ޚަބަރު

ޤުރްއާން ހިތުން ކިޔެވުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގެ 4ވަނަ ދިވެހި ދަރިވަރަކަށް


  • 4 ވަނަ ހާސިލްކޮށްފައިވަނީ މއ. އަސާސް, އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު

  • 4 ވަނައިގެ އިނާމަކަށް 170000 ރިޔާލް ކަނޑައަޅާފައިވޭ

މައްކާގައި ބާއްވާ ޤުރްއާން ހިތުން ކިޔެވުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން 4 ވަނަ ދިވެހި ދަރިވަރަކު ހޯދައިފިއެވެ.

މި ފަޚުރުވެރި ވަނަ ހާސިލްކޮށްފައިވަނީ މއ. އަސާސް, އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރުއެވެ. މިމުބާރާތުގެ 4ވަނައިގެ އިނާމަކަށް ކަނޑައަޅާފައިވަނީ 170000 ރިޔާލެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއީ ދުނިޔޭގައި ބާއްވަމުންދާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތްކަމަށެވެ. އެންމެ ފަހުން މިނިމުނީ މީގެ 46 ވަނަ މުބާރާތް ކަމަށާއި މިމުބާރާތުގައި 133 ޤައުމުން ބައިވެރިވިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަހަރަކީ ތާރީޚުގައި އަންހެން ކުދިން މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުކަމަށް ވިދާޅުވިއެވެ. މީގެކުރީން އަންހެން ކުދިންގެ ގޮތްޕެއް މިމުބާރާތުގައި ނޯވެއެވެ.

މިމުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ ޙަރަމްފުޅުގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. މިހަފްލާ ޝަރަފްވެރިކޮށްދެެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މިހަފްލާގައި ސައުދީ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ ޢަބްދުއްރަޙްމާނުއް ސުދައިސް ބައިވެވަޑައިގެންނެވިއެވެ. އަދި ޚާއްޞަ މެހްމާނެއްގެ ޙައިސިއްޔަތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ މިހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.

ވަޒީރު ޑރ.ޝަހީމް ވިދާޅުވީ ރާއްޖެ ތަމްސީލު ކުރި ބައިވެރިއަކަށް މިމުބާރާތުން ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއްކަމަށެވެ. ސަޢުދީ އިސްލާމިކް މިނިސްޓަރ ޑރ އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.