ޚަބަރު

ނޫސްވެރިއަކާއެކު 22 މީހުން ޔަހޫދީން ހައްޔަރުކޮށްފި


ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ވަދެގަނެ، ނޫސްވެރިއަކު ހިމެނޭހެން ފަލަސްޠީނުގެ 22 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްޠީނުގެ ޕްރިޒަނަރ ސޮސައިޓީން ބުނެފިއެވެ.

އެ ސަރަޙައްދުގެ މަޞްދަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގެ ތަފާތު 8 ސަރަޙައްދަކުން ޖުމްލަ 22 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ފަލަސްޠީނުގެ ރަސްމީ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޔަހޫދީ ދައުލަތުގެ ޖަލުތަކުގައި 9،400 އެއްހާ ފަލަސްޠީނު މީހުން ބަންދުކޮށްފައި އެބަތިއްބެވެ. މީގެ ތެރޭގައި 94 އަންހެނުންނާއި، 350 އަށްވުރެ ގިނަ ކުޑަކުދިންނާއި، އެއްވެސް ޝަރީޢަތަކާ ނުލައި އީދާރީ ބަންދުގައި ތިބި 3،244 މީހުންގެ އިތުރުން "ޤާނޫނާ ޚިލާފު ހަނގުރާމަވެރިން" ގެ ގޮތުގައި ގިންތިކޮށްފައިވާ 1،320 މީހުން ހިމެނެއެވެ.

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަލަސްޠީނާއި ޖަމާޢަތްތަކުން ހާމަކުރާ ގޮތުގައި، ޔަހޫދީ ދައުލަތުގެ ބަންދުގައި ތިބޭ ފަލަސްޠީނު މީހުންނަށް ރަޙުމުކުޑަ ލާއިންސާނީ އަނިޔާކުރުމާއި، ބަނޑަށް ޖެއްސުމާއި އަދި ބޭސްފަރުވާއާއި ސިއްޙީ އެހީތެރިކަން މަޙްރޫމްކުރުން ފަދަ ޖަރީމާތައް ދަނީ ހިންގަމުންނެވެ. މި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ޖަލުތަކުގައި ގިނަ ޢަދަދެއްގެ މީހުން ވަނީ ޝަހީދުވެފައެވެ.

މީގެއިތުރުން، ހުޅަނގު އައްސޭރީގެ އުތުރުގައިވާ ޤުޞްރާ އަވަށުގައި ހުރި ފަލަސްޠީނުގެ ތިން ގެއެއް، ޔަހޫދީންގެ ޣައިރުޤާނޫނީ ވަޒަންވެރިން، ޔަހޫދީ ސިފައިންގެ ޙިމާޔަތުގެ ދަށުގައި ޖެހިޖެހިގެން 11 ދުވަސް ވަންދެން ޙިޞާރުކޮށްފައިވާ ކަމަށް އެ އަވަށުގެ މޭޔަރު ވަނީ ވިދާޅުވެފައެވެ.

ހުސްވި އޯގަސްޓް މަހުގެ 9 ވަނަ ދުވަހުން ފެށިގެން، ޔަހޫދީ ވަޒަންވެރިން ވަނީ ރައުސް އަލް-ޢައިން ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ ތިން ޢާއިލާއެއްގެ 13 މީހުން ބަންދުކޮށް، އެމީހުންނަށް ކާބޯތަކެއްޗާއި، ފެނާއި އަސާސީ ޚިދުމަތްތައް ލިބުމަށް ހުރަސްއަޅާފައެވެ.

ޤުޞްރާގެ މޭޔަރު ޢަބްދުލް ޢަޡީމް އަލް-ވާދީ އަނަދޫލޫ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެ ސަރަޙައްދަކީ "ބަންދުކުރެވިފައިވާ ޢަސްކަރީ ސަރަޙައްދެއް" ކަމަށް ކަނޑައަޅައި، ޔަހޫދީ ސިފައިން އެތަނުން އެއް ގެ ޙިޞާރުކޮށް ޢަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޔަހޫދީ ވަޒަންވެރިން އަނެއް ދެ ގެ ވަށައިގެން ތިބެ، ޢާއިލާތަކަށް ބޮޑެތި ތަކުލީފުތަކެއް ޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައުސް އަލް-ޢައިން ސަރަޙައްދަކީ ޔަހޫދީންގެ ޣައިރުޤާނޫނީ އައުޓްޕޯސްޓެއް ޤާއިމުކޮށް ފަލަސްޠީނުގެ ބިމާއި ގެދޮރު ފޭރުމަށްޓަކައި ޔަހޫދީ ވަޒަންވެރިން ތަކުރާރުކޮށް ޙަމަލާތައް ދެމުންދާ ސަރަޙައްދެކެވެ. ފަލަސްޠީނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ޙިޞާރަކީ ފަލަސްޠީނުގެ ރައްޔިތުން ގަދަބާރުން އެތަނުން ނެރެލައި، އެމީހުންގެ ބިންތައް ފޭރިގަތުމަށް ހިންގާ ޖަރީމާއެއް ކަމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ.