ރާއްޖޭގެ އިންޑަސްޓްރީތަކުގެ ޚިޔާލާއި މަޝްވަރާ ސީދާ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭނެ ނިޒާމެއް ގާއިމްކުރައްވަން މަސައްކަތް ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންގެ އަޑު"ގެ ނަމުގައި ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވަން ފެއްޓެވި ސިލްސިލާގައި ފަތުރުވެރިކަމުގެ ދާއިރާގެ މާކެޓިންގައި މަަސައްކަތްކުރާ ޒުވާނަކު ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑު އެއްސެވުމަށްފަހު ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ސިޔާސަތުތަކާ ބެހޭގޮތުން އެ ސިނާއަތުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ސިނާއަތުގެ ކަންބޮޑުވުންތައް އަޑުއައްސަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ސިނާޢަތް ސިންދަފާތުކުރަން ބޭނުންވަނީ ދާއިރާގެ ތެރެއިން ގޮފިތައް އިތުރު ކޮށްގެންކަމަށެވެ. އެގޮތުން ކަލްޗަރަލް ޓޫރިޒަމާއި މައިސް ޓޫރިޒަމްއަކީ ކުރިއެރުވިދާނެ ދެ ބާވަތްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިހާރު ރިސޯޓް ހަދަން ފަށާ ހުއްޓިފައި ހުރި ރަށްތައް ހެދޭނެ ގޮތްތައްވެސް ބަލަމުންދާކަމަށެވެ.
"އަޅުގަނޑު މިހާރު މި އުޅެނީ އެކި ކަހަލަ ސެކްޓާތަކުގެ ބޭފުޅުންގެ މަޝްވަރާ ހުށަަހެޅޭނެ ކަހަަލަ ސިސްޓަމެއް ގާއިމްކުރަން. ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރެވޭނެ. އޭރުން ބިނާކުރަނިވި ޚިޔާލުތައް ހުށެހެޅޭނެ" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނާ ހުށަހެޅި ފަދަ ބިނާކުރަނިވި ހިޔާލުތައް އެ މަނިކުފާނާ ހަމައަށް ގެނެސް ކަމާބެހޭބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރަައީސް ވިދާޅުވިއެވެ.
އެ ޒުވާނާ ރައީސަށް ހުށަހެޅި އެއް ކަމަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮަތަކަށް ޓޫރިޒަމްގެ އިންޑަސްޓްރީގެ މސައްކަތް ކުރިއަށް ގެންދިއުމެވެ. އަދި އެތެރޭގެ ވައިގެ ދަތުރުފަތުރުގެ އަގުބޮޑުވުމަކީވެސް ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރިއެެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުުރުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެނެވެ. އިތުރު ރިސޯޓްތައް ތަރައްޤީކުރުމަށް ރަށްތައް ދޫކުރުމާއި ބެޑް ކެޕޭސިޓީ އިތުރުކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ވަކިން ޚާއްސަކޮށް ފަތުރުވެރިކަން ނެތް ސަރަޙައްދު ނުވަތަ ކުރިއަރާފައިނުވާ ސަރަޙައްދުތަކަށް މިސިނާޢަތުގައި ހުރި ފުރުޞަތުތައް ފަހިކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މި ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ރާއްޖެ އިޝްތިޙާރުކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުުރުމަށް އަންނަ ފަތުުރުވެރިންގެ އަދަދު އިތުރުކުރުމާއި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ފަތރުވެރިންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވިނަމަވެސް މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.