ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވައި، ޞުލްޙަ ޤާއިމުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އެކުލަވައިލެއްވި ޣައްޒާ ޞުލްޙައިގެ މަގުޗާޓު އަމިއްލަ ފައިދާއަށް ބަދަލުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ބާރު ކަނޑުވައިލުމަށް ޔަހޫދީން މަކަރުވެރި ރޭވުންތަކެއް ރާވަމުންދާ ކަމުގައި ސިޔާސީ މާހިރުންނާއި މަސްރަޙުގެ ދާރިސުން އިންޒާރު ކުރައްވައިފިއެވެ. ދާރިސުން މި މޭރުމުން ވިދާޅުވެފައި ވަނީ، ޣައްޒާ މަގުޗާޓު ވިލަރެސްކުރުމަށް ޚާއްޞަ ދެ ޕެނަލެއް އެކުލަވައިލާފައިވާ ކަން އިޢުލާނު ކުރުމާ ގުޅިގެންނެވެ. މި ދެ ޕެނަލުގެ ޙަޤީޤީ ބޭނުމަކީ، ޤަޠަރާއި، ތުރުކީވިލާތް އަދި މިޞްރު ފަދަ މެދުވެރިން އެކަހެރިކޮށް، ޣައްޒާ މަގުޗާޓުގެ އިލްތިޒާމުތައް ޔަހޫދީންގެ މުށުތެރެއަށް ބަދަލުކުރުން ކަމުގައި މަސްރަޙުގެ ދާރިސެއް ކަމުގައިވާ އިޔާދު އަލް-ޤައްރާ ވިދާޅުވިއެވެ.
ޣައްޒާ މަގުޗާޓުގެ މުހިންމު ދެ ދާއިރާއެއް ތަންފީޒުކުރުމަށް ޚާއްޞަ ދެ ޕެނަލެއް އެކުލަވައިލާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ޖެރަޑް ކުޝްނަރ އަދި ޞުލްޙައިގެ ބޯޑުގެ އިސްވާރުން ޞިހްޔޫނީންގެ ދައުލަތުގެ ތެލް އަވީވުގައި ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއެކު ބޭއްވެވި ބައްދަލުވުމަށް ފަހުއެވެ. މީގެ ތެރެއިން ފުރަތަމަ ޕެނަލުގެ މަޤުޞަދަކީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާޢަތްތަކުން ހަތިޔާރު ބެހެއްޓުން ވިލަރެސް ކުރުމެވެ. އަދި، އެމެރިކާގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި އެ ހަތިޔާރުތައް ނައްތައިލުމެވެ. ދެވަނަ ޕެނަލުގެ ޒިންމާއަކީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ދެ މިލިޔަނަށްވުރެ ގިނަ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ނަރުދަމާ ނިޒާމުގެ ޙާލަތު ރަނގަޅު ކުރުމާއި، ސާފު ބޯފެން ފޯރުކޮށްދީ ޞިއްޙީ ފަރުވާގެ ކަންކަން ވިލަރެސް ކުރުމެވެ.
ޣައްޒާގެ ރައްޔިތުންނަށް ފެނާއި ތެޔޮ ފޯރުކޮށްދިނުން ފަދަ މަދަނީ ޚިދުމަތްތައް ޔަހޫދީންގެ މުށުތެރެއަށް ދޫކޮށްލުމަކީ ނުރައްކަލެއް ކަމަށާއި، މުޖާހިދުންގެ ޖަމާޢަތްތަކުގެ ހަތިޔާރު އެމެރިކާގެ އަސްކަރިއްޔާއާ ޙަވާލުކުރުމަކީ މަގުޗާޓުގައި ހިމަނާފައިވާ ކަންކަން ނޫން ކަން އަލް-ޤައްރާ ފާހަގަކުރެއްވިއެވެ. ސިޔާސީ ދާއިރާގެ މާހިރެއް ކަމުގައިވާ ވަސާމް ޢަފީފާ ވިދާޅުވީ، އިސްތިޢުމާރީ ބާރެއްގެ ދަށުގައި އޮވެ، އެމެރިކާ ސިފައިންނާ ހަތިޔާރު ޙަވާލުކުރުމަށް ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުން އިންކާރު ކުރާނެ ކަމުގައެވެ. އަދި، ޣައްޒާގެ ނަރުދަނާ ނިޒާމުގެ ޙާލަތު ރަނގަޅު ކުރުމުގެ މަސައްކަތާ ޔަހޫދީން ޙަވާލުވުމަށް އެއްބަސްވުގައި ހީލަތްތެރި ނިޔަތެއް އޮތް ކަމަށާއި، އެއީ ޣައްޒާގެ ނިކަމެތީންނަށް ހެޔޮ ނިޔަތެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، ޔަހޫދީ ދައުލަތުގެ ހަމައެކަނި ބޭނުމަކީ، ޣައްޒާއަށް އަތްގަދަ ކޮށްފައިވާ ޔަހޫދީ ސިފައިން، ބަލިމަޑުކަންތަކުން ސަލާމަތް ކުރުން އެކަނި ކަމުގައި އޭނާ ވިދާޅުވިއެވެ. މިއީ، ޔަހޫދީ ދައުލަތުގެ ކުރިއަށް އޮތް އިންތިޚާބުގެ ކުރިން އަމިއްލަ ސިޔާސީ ފައިދާ އިސްކޮށް، ނަތަންޔާހޫ ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޣައްޒާ މަގުޗާޓަށް ޔަހޫދީން ވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ. މި ކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންޞާރީ ވިދާޅުވީ، އެއްބަސްވުން ތަންފީޒުކުރުން ޔަހޫދީން ފަސްކުރުމަކީ ސަރަޙައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައެވެ. ނަތަންޔާހޫއާއެކު ބޭއްވެވި ބައްދަލުވުމަށްފަހު ކުޝްނަރ ވެސް ވަނީ ޔަހޫދީން ރުއްސުމަށް ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތް، ޙަމާސަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ސުންނާފަތި ކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފެށުމުގެ ފުރުޞަތު އެމެރިކާއިން ދޭނީ، މުޖާހިދުންގެ ހަތިޔާރު ބަހައްޓައި، އެ ތަކެތި ނައްތައިލެވުމުން ކަމުގައެވެ. ކުޝްނަރގެ މި އިންޒާރަކީ، ފަލަސްޠީނު ރައްޔިތުންގެ އިންސާނީ ވޭނާއި ތަކުލީފުތަކުން ނާޖާއިޒު ފައިދާ ޔަހޫދީންނަށް ހޯދައިދިނުމުގެ އިސްތިޢުމާރީ ޢަމަލެއްގެ ގޮތުގައި ދަވްޙާ އިންސްޓިޓިއުޓްގެ އެސޯސިއޭޓް ޕުރޮފެސަރު އިބްރާހީމް ފުރަޔިޙާތު ސިފަކުރެއްވިއެވެ.
ޣައްޒާގެ %60 ސަރަޙައްދެއް މިހާރު ވެސް އޮތީ ނިރުބަވެރި ޔަހޫދީ ސިފައިންގެ ކޮންޓުރޯލުގެ ދަށުގައެވެ. ޤަތުލުޢާންމު ހުއްޓައިލުގެ އެއްބަސްވުމަށް ފަހު ވެސް ޔަހޫދީ ފައުޖުން ދަނީ ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. ޣައްޒާ ޤަތުލުޢާންމުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 73،400 އަށް އުފުލިފައެވެ. އަދި، އިތުރު 174,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ޙަޤީޤީ މަޤުޞަދަކީ، އިސްތިޢުމާރީ އަސްކަރީ ވެރިކަން ދަމަހައްޓައި، ޣައްޒާގެ އިދާރީ ހިންގުމާ ޙަވާލުވާ ކޮމިޓީގެ ބާރުތައް ޔަހޫދީންގެ މުށުތެރެއަށް ޖަމާކޮށް، އެ ސަހަރުގެ ރައްޔިތުންގެ މައްޗަށް އިސްތިޢުމާރީ އަނިޔާވެރި ޙިޞާރު ދެމެހެއްޓުން ކަމުގައި މަސްރަޙުގެ އެހެން ދާރިސެއް ކަމުގައިވާ ސުލަޔިމާނު ބިޝާރާތު ވިދާޅުވިއެވެ.