ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމަށް މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައިވެރިވާނޭ ފަރާތެއް އެކަށައަޅައި، ކެމްޕޭނުގެ ފުރަތަމަ މަރުޙަލާގައި، ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ އަދި މާލޭ ސަރަޙައްދުން ގިނަ ޖަމުޢިއްޔާތަކެއް ބައިވެރިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ނިންމަވައިފައެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ވަނީ، އެ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ ހިއްސާކުރައްވާފައެވެ. އެކޮމިޓީން ހިއްސާކުރެއްވި ކަންކަމަށް ރިޢާޔަތްކުރައްވައި ވަޒީރުންގެ މަޖިލީހުން ވަނީ، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭނުގައި ހިމަނުއްވައިގެން، ސްކޫލް ނިޒާމްގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރެއްވުމާ ގުޅޭ ކަންތައްތައް، ތައުލީމީ ވުޒާރާއިން ކޯޑިނޭޓްކުރާ ގޮތަށް، ސިއްޙަތާބެހޭ ވުޒާރާއިން ކެމްޕޭން ވިލަރެސްކުރެވޭނޭ ނިޒާމެއް ކަނޑައެޅުމަށްވެސް ވަނީ ނިންމަވާފައެވެ.
މި ކެމްޕޭނުގައި، ރާއްޖޭގެ ވީހާވެސް ގިނަ މަދަނީ ޖަމުޢިއްޔާތައް ބައިވެރިކުރެއްވުމުގެ ގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި ކެމްޕޭނުގައި ބައިވެރިވާނޭ ފަރާތެއް ހެލްތު މިނިސްޓްރީން އެކަށައެޅުއްވުމަށާއި، ކެމްޕޭނުގެ ފުރަތަމަ މަރުޙަލާގައި، ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ އަދި މާލޭ ސަރަޙައްދުން ގިނަ ޖަމުޢިއްޔާތަކެއް ބައިވެރިކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި، ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން ފުޅާކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށްކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.