ޚަބަރު

ޕޮގްބާގެ ކޮންޓްރެކްޓް މޮނާކޯ އިން ބާތިލުކޮށްފި


ފްރާންސްގެ މިޑްފީލްޑަރ ޕޯލް ޕޮގްބާ އާއިއެކު މޮނާކޯ އިން ހަދާފައިވާ ކޮންޓްރެކްޓް އެ ކްލަބުން އުވާލައިފިއެވެ.

މިދިޔަ ހޫނު މޫސުމުގައި މޮނާކޯ އާއި ގުޅުނު ޕޮގްބާ އާއިއެކު އެ ކްލަބުން އޭރު ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން މޮނާކޯ އާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ކުރިއަށް މިއޮތް ސީޒަނުގެ ނިޔަލަށެވެ.

ނަމަވެސް މޮނާކޯ އިން އެ ކޮންޓްރެކްޓް އުވާލަން ނިންމީ ނިމިގެންދިޔަ ސީޒަނުގެ ބޮޑު ބައެއްގައި ޕޮގްބާއަށް އަނިޔާވެ ގިނަ މެޗުތަކެއް ގެއްލިފައިވާއިރު, ދާދި ފަހުން އޭނާއަށް އަނިޔާގެ އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާތީވެއެވެ.

އުމުރުން 33 އަހަރުގެ ޕޮގްބާ މިދިޔަ ސީޒަނުގައި މޮނާކޯއަށް ކުޅެފައިވަނީ އެންމެ 6 މެޗެވެ. އޭގެ ތެރެއިން ފަސް މެޗުގައި އޭނާ ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ޕޮގްބާ ބުނެފައިވަނީ ގިނަ ދުވަސްތަކަކަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިސް ބޭނުންވި ފެންވަރުގެ ކުޅުމެއް ދެއްކިފައިނުވި ނަމަވެސް މޮނާކޯއިން ކޮންދިން ކަންތައްތަކަށް ޝުކުރުވެރިވާކަމަށެވެ.

ކުޅިވަރުގައި މަނާ ބޭހަށް ޕޮޒިޓިވްވެ ފެބްރުއަރީ 2024 ގައި ހަތަރު އަހަރަށް ޕޮގްބާ ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ޕޮގްބާއަށް ހެދުނު ގޯހުގެ ޒިންމާ ނަގާ އެކަމަށް އަމިއްލައަށް އިއުތިރާފު ވުމާއިއެކު އޭނާގެ އަދަބު ލުއިކޮށް 2025 ވަނަ އަހަރުގެ މާޗް މަހު ވަނީ އޭނާގެ ސަސްޕެންޝަން އުވާލާފައެވެ.

2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސް އިން ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޕޮގްބާ މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ އިޓަލީގެ ޔުވެންޓަސް އަށް ކުޅެނިކޮށް 2023 ވަނަ އަހަރު ނެގި ސާމްޕަލް އަކުންނެވެ.