ޚަބަރު

ތިލަފުށި ބަނދަރު: ޚިދުމަތްތައް ގުޅުވާލަން މޯލްޑިވްސް 2.0


  • ގުޅުންހުރި މުއައްސަސާތަކުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރާނެ

ތިލަފުށީގައި ގާއިމުކުރެވޭ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ސެންޓަރ އޮޕަރޭޓިންގ ޓޫލެއްގެ ގޮތުގައި މޯލްޑިވްސް 2.0 ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް އިޤްތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ނުވަތަ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަކީ މި ސަރުކާރުން އެންމެ ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިޤްތިޞާދީ ތަރައްގީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި މަޝްރޫޢަކީ ވަރަށް ދުރަށް ވިސްނައިގެން ކުރިއަށްގެންދެވޭ މަސައްކަތެއް ކަމަށެވެ. އަދި ބަނދަރު ތިލަފުށްޓަށް ބަދަލުކުރާއިރު، އެމްޕީއެލްގެ އިތުރުން ކަސްޓަމްސް އާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ އޮޕަރޭޝަންތައްވެސް އެތަނަށް ބަދަލުވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި މާލެ ވިޔަފާރި ބަނދަރުގެ %80 އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރާއިރު، ބޭރުގެ ބޮޑެތި ޕޯޓުތަކެކޭ އެއްގޮތަށް ތިލަފުށީ ޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައްވެސް އިތުރަށް ޒަމާނީވެ ފެންވަރު ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިޔަފާރި ބަނދަރުގެ ސެންޓަރ އޮޕަރޭޓިންގ ޓޫލްތައް ޒަމާނާއެއްގޮތަށް ޑިޖިޓަލްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މި ސިސްޓަމް ގާއިމްކުރުމުގައި ރައީސް ދެއްވާފައިވާ އިރުޝާދަކީ ޕޯޓު ޒަމާނީ ފެންވަރުގައި ހެދޭއިރުގައި ޕޯޓު ހިންގާ ސޮފްޓްވެއަރ މިހުރިހާ ކަމަކީވެސް ސީމްލެސްކޮށް ހިންގާނެ ކަމެއްގެ ގޮތުގައި ހެދުމަށް 2.0 ބޭނުންކުރުމަށް. މާނައަކީ ސެންޓަރ އޮޕަރޭޓިން ޓޫލްއަކަށް މޯލްޑިވްސް 2.0 ހެދުމަށް. އަދި 2.0ގެ ތެރޭގައި މުޅި ގަވަރނެންސާއެއްކޮށް މިކަން ގުޅުވާލުން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޕޯޓުގެ އޮޕަރޭޝަންތައް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އިންޓަރނޭޝަނަލް ކީވޯލް ގާތްގަނޑަކަށް 1.2 ކިލޯމީޓަރަށް ދަމާލެވި، އެއްފަހަރާ 3 ނުވަތަ 4 ބޯޓަށް ޚިދުމަތް ދެވޭ ވަރަށް ތަރައްގީކުރެވޭނެ ކަމަށާއި، މި ބަދަލާއެކު އެތަން ބައިނަލްއަގުވާމީ ފެންވަރުގެ ޕޯޓަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.

ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދޯނިފަހަރު ކައިރި ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ބާއްވަން ޖެހުމުން ހިނގާ ބޮޑެތި ޚަރަދުތަކަށް މިބަދަލާއެކު ހައްލެއް ލިބޭނެ ކަމަށެވެ. އަދި އަތޮޅު ފިހާރަތައް ހުންނަ އުސޫލުން ޗެއިން އޮފް ޝޮޕްސް އަދި ވެއަރހައުސްތަކާއި ސްޓޯރޭޖް ތަންތަން ގާއިމުކުރެވި، ޖުމްލަ ވަށާޖެހޭ ހައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ތިލަފުށްޓަށް ބަނދަރު ބަދަލުވުމުން ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މުދާ އަވަހަށް ކްލިއަރ ކުރެވުމަކީ މޭވާއާއި ތަރުކާރީ އަދި ކާބޯތަކެތީގެ މުހިންމު ބާވަތްތައް ހަލާކުނުވެ ތާޒާކަންމަތީގައި އަވަހަށް މާކެޓަށް ފޯރުކޮށްދެވޭނެ ކަމެއް ކަމަށެވެ. އަދި ވިޔަފާރިވެރިން ގެންނަ މުދާ ވީހާވެސް އަވަހަށް ފިހާރަތަކުގެ ހަރުތަކަށް ލިބުމަކީ ތަކެތީގެ އަގުތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމެއް ކަމަށް ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ތިލަފުށީގައި ޤާއިމްކުރާ ބަނދަރަކީ ޒަމާނީ ބަދަލުތަކާއެކު، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭހެން އެކުލަވާލާ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރެކެވެ. މިއީ، 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދެވޭ ފުރިހަމަ ލޮޖިސްޓިކްސް ނިޒާމެއް ބިނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ. އަދި އަންނަ އޮކްޓޫބަރު މަހު ޕޯޓުގެ ބައެއް ޚިދުމަތްތައް ތިލަފުށްޓަށް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރުގެ ނޮވެންބަރުގެ ކުރިން ޕޯޓުގެ އޮޕަރޭޝަންތައް ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.