ވިމެންސް އެފްރިކާ ކަޕް އޮފް ނޭޝަންސް މުބާރާތް ކެމެރޫން އިން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
މޮރޮކޯގައި ކުރިއަށް ދިޔަ މިމުބާރާތުގެ ތަށި ކެމެރޫންގެ އަންހެން ޓީމު ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި މަލާވީ އާއި ބައްދަލުކޮށް 3 ލަނޑު ސުން ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. ކެމެރޫންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މަލާވީއިން މިމުބާރާތުގެ މިހާތަނަށް އެޓީމުން ދައްކަމުންދިޔަ ކުޅުން ދެއްކޭގޮތެއްނުވިއެވެ.
ކެމެރޫންއިން މިމެޗުގެ ނަތީޖާ ނެރެފައިވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. މިގޮތުން މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ތިން ލަނޑުވެސް ޖަހާފައިވަނީ މިހާފުގައެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ޖަހައިދިނީ މެރީ އެންގާއެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ނައޯމީ އެޓޫއެވެ.
މަލާވީއިން އިތުރު ލަނޑެއް ބައިކޮޅަށް ވަނަނުދީ ފުރަތަމަ ހާފު ނިންމާލުމަށް މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކެމެރޫންގެ ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އެންގާއެވެ. މިމެޗުގެ ދެވަނަ ހާފުގައި މަލާވީއިންވަނީ އެޓީމުގެ ކުޅުން ރަނގަޅު ކޮށް ކެމެރޫނަށް އިތުރު ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލައިފައެވެ.
ވެފްކޮންގެ ތަށި ކެމެރޫންއަށް އުފުލާލެވިފައިމިވަނީ މިކަމަށް ހަތަރު ވަނަ ފަހަރަށް މަސައްކަތް ކޮށްގެންނެވެ. މީގެކުރިން ތިން ފަހަރަށް ކެމެރޫންވަނީ މިމުބާރާތުގެ ފައިނަލުން ބަލިވެފައެވެ. އެހެން ކަމުން މިއީ ކެމެރޫންގެ އަންހެން ޓީމަށް ވަރަށް ތާރީހީ ކާމިޔާބީއެކެވެ. މަލާވީއަށް ބަލާލާއިރު މިމުބާރާތުގެ ފައިނަލަށް އެޓީމު ދަތުރު ކުރުންވެސް މިއީ ބޮޑު ކާމިޔާބީއެކެވެ.
ދުނިޔޭގެ ރޭންކިންގގެ 153 ވަނައިގައި އަދި އެފްރިކާ ބައްރުގެ ރޭންކިންގގައިވެސް 54 ޓީމުގެ ތެރެއިން 32 ވަނައިގާ އުޅޭ މަލާވީ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ފައިނަލަށް ދަތުރު ކުރުން ވެގެން ގޮސްފައިވަނީވެސް ގިނަ ބަޔަކަށް ހައިރާން ކަން ލިބިގެން ގޮސްފައިވާކަމަށެވެ. ނަމަވެސް މިކާމިޔާބީ އާއެކު މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވިމެންސް ވޯލްޑް ކަޕުންވެސް މިވަނީ މަލާވީއަށް ޖާގަލިބިގެން ގޮސްފައެވެ.
މަލާވީގެ އިތުރުން މުބާރާތް ކާމިޔާބު ކުރި ކެމެރޫން އާއި ތިންވަނަ ހޯދި އަލްޖީރިއާ އަދި ސެމީފައިނަލަށް ދަތުރުކުރި މޮރޮކޯގެ ޓީމުވެސް ވަނީ މިއަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރު ކޮށްފައެވެ.
ފައިނަލް މެޗަށްފަހު ޗެމްޕިއަން ކެމެރޫން ޓީމަށް މެޑަލް ހަވާލުކޮށްދީފައިވަނީ މިވަގުތު ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ. ނަމަވެސް މިރަސްމިއްޔާތުގައި އިންފަންޓީނޯ ފެނިގެންދިޔައި ވަރަށް ހަމަޖެހި އަދި އުފަލާއެކު ރަސްމިއްޔާތުގައި ބައިވެރިވަމުންދިޔަ ތަނެވެ.
އިންފަންޓީނޯއަކީ އަދިވެސް އެފްރިކާ ބައްރުގައި ވަރަށް މަގުބޫލް ބޭފުޅެކެވެ. އޭނާގެ ރައީސް ކަމުގެ ދަށުން ފީފާއިންވަނީ އެފްރިކާ ބައްރުގައި ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
ކެމެރޫން އަންހެން ޓީމުގެ މިކާމިޔާބީ އާއި އެކު އެޓީމު ވެފައިވަނީ މިމުބާރާތް ކާމިޔާބު ކުރި ހަތަރު ވަނަ ޓީމަށެވެ. 1998 ވަނަ އަހަރުން ފެށިގެން ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މިމުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވަނީ 10 ފަހަރު ކާމިޔާބު ކޮށްފައިވާ ނައިޖީރިއާގެ ޓީމެވެ.
މީގެއިތުރުން އިކުއެޓޯރިއަލް ގިނީ ދެ ފަހަރު އަދި ދެކުނު އެފްރިކާ އެއްފަހަރު ކާމިޔާބު ކޮށްފައިވެއެވެ.