ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލެވެ. މާދަމާގެ ކުރިމަގެވެ. އެހެންކަމުން ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 5ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ޒުވާނުން ބާރުވެރިކުރަން ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކާ ކުރާ މަސައްކަތުގެ ނަތީޖާ ރަނގަޅުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކުޅިވަރުމަރުކަޒުތައްވެސް ހަމައެކަނި މާލެގައި ޤާއިމްކުރުމުގެ ބަދަލުގައި މުޅި ރާއްޖެއަށް އިސްކަން ދީގެން އަޅުގަނޑުމެން އެ މަސައްކަތް މި ކުރިއަށްގެންދަނީ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން މި އަހަރުގެ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޙިއްސާކުރެއްވި މެސެޖުގެއްގއި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %45 އަކީ ޒުވާނުންކަމަށްވާއިރު، އެމީހުންގެ ހުވަފެންތަކާއި ލަނޑުދަނޑިތަކަކީ ޤައުމުގެ މުސްތަޤުބަލު ބިނާކޮށްދޭނެ މުހިންމު އަސާސެއްކަމަށެވެ. އެހެންކަމުން ޒުވާނުންނަށް ބޭނުންވާ މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ހުނަރުތައް ތަރައްޤީކުރުމާއި ވަޒީފާގެ ފުރުޞަތުތައް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ޒުވާން ޤާބިލު ހުނަރުވެރި، މަސައްކަތްތެރި ޒުވާން އާބާދީއެއް ބިނާކޮށްދެއްވުމެވެ. އެގޮތުން އެންމެ ޚާއްސަ އިސްކަމެއްދެއްވާކަމަކީ އިސްލާމްދީނަށް ޒުވާނުންގެ މެދުގައި ލޯބިޖެއްސުމާއި، ދީނީކަންކަމުގައި ޒުވާނުންގެ ޝާމިލްވުން އިތުރުކުރުމަށް ބާރުއެޅުއްވުމެވެ.
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަށް ސަރުކާރުން ދެއްވާ އިސްކަމަކީ މިކަމުގެ މިސާލެކެވެ. މި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 4 ބުރެއް ކުރިއަށްގެންގޮސްފައިވެއެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާގޮތުގައި ޒުވާން ޚަތީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ވަނީ ސަނަދު ހޯދާފައެވެ. އެ ވުޒާރާގެ އަމާޒަކީ 1000 ޒުވާން ޚަތީބުން ތަމްރީންކުރުމެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތަ އަކީ ޒުވާނުންކަމަށްވާއިރު، ޤައުމުގެ ހުރިހާ ފަންތިއެއްގައިވެސް، ނިންމުންތައް ނިންމާ މަޤާމުތަކުގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ ރައީސް ކުރައްވާ އުއްމީދެކެވެ.
ޤައުމުގެ ކަންކަމުގައި ޒުވާނުންގެ ބަސް ހޯދުން އިތުރުކުރުމާއި، "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް"ގެ ނަމުގައި ޒުވާނުންގެ ސުވާލުތަކައް ޖަވާބުދެއްވުމާއި، ޒުވާނުން ހިމެނޭ ޔޫތު ޕާލިމެންޓެއްގެ ތަޞައްވުރަކީ ޤައުމު ބިނާކުރުމުގައި ޒުވާނުން ހިމެނުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ބައެކެވެ. ހަމައެހެންމެ "ޔޫތު ކޮންފަރެންސް ވިތު ޕްރެޒިޑެންޓް" މެދުވެރިކޮށް ޒުވާނުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ހައްލުގެނެސްދެއްވުމަށް ރަނގަޅު ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ކަމާއި ގުޅުންހުރި ފަރާތްތަކާއި އެމަނިކުފާނު ވަނީ ހަވާލުކުރައްވާފައެވެ.
ޒުވާނުން ބާރުވެރި ކުރުވުމުގެ އެންމެ މުހިންމު އެއްބަޔަކީ ޒުވާނުންގެ ޤާބިލިއްޔަތުކަން ކުރިއެރުވުމެވެ. އެހެންކަމަށްވާއިރު، ޒުވާނުންނަށް އެކި ދާއިރާތަކުން ބޭނުންވާ ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް މި ސަރުކާރުންކޮށްފައިވެއެވެ. އެގޮތުން 2025ގެ ނިޔަލަށް އެކި ދާއިރާތަކުން 540އަށްވުރެ ގިނަ ޒުވާނުން ތަމްރީންކޮށްފައިވެއެވެ. ޒުވާނުން ބާރުވެރިކުރުވުމަށް ހިންގާފައިވާ ޕްރޮގްރާމްތަކުގެތެރޭގައި ހިމެނެނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމެވެ. މީގެ ސަބަބުން އެކި ދާއިރާތަކުން ދިވެހި ޒުވާނުންނަށް ފުރުސަތު ލިބި، އެ ދާއިރާތަކުން ކުރިއަރާދާނެ ޒުވާން ޝަހުސިއްޔަތުތައް ބިނާކުރުމަށް މަގުފަހިވެއެވެ.
ދީނީ، ތަޢުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް ޒުވާނުންނަށް ކުޅިވަރުކުރުމާއި، ފަންނުވެރި ދާއިރާތަކުން ކުރިއަށްދާން ސަރުކާރުންދަނީ މަގުފަހިކޮށްދެމުންނެވެ. އަތޮޅުތެރޭގައި ސަރުކާރުން ޤާއިމްކުރަން ނިންމާފައިވާ ޔޫތުހަބްތަކުގެ މައިގަނޑު މަޤްސަދަކީވެސް އެއީއެވެ.
ހަމައެހެންމެ ޒުވާނުންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުން އެހާމެ އިސްކަންދެއްވާކަމެކެވެ. އެގޮތުން މިދިޔަ ޖުލައި މަހު "ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ" އިނީޝިއޭޓިވްގެ ދަށުން، ޒުވާން ވިޔަފާރިވެރިންނަށް ދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ސަބަބުން، ޒުވާނުންނަށް މާލީ އެހީތެރިކަމުގެ އިތުރުން، މެންޓަރޝިޕް، ވިޔަފާރީގެ ތަމްރީނު، ވިޔަފާރިތައް ރަސްމީކޮށް ރަޖިސްޓްރީކުރުމުގެ އެހީތެރިކަންލިބޭނެއެވެ. އަދި މަޝްރޫއުތައް މޮނިޓަރކުރުން ފަދަ ހިދުމަތްތައް ފޯރުކޮށްދީ، ޒުވާން ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް މި މަޝްރޫޢުގެ ސަބަބުން އެހީތެރިކަން ލިބޭނެކަން ފާހަގަކޮށްލެވެއެވެ.
މިއީ މާލީގޮތުން ޒުވާން ވިޔަފާރިވެރިން ބާރުވެރިކުރުމުގެ އިތުރުން، ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ އިލްމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުފަދަ މުހިންމުކަންކަން ފުރިހަމަކުރުމަށް ރަނގަޅު ފިޔަވަޅެކެވެ.
މާލީ ބާރުވެރިކަމާއި، އިޤްތިސާދީ ފިކުރާއި އެކު ޤައުމުދެކެ ލޯބިވާ ދިވެހިވަންތަ ޒުވާން ޖީލެއް އުފެެއްދުމަކީ މުހިންމުކަމެކެވެ. އެ މަގުން ފެށި އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ.މުއިއްޒުގެ ޚާއްސަ އިރުޝާދާއިއެކު ފެއްޓެވި ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީން ޕްރޮގްރަމެވެ.
މިއީ ޤައުމުދެކެ ލޯބިވާ، ޤައުމުގެ ކަންކަމާއި މެދު ވިސްނާ ހަރުދަނާ ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެކެވެ. ކަންކަމާއި ކުރިމަތިލާންކެރޭ، ވިސްނުން ހިނގާ، ހަށިހެޔޮ ޒުވާނުން އުފެދުމަކީ ޤައުމުގެ ކުރިމަގަށް ލިބޭނެ ފަހިކަމެކެވެ.
އެހެންކަމުން ފުރުސަތުތަކާއި، ތަމްރީނާއި، ތަޖުރިބާގެ އިތުރުން ހަށިހެޔޮ، ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރާކަން ޔަޤީންކުރުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއްކުރައްވަމުންނެވެ.