އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން މަޝްހޫރު މަކީޓާ ބްރޭންޑުގެ އުފެއްދުންތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "ސަޅިއޭ މަކީޓާ" ޕްރޮމޯޝަން ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮމޯޝަން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ، މަކީޓާގެ ޑިރެކްޓަރ ޖެނެރަލް ޓްރޭޑިންގ އިބްރާހިމް މިރްޒާގާއި، މަކީޓާ ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ރީޖަނަލް ސޭލްސް މެނޭޖަރ ޖޮއީ ޗިއަމްއެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި 1000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ކޫޕަނެއް ލިބޭނެއެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ އެއްވަނަ ނަސީބުވެރި ފަރާތަކަށް 50،000 (ބައިލައްކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުލުން އޮންނާނީ، ޕްރޮމޯޝަން ނިމޭތާ ހަފުތާއެއްގެ ތެރޭގައެވެ.
މީގެ އިތުރުން، ކޮންމެ ހަފުތާއަކު އެންމެ ގިނައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޚާއްސަ އިނާމުތަކެއް ލިބިގެންދާއިރު، ހޮވާލެވިފައިވާ ބައެއް އުފެއްދުންތަކުން %8 އިން ފެށިގެން %50 އާ ދެމެދުގެ ބޮޑެތި ޑިސްކައުންޓުތަކެއްވެސް ލިބޭނެއެވެ.
މި ޕްރޮމޯޝަނާ ގުޅޭގޮތުން މަކީޓާގެ ކްލައިންޓް ރިލޭޝަންސް މެނޭޖަރ ފާތިމަތު ފަނާޒު ވިދާޅުވީ، މިފަދަ ޕްރޮމޯޝަނެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އެސްޓީއޯއާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އަގުހެޔޮ މުދާ ފޯރުކޮށް ދިނުން ކަމަށެވެ.
"މިފަދަ ޕްރޮމޯޝަނެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އެސްޓީއޯއާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، އަހަރަކު އެއްފަހަރު ކަސްޓަމަރުންނަށް މުދާ އަގުހެޔޮކޮށް ފޯރުކޮށްދިނުން. މިފަހަރުގެ ޕްރޮމޯޝަނުގައިވެސް %8 އާއި %50 އާ ދެމެދުގެ އަގުހުރި ޑިސްކައުންޓުތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ." މަކީޓާގެ ކްލައިންޓް ރިލޭޝަންސް މެނޭޖަރ ފާތިމަތު ފަނާޒު ވިދާޅުވިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މާލޭގައި ހުންނަ މަކީޓާ ޝޯރޫމާއި، ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން އެސްޓީއޯގެ އަތޮޅުތަކުގެ ރީޖަނަލް ފިހާރަތަކުގައެވެ.
އެސްޓީއޯއިން ރާއްޖޭގެ މާކެޓުގައި މަކީޓާ ބްރޭންޑުގެ އުފެއްދުންތައް ވިއްކަމުންދާއިރު، އެ ކުންފުނިން އަންނަނީ ކޮންމެ އަހަރަކުވެސް ކަސްޓަމަރުންގެ ތަރުހީބާއެކު މިފަދަ ޚާއްސަ ޕްރޮމޯޝަންތައް ބާއްވަމުންނެވެ.
އެސްޓީއޯއިން މަކީޓާގެ އުފެއްދުންތައް ބާޒާރަށް ނެރޭތާ މިހާރުމިވަނީ، 28 އަހަރުވެފައެވެ.