ބަނދަރުތަކާއި ވަަސީލަތްތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އިންކާރުކުރި ކުރުން ބަދަލުކުރުމަށް ތައްޔާރުތޯ ޕެންޓަގަނުން ވަނީ ސުވާލުކޮށްފައެވެ. ނޭޓޯގެ މެންބަރު ޤައުމުތަކުން ދިފާޢީ ކަންކަމަށް ކުރާހޭދަ އެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ %5 އަށް އިތުރުކުރުމަށް ޓްރަމްޕް ކުރިން ބާރުއަޅުއްވާފައިވެއެވެ. އެ ކަމަށް އިންކާރުކުރުމުން، ޓްރަމްޕް ވަނީ ސްޕެއިނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ވިޔަފާރީގެ ގުޅުންތައް ކަނޑައިލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ޕެންޓަގަނުން ފޮނުވާފައިވާ ސުވާލު ކަރުދާހާ މެދު ނޭޓޯގެ ބައެއް މެންބަރު ޤައުމުތަކުގެ ދިފާޢީ ދާއިރާގެ އިސް އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "[ޓްރަމްޕްގެ] ސަރުކާރުން ދަނީ ނޭޓޯގެ ކަންކަމާއި އެމެރިކާގެ އަމިއްލަ އަސްކަރީ ޙަރަކާތްތައް މަސްހުނިކޮށް، އޮޅުވައިލަމުން،" ނަން ހާމަކޮށްފައި ނުވާ ނޭޓޯގެ ޤައުމެއްގެ ދިފާޢީ އޮފިޝަލަކު ވިދާޅުވިއެވެ. މެދުއިރުމަތީގައި އެމެރިކާއިން އިސްވެ ފަށާފައިވާ ހަނގުރާމައާއި، އުފައްދާފައިވާ ހަމަނުޖެހުންގަނޑާ ނޭޓޯއާ އެއްވެސް ގުޅުމެއް ނެތް ކަމުގައި ވެސް އެ އޮފިޝަލު ވިދާޅުވިއެވެ. ޕެންޓަގަންގެ ސުވާލު ކަރުދާހުގައި ނޭޓޯގެ މެންބަރުންގެ ސިޔާސީ ވަފާތެރިކަމާމެދު ސީދާ ސުވާލުކޮށްފައި ނެތް ނަމަވެސް، މިއީ މެދުއިރުމަތީގެ ހަނގުރާމައިގައި ބައިވެރިވާން ދެކޮޅު ހެދުމުން ނޭޓޯގެ މެންބަރުންގެ ކިބައިން ބަދަލުހިފުމަށް އެ ޤައުމުތަކުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު މަދުކުރުމަށް ޓްރަމްޕްގެ ސަރުކާރުން ދައްކާ ބަހަނާއެއްގެ ގޮތުގައި އެހެން އޮފިޝަލަކު ސިފަކުރެއްވިއެވެ.