ޔަހޫދީ ސިފައިން ފަލަސްޠީނުގެ ޤުސްރާއަށް ގަދަބާރުން ވަދެގަނެ އެ ސަހަރުގައި ކާފިއުއެއް ހިންގައިފިއެވެ. ހުޅަނގު އައްސޭރީގެ ނާބްލުސް ދެކުނުގައި އޮންނަ އެ ސަހަރުގައި ޔަހޫދީން ކާފިއު ހިންގާފައި ވަނީ ޔަހޫދީ ވަޒަންވެރިން ޤުސްރާގައި ދިރިއުޅޭ ފަލަސްޠީނުގެ ޢާއިލާތައް ވަށާލައި ދުއްތުރާ ކުރަމުންދާތާ ހަތަރުވަނަ ދުވަސްވެފައި ވަނިކޮށެވެ.
މަންޒަރު ދުށް ބައެެއް މީހުން ބުނީ ޔަހޫދީ ސިފައިންގެ ބޮޑު ފައުޖެއް ޤުސްރާއަށް ވަދެފައިވާ ކަމަށެވެ. ފައިމަގުގާ ޙަރަކާތްތެރިވާ ސިފައިންނާއި ގިނަ ޢަދަދެއްގެ އަސްކަރީ އުޅަނދުތަކުގައި ޔަހޫދީ ސިފައިން އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ކަމަށް ވެއެވެ.
ޔަހޫދީ ސިފަައިން ވަނީ ފިހާރަތައް ބަންދުކުރުމަށް ނުހައްޤުން އަމުރުކޮށް، ގެއިން ބޭރަށް ނުނިކުމެވޭނެ ކަމަށް ރައްޔިތުންނަށް އަންގައި ކާފިއު ހިންގާފައެެވެ. އެއާއެކު، ޤުސްރާގެ މަގުތަކުގައި ޔަހޫދީ ވަޒަންވެރިންގެ އުނދަގޫ ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެ އަވަށުގެ ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
މައްސަލަ ފެށިފައި ވަނީ ޔަހޫދީ ވަޒަންވެރިން ޤުސްރާގައި ޢާންމުން ދިރިއުޅޭ ރައުސު އަލް-ޢައިން ސަރަޙައްދުގައި ފޭލިގެ ޖަހައި ވަގުތީ ބިނާތައް ހަދަން ފެށުމުންނެވެ. ވަޒަންވެރިން އެ ގޮތަށް ޢަމަލުކުރުމުގެ ސަބަބުން އެ ސަރަޙައްދުގައި ދިިރިއުޅޭ މީހުންނަށް ވަދެނިކުތުމަށް ހުރަސްއެޅުނެވެ. އަދި އެ ސަރަޙައްދަށް ޒިޔާރަތް ކުރާ މީހުންނަށް އެ މީހުންގެ ޢާއިލާ ގާތަށް ދިޔުމަށް ހުރަސްއެޅުނެވެ. ޤުސްރާގައި ދިރިއުޅޭ މީހުން ބުނީ ކާފިއުގެ ސަބަބުން ކާބޯތަކެއްޗާއި ކޮންމެހެން ބޭނުންވާ އެހެން ތަކެތި ނުލިބޭ ކަމަށާއި، އަމިއްލަ ގެދޮރުގައި ބަންދުވެ އެކަހެރިވެފައިވާ ކަމަށެވެ.
ޔަހޫދީން ވަށާލާފައިވާ އެއް ގެއަކީ އެމެރިކާގެ ރައްޔިތެއްގެ ގެއެކެވެ. ޤަވާއިދާ ޚިލާފަށް ބިންތަކުގައި ވަޒަންވެރިވުމަށް އާންމުކޮށް ހިތްވަރުދޭ ބޭފުޅެއް ކަމަށްވާ އެމެރިކާއިން ޔަހޫދީ ދައުލަތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީ ވަނީ އެ ކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. އޭނާ ވަނީ ޔަހޫދީންގެ ޢަމަލުތަކަކީ އެމެރިކާގެ ރައްޔިތެއްގެ ޢާއިލާއަށް ބިރުދެއްކުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އޭނާ ވަޒަންވެރިންގެ ޢަމަލުތައް ކުށްވެރިކުރައްވާފައި ވެސް ވެއެވެ.
1967ވަނަ އަހަރުން ފެށިގެން ޔަހޫދީން ދަނީ ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަންނަމުންނެވެ. އޭގެ ސަބަބުން އަސާސީ ބޭނުންތައް ކަށަވަރު ނުވާ ފަލަސްޠީނުގެ އެތައް މިލިޔަން ރައްޔިތުންނެއް އެބަ ތިއްބެވެ. އދން ޤަރާރުތައް ނެރެ ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ބިންތަކުން ފޭބުމަށް ގޮވައިލަމުން ދިޔަ ނަމަވެސް ޔަހޫދީން އެ ގޮވައިލުންތަކަށް ދެނީ ބީރު ކަންފަތެކެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ހަމަލާތައް ދޭން ފެށި ފަހުން ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިން ދެމުންދާ އަނިޔާތައް ވެސް ވަނީ އިތުރުވެފައެވެ. ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ވެސް 500،000އަށް ވުރެ ގިނަ ޔަހޫދީން ޤަވާއިދާ ޚިލާފަށް ދިރިއުޅެއެވެ. އިސްތިޢުމާރުކޮށްފައިވާ ބިންތަކުގައި އިސްތިއުމާރުކުރި މީހުން ވަޒަންވެރިވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން މަނާ ކަމެކެވެ.