ޚަބަރު

ދީނީ ކަންކަމުގައި އެއްބާރުލުން ހޯދުމަށް ސައުދީއާއެކު މަޝްވަރާކުރައްވައިފި


  • ސައުދީއަކީ ރާއްޖެއަށް ގިނަ ދާއިރާތަކުން މިހާރު ވެސް އެހީވަމުން އަންނަ ގައުމެއް

  • ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކުރީ 17 މާރޗް 1981ގައި

އިސްލާމީ ކަންތައްތަކަށް އެއްބާރުލުން ހޯދުމާއި ގުޅޭގޮތުން ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއިން މަޝްވަރާކުރައްވައިިފިއެވެ.

މި މަޝްވަރާތައްކުރައްވާފައި ވަނީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވަޒީރު ޝަހީމް ވިދާޅުވީ ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ބަހައްޓަވާ ގާތްކަމާއި އިސްލާމީ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން ވަޒީރު ޝަހީމްގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. އެގޮތުން ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާއިން އިތުރު ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވެއެވެ.

ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކުރީ 17 މާރޗް 1981ގައެވެ. ސައުދީއަކީ ރާއްޖެއަށް ގިނަ ދާއިރާތަކުން މިހާރު ވެސް އެހީވަމުން އަންނަ ގައުމެކެވެ. އެގޮތުން އެކި ދާޢިރާތަކުން ރާޢްޖެއަށް ކުރިއެރުން ހޯދާދިނުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޤައުމުން ދަނީ އެހީތެރިވަމުންނެވެ.