ޚަބަރު

"ރައްޔިތުންގެ އަޑުއަހައި، އޮންނަ އުސޫލުގެ ދަށުން ކަންކަން ޙައްލުކޮށްދޭނަން"


  • "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ބައިވެރިވި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް އަޑުއެއްސެވި

  • ރައީސް ވިދާޅުވީ ވަގުތުވީ މިންވަރަކުން ވީހާވެސް ގިނަ ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށް

ރައްޔިތުންގެ އަޑުއަހައި، އޮންނަ އުސޫލުގެ ދަށުން ކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރައްވަން ފެއްޓެވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަދައްކަވަމުންނެވެ.

"ރައްޔިތުންގެ އަޑު" މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑްގައި ބައިވެރިވި ރައްޔިތުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ބޭސް ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ވަޒީފާއަށް ކުރިއެރުން ނާންނަފަދަ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރެއްވިއެވެ.

މިގޮތުން ރައީސްއާ ބައްދަލުކުރި ނުކުޅެދުންތެރިކަން ހުންނަ މީހަކު ވަނީ ފުރޮޅުލީ ގޮނޑީގައި މިސްކިތްތަކަަށް ވަންނަން އުޅުމުން ދިމާވި ދަތިތައް ރައީސްއާ ހިއްސާ ކުރައްވާފައެވެ. އަދި ގޮނޑީ އުޅޭއިރު ދިމާވާ އެެެހެން ދަތިތަކާއި އެންސްޕާގެ އެހީގައި ދޫކުރާ ގޮނޑީގެ ފެންވަރު ރަނގަޅު ނުވުމުގެ މައްސަލަވެސް ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ އޭނާ ފާހަގަކުރީ މުހިއްމު ކަންތައްތަކެއް ކަމަށާއި އެ ކަންތައްތައް ހައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ތިޔަ ވިދާޅުވި ކަންތަކުގައި ވެސް މަަސައްކަތް ކޮށްދޭނަން އިނގޭތޯ ރަނގަޅު ގޮތެއް ވޭތޯ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައްޔިތުން ފާހަގަކުރި ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ފުރަތަމަ ބަލަނީ އެއްވެސް ފުރުޞަތެއް ނެތް ފަރާތްތަކަށް އިސްކަންދިނުމަށްކަމަށެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އިތުރު ފްލެޓްތައް އެޅޭނެ ގޮތްތައް ބަލަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮންމެ ކަމެއްވެސް ހިއްސާކުރުމަށާއި މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލަފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނަށް ވަގުތުވީ މިންވަރަކުން ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުޞަތު ދެމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން އެދޭ ކަންކަަންކަމުގައި ކޮށްދެވެން އޮތް ހުރިހާ ކަމެއް އޮންނަ އުސޫލްތަކުގެ ތެރެއިން ވީއެންމެ ރަނގަޅަށް ކޮށްދެމުންދާނެ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްއަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެދޭ މީހުންގެ އަދަދަށާއި، މި ބައްދަލުންވުންތަކަށް ކަނޑައެޅިފައިވާ ވަގުތަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިދާރީ އިންތިޒާމުތަކަށް ބަލައިގެން ބައްދަލުންވުންތަކަށް ފުރުސަތު ދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަ ދެއްކުމުގެ ފުރުޞަތު މިޕްރޮގްރާމުގެ ތެރެއިން ފަހިވެގެންދާނެއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވާ ފާރަތްތަކުގެ އަމިއްލަ ވާހަކައާއި، އެ ފަރާތެއް ނިސްބަތްވާ އިދާރާއާ ގުޅުންހުރި ވާހަކައާ މުޅި ރައްޔިތުންގެ މަސްލަހަތު އެކުލެވޭ ކަންކަމުގެ ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބެއެވެ. މީގެކުރިންވެސް އެމަނިކުފާނު ވަނީ، ރައްޔިތުންނާ ގާތަށް ވަޑައިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.