މިއަހަރުގެ މެއި/ޖޫންގައި އޭ ލެވެލް އިމްތިހާނު ހެދި ދަރިވަރުންނަށް ނަތީޖާ ދޫކުރަން ފަށައިފިއެވެ.
މެދުކެނޑުމަކަށް ފަހު އަމިއްލަ ގޮތުން މެއި/ޖޫންގައި އޭ ލެވެލް ހަދަން ހުޅުވާލީ މި އަހަރު ފެބްރުއަރީ މަހުއެވެ. އެ މުއްދަތުގައި 1،229 ދަރިވަރުން އިމްތިހާނު ހަދާފައިވެއެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ވިދާޅުވީ ކޭމްބްރިޖް އައިޖީސީއެސްއީ އާއި އެސްއެސްސީ އިމްތިހާނު ހެދި ދަރިވަރުންނަށް މިއަދު މެންދުރު 12:00އިން ފެށިގެން އެ ދަރިވަރަކު ނިސްބަތްވާ ސްކޫލަކުން ނަތީޖާ ދޫކުރަން ފަށާފައިވާ ކަމަށެވެ.
އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރުންނަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 1:30 އަށް ސެޓްފިކެޓް ދޫކުރާނެކަމަށް ވެސް ޑީޕީއީން ވިދާޅުވިއެވެ.
ސެޓްފިކެޓް ނަގަން ދާއިރު އައިޑީ ކާޑު ގެންދަން ޖެހެއެވެ. ބަދަލުގައި މީހަކު ފޮނުވާ ނަމަ އިމްތިހާނު ހެދި ދަރިވަރުގެ އައިޑީ ކާޑުގެ ކޮޕީއަކާއި ބަލައިދާ މީހާގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށް ޑީޕީއީން ވިދާޅުވިއެވެ.
މި އަހަރު އިމްތިހާނު ހެދި ދަރިވަރުންގެ ތެރޭގައި ހިމެނެނީ މާލެއިން ބައިވެރިވި 916 ދަރިވަރުންނާއި އައްޑޫ، ހިތަދޫން ބައިވެރިވި 147 ދަރިވަރުންނެވެ. ފުވައްމުލަކުން 27 ދަރިވަރަކު ބައިވެރިވިއެވެ.
2019 ވަނަ އަހަރަށްފަހު މެދުކަނޑާލާފައިވާ އޭލެވެލް އެޑެކްސެލް މެއި، ޖޫން އިމްތިހާނު، މިއަހަރުން ފެށިގެން އަލުން ރާއްޖޭގައި ބާއްވާ ގޮތަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ނިންމެވީ، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި ގޮތަށް ނިންމެވީ، އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އޭލެވެލް އެޑެކްސެލް މެއި، ޖޫން ސީރީސް އަލުން ފެށި ނަމަވެސް، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އޭލެވެލް އިމްތިހާނު މިހާރެކޭވެސް އެއްގޮތަށް އޮންނާނީ، އޮކްޓޫބަރު/ނޮވެމްބަރު މަހު ކަމަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.