ޚަބަރު

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ މ.ސޭންޑީހޮލޯ ޢަބްދުﷲ އިނާޒު

  • އެގެއިން 515.11 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވޭ

މާފަންނުގެ ގެއެއް ބަަލައި ފާސްކޮށް، މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދެއްވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ، މި މަހުގެ 13 ވަނަ ދުވަހު، ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މ. ސޭންޑީހޮލޯ / މާލެ، ޢަބްދުﷲ އިނާޒް (37އ) އެވެ. އެނާގެ ގެއިން 515.11 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މި މައްސަލައާ ގުޅިގެން ޢަބްދުﷲ އިނާޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ، އަމުރުކޮށްފައެވެ. އަދި ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި މި މައްސަލަ ފުލުހުން ގެންދަނީ، އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ ވަބާއަކީ، ދިވެހިރާއްޖޭގައިވެސް ބޮޑުވަމުންދާ މައްސަލައެކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. މީގެ ތެރެއިން 137.85 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ، މާލެ ސަރަޙައްދުންނެވެ.