އާސެނަލް އަތުން ކޮމިއުނިޓީ ޝީލްޑް މެޗުން ބަލިވި ނަމަވެސް މެންޗެސްޓާ ސިޓީގެ ކުޅުން ރަނގަޅު ކަމަށާއި ނަމަވެސް ގިނަ ކަންކަން ބަދަލު ކުރަން ޖެހޭ ކަމަށް އައު ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
ފާއިތުވެދިޔަ 10 ސީޒަނަށް ފަހު ޕެޕް ގާޑިއޯލާ ޓީމު ދޫކޮށްލުމުން މި ސީޒަނަށް ޓީމާ ހަވާލުވި މަރެސްކާގެ އިރުޝާދުގެ ދަށުން ސިޓީ ކުޅުނު ފުރަތަމަ މެޗަކީ ވެސް މިއީ އެވެ.
"އަހަރުމެން ރަނގަޅަށް ކުޅުނު. ވަރަށް ރަނގަޅު ކޮމްބިނޭޝަނަންތަކެއް ވެސް ފެނިގެންދިޔަ. އެކަމަކު އެ މީހުން ޖެހި ދެ ވަނަ ގޯލާއެކު އަހަރުމެން އަތުން މެޗުގެ އޮއިވަރު ގެއްލިގެންދިޔަ. އެކަމަކު ވެސް އަހަރެން ބުނާނީ މުޅި މެޗުގައި ނަތީޖާ ނޫނީ ވަރަށް ގިނަ ކަންކަން ދިޔައީ ރަނގަޅަށޭ،" މަރެސްކާ ބުންޏެވެ.
އޭނާ ބުނީ ޒަމާންތަކަށް ފަހު މިއީ ސިޓީން އަލުން ޓީމެއް ބިނާ ކުރަން ޖެހުނު ފަހަރު ކަމަށާއި މިހެންވެ ކަންކަން ބަދަލު ކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ.
"އަހަރުމެން މުޅި ޓީމަށް ބަލާއިރު ވަރަށް ގިނަ ކަންކަން ބަދަލު ކުރަން ޖެހޭ. އަންނަ ހަފުތާގައި ޕްރެމިއާ ލީގު ފަށާއިރު އަހަރުމެން މި ސީޒަނަށް ޓީމު ތައްޔާރުމިވީ ބޮޑު ބަދަލުތަކަކާއެކު. އެހެންވީމާ އެންމެން ބޭނުންވާ ކާމިޔާބީތަކާ ހަމައަށްދާން ވަގުތު ބޭނުންވާނެ،" ޗެލްސީ އަށް ކުލަބު ވޯލްޑް ކަޕާއި ކޮންފަރެންސް ލީގު ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.
ސިޓީ އަކީ ފާއިތުވެދިޔަ 10 ސީޒަނުގައި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓީމެވެ. ގާޑިއޯލާ ޓީމު ދޫކޮށްލީ 10 އަހަރުން 20 ތަށި ހޯދައިދީފަ އެވެ.