ރާއްޖޭގެ ޓެނިސް ކުޅުންތެރިން ބައިނަލްއަގުވާމީ މައިދާނުގައި ވާދަކޮށް ހޯދާފައިވާ ކާމިޔާބީތަކާއި ޓެނިސް ކުރިއެރުވުމަށް އެކި ފަރާތްތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން ޓެނިސް ނައިޓް ބާއްވައިފިއެވެ.
މި ހަފްލާ ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ޤައުމީ ޓެނިސް ސެންޓަރުގައެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ބެހޭ ވަޒީރު ބައިވެރިވެވަޑައިގެންނެވި މި ހަފްލާގައި ޓެނިސް އެސޯސިއޭޝަނުގެ އިސްވެރިންނާއި ކުޅިވަރު ވުޒާރާގެ ބޭފުޅުންގެ އިތުރުން ޓެނިހުގައި ފިޔަޖަހަމުން އަންނަ ތަރިންނާއި ކޯޗުން ބައިވެރިވެފައިވެއެވެ.
ރާއްޖޭގެ ޓެނިސް ކުޅުންތެރިން ބައިނަލްއަގުވާމީ މައިދާނުގައި ވާދަކޮށް ހޯދާފައިވާ ކާމިޔަބީތަކާއި ޓެނިސް ކުރިއެރުވުމަށް އެކި ފަރާތްތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން ޓެނިސް ނައިޓް ބާއްވާފައިވާއިރު، ގިނަ އެވޯޑުތަކެއްވަނީ ދީފައެވެ. އެގޮތުން ޓެނިސް ކުރިއެރުވުމަށް އެކަޑަމީތަކުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް ދޭ ރެކޮގްނިޝަން އޮފް އެކަޑަމީ އެފޮޓްސް ހާސިލްކޮށްފައިވަނީ އެމްޓީއޭ އަދި އަކޫ އެކަޑަމީއެވެ. މީގެ އިތުރުން ޓެނިސް ކުރިއެރުވުމަށް ބީއެމްއެލް، ދިރާގު، މެރީބްރައުން އަދި އަލިބެގެ ފަރާތުން ދެމުންދާ އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށްވެސް ވަނީ ޚާއްސަ އެވޯޑެއް އަރުވާފައެވެ.
ފާއިތުވެދިޔަ އަހަރު ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ޓެނިސް ކުޅުންތެރިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް ދިން އެވޯޑުތައް ލިބިފައިވަނީ ޑޭވީސް ކަޕް 2024/2025 ގައި ވާދަކުރި ކުޅުންތެރިންނަށާއި ބިލީ ޖީން ކިންގ ކަޕް 2024/2025 ގައި ވާދަކުރި ކުޅުންތެރިންނަށެވެ. މީގެ އިތުރުން މި ދެ މުބާރާތުގައި ވާދަކުރި ޓީމަށް އިރުޝާދުދިން ކޯޗަށާއި ޓީމުގެ މެނޭޖަރުންގެ އަގުވަޒަންކޮށް އެފަރާތްތަކަށްވެސް ވަނީ މި ހަފްލާގައި އެވޯޑު އަރުވާފައެވެ.
ޤައުމީ ޓެނިސް ޓީމުން ފާއިތުވެދިޔަ އަހަރު ހޯދާފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ބިލީ ޖީން ކިންގް ކަޕް އޭޝިއާ /އޯޝޭނިއާ ގުރޫޕް3 ގެ ޒޯން ބީގެ 2 ވަނަ ރާއްޖެއަށް ހޯދައިދިނުމެވެ. ޤައުމީ ޓެނިސް ޓީމުންވަނީ ވާދަވެރި މެޗުތަކަށްފަހު އެމުބާރާތުގެ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ޓެނިސް އަންހެން ވޯލްޑް ކަޕް ކަމުގައި ބަލާ ބިލީ ޖީން ކިންގް ކަޕްގައި ރާއްޖެއިން ވާދަކުރީ ނަބާ އާއި އާރާގެ އިތުރުން ނަޔާރާ އުސާމާ ޢަލީ އާއި ޢާއިޝަތު ކަރިން ސައިޒާންއެވެ. ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިނަތު އިރުފާ މާހިރެވެ. ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ ޤައުމީ ޓެނިސް ޓީމުގެ ކޯޗު އީރާނުގެ ޢަލީ ރިޒާއެވެ.