ނ.ޅޮހީގެ އައިސްޕްލާންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް އެ ރަށުގައި އައު އައިސްޕްލާންޓެއް ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޅޮހީ އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނެވޭނެ ތާރީޚެއް ސާފުކުރެއްވުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ އައިސްޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރެވިފައިވީ ނަމަވެސް، އެންމެ އެކަށީގެންވާ ގޮތުގައި އެތަނުގެ ޚިދުމަތް ނުލިބޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ޅޮހީގައި މިހާރު ހުރި އައިސްޕްލާންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ރަށުގައި މުޅިން އައު އައިސްޕްލާންޓެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ހުރި އައިސްޕްލާންޓު މަރާމާތުކުރާނަމަ، އައު އައިސްޕްލާންޓެއްގެ އަގު ހޭދަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ، ކުރިން މިފްކޯއިން ހިންގަމުންއައި އައިސްޕްލާންޓުތައް ފެނަކައާއި ހަވާލުކުރުމުން، އައިސްޕްލާންޓުގެ މަސައްކަތްތައް ނޭނގޭ ބަޔަކު އެ އައިސްޕްލާންޓުތައް ބަލަހައްޓަން ތިބުން ކަމަށެވެ. އޭގެ ސަބަބުން އައިސްޕްލާންޓުތަކަށް އަޅާނުލެވުމުން ދިމާވި މައްސަލަތަކުން އަދިވެސް އަރައިނުގަނެވޭ ކަމަށާއި ޅޮހީ އައިސްޕުލާންޓަކީ އެފަދަ ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ޅޮހީ އައިސްޕްލާންޓުގެ ކަންކަން އޮތީ ވަރަށް ބަލިކޮށް. ޅޮހީ އައިސްޕްލާންޓަށް އައު ކޮމްޕްރެޝަރެއް ގެންދެވިއްޖެ. ޖެންސެޓެއް ގެންދެވިއްޖެ. އޭގެ މުޅި ރެފްރިޖަރޭޝަން ނިޒާމް ބަދަލުކުރެވިއްޖެ. އަދިވެސް ފުލް ކެޕޭސިޓީގައި އައިސް ނުއުފެއްދޭ." މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން މީގެކުރިން މަޖިލީހުގައި ވާހަކަ ދައްކަވަމުން ނ. ޅޮހީ އައިސްޕްލާންޓަށް ކުރިމަތިވެފައިވާ މައްސަލައަށް މިއަހަރު ތެރޭ ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
ނ.ޅޮއްސަކީ، ފަރުމަސްވެރިކަން ކުރާ ޑިންގީގެ އިތުރުން ބޮޑެތި މަސްދޯނި ހަރަކާތްތެރިވާ ރަށެކެވެ. ޅޮހީގެ އައިސްޕްލާންޓަށް ކުރިމަތިވެފައިވާ މައްސަލައަށް އަވަސް ހައްލެއް ގެެނެސްދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ.