ޚަބަރު

ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ޖުލައިމަހު މަދު


  • ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައިވޭ

ރޯގާގެ ގޮތުގައި ފެތުރޭ ބަލިތަކުގެ އަދަދު ޖޫންމަހާ އަޅާބަލާއިރު މިދިޔަ ޖުލައިމަހު ދަށްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޑެންގީ، އަރިދަފުސް ރޯގާ، އިންފްލުއެންޒާ އަދި ބޭރަށް ހިންގުންފަދަ ބަލިތައް ރިޕޯޓްކޮށްފައިވާ މިންވަރުވަނީ ދަށްވެފައެވެ. އެހެންނަމަވެސް ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

އެެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު، މި އަހަރު ޖުލައި މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަނީ މަދުވެފައެވެ. އެގޮތުން މިދިޔަ ޖޫން މަހު ޑެންގީހުން ޖެހިގެން 673 މީހުން ރިޕޯޓުކޮށްފައިވާއިރު، ޖުލައި މަހު 443 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

ޑެންގީހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

• ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެދުން އެޅުން
• މަދިރި ލޯޝަން/ ސްޕްރޭ ނުވަތަ ރެޕެލެންޓް ބޭނުންކުރުން
• ފަތިސް ގަޑިއާއި ހެނދުނު ގަޑީ ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
• ހުސް ފުޅި/ ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާލާފައި ނުބެހެއްޓުން
• ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުން

ޑެންގީ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތައް:

• އަރާމު ކުރުން
• ގިނަގިނައިން ދިޔާތަކެތި ބޭނުން ކުރުން
• ޕެރެސެޓަމޯލް ބޭނުންކުރުން

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫންމަހާ އަޅާބަލާއިރު ޖުލައި މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދުވެސްވަނީ ދަށަށް ގޮސްފައެވެ.

މިއަހަރުގެ ޖޫން މަހު، އަރިދަފުސް ރޯގާޖެހިގެން 34877 މީހުން ރިޕޯޓްކޮށްފައިވާއިރު ޖުލައިމަހު ރިޕޯޓްކޮށްފައިވަނީ 29663 މީހުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖޫންމަހާ އަޅާބަލާއިރު ޖުލައިމަހު އިންފުލްއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު މީހުންގެ އަދަދުވަނީ މަދުވެފައެވެ. އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން މިދިޔަ ޖޫންމަހު 451 މީހަކު ޓެސްޓްކޮށްފައިވާއިރު މީގެ ތެރެއިން 142 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. އަދި ޖުލައި މަހު 212 މީހުން ޓެސްތްކޮށްފައިވާއިރު ޕޮޒިޓިވްވެފައިވަނީ 33 މީހުންނެވެ. މިއަހަރުގެ މިހާތަނަށް އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން 2945 މީހުން ޓެސްޓްކޮށްފައިވާއިރު 1043 މީހަކުވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.

އިންފްލުއެންޒާ، ކޮވިޑުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

• ކެއްސާ ކިނބިހި އަޅާއިރު ނޭފަތް ނިވާކުރުން
• އާންމު ސާގުތާހިރުކަމަށް ސަމާލުވުން
• ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
• ކުޑަކުދިނަނާއި ދުރުހެލިވުން
• ވެކްސިން ޖެހުން
• ބަލިމީހާއާއެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބޭރަށް ހިންގުން ޖެހިގެން މިދިޔަ ޖޫންމަހު 4442 މީހުން ރިޕޯޓްކޮށްފައިވާއިރު ޖުލައިމަހު ރިޕޯޓްކޮށްފައިވަނީ 4307 މީހުންނެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

• ކެއުމުގެ ކުރިންނާއި ފަހުން ސައިބޯނިލައިގެން އަތްދޮވުން
• ފާހަނަކުރުމަށްފަހު ނުވަތަ ނެޕީ ބަދަލުކުރުމަށްފަހު އަތްދޮވުން
• ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުން ކުރުން
• ރޯ ތަރުކާރިއާއި މޭވާ ދޮވެގެން ބޭނުން ކުރުން
• ކާބޯތަކެތި ރައްކާކުރާ ތަނާއި ތައްޔާރުކުރާތަން ސާފުކުރުން
• ފެން ކައްކައިގެން ބޭނުން ކުރުން

ހޮޑުލެވި ބޭރަށް ހިންގާ ނަމަ ގިނަގިނައިން ލޮނު ޕެކެޓް ބޭނުންކުރުމަށާއި ފެން، ސޫޕް، ކުރުނބާ ފެން ފަދަ ތަކެތި ބޭނުންކުރުމަށާއި ތުއްތު ކުދިންނަށް ގާތުން ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށްވަނީ އިރުޝާދުދެއްވާފައެވެ. މީގެ އިތުރުން ބަލި ޖެހިފައިވާ މީހާ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ކުދިންނާއި ދުރުހެލިވެ ހުރުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ.