ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއެކު ރަށްރަށުގައި ކައުންސިލުތައް އުފެދި، ރަށުގެ ތަރައްޤީގެ މުހިންމު ބައިވެރިއަކަށް ކައުންސިލުތައް ވަނީ ވެފައެވެ. ސަރުކާރުތަކުން ރަށްރަށުގެ ކުރިއެރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކުގެ ލޭޔަރަކަށް ކައުންސިލުތައް ވަނީ ވެފައެވެ. މަޝްރޫއުތައް ހިންގުމަށް ޖާގަތައް ހެދުމާއި ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ދޭންޖެހެނީ، ކައުންސިލުތަކުންނެވެ.
ރަށްރަށާއި ސިޓީތަކުގައި ކައުންސިލަށް އިންތިޚާބުވާ ހުރިހާ މެންބަރުންނަކީ، ސަރުކާރު ތަމްސީލު ކުރައްވާ ޕާޓީން ނުވަތަ ސަރުކާރަށް ތާޢީދު ކުރާ މެންބަރުންނަށް ވާކަށް ނުޖެހެއެވެ. މިހާތަނަށް އިންތިޚާބުވި ކައުންސިލުތަކުގައިވެސް އެއިރެއްގައި އޮންނަ ސަރުކާރަކާ ޚިޔާލު ތަފާތު އެތައް ކައުންސިލުތަކެއް ވަނީ ފެނިފައެވެ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިނަމަވެސް ސަރުކާރާއި ކައުންސިލުން މަސައްކަތް ކުރަންޖެހޭނީ، އެ ޚިޔާލު ތަފާތުވުންތަކާ އެކަހެރިވެ ރައްޔިތުންނާއި ރަށުގެ ކުރިއެރުން އިސްކޮށްގެންނެވެ.
ގިނަ ކައުންސިލުތަކުން ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިނަމަވެސް ރަށުގެ ތަރައްޤީއަށް ނުވަތަ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މުހިންމު މަޝްރޫއުތަކަށް ފުރުސަތުދެއެވެ. އެ ބޭނުންވާ ބިން ފޯރުކޮށްދިނުމާއި އެ ނޫން ގޮތްގޮތަށްވެސް ސަރުކާރުން އެ މަޝްރޫއެއްގައި އެދޭ ކޮންމެ އެހީތެރިކަމެއް އެ ކައުންސިލަކުން ފޯރުކޮށްދެއެވެ.
ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ބައެއް ކައުންސިލުތަކުން އަދިވެސް ރައްޔިތުންނާއި ރަށުގެ ކުރިއެރުމަށްވުރެ އެ ބައެއްގެ ސިޔާސީ ފިިކުރު އިސްކުރާ ކަމެވެ. ސަރުކާރުން އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ކުރިއަށްގެންދަން ނިންމާ މަޝްރޫއުތަކަށް ހުރަސް އެޅުމަކީ، އެ ކައުންސިލުތަކުގެ މަގުސަދެވެ. ސަރުކާރަށް ކަންކަން ނުވާކަން ހާމަކުރުމަށް ސިޔާސީގޮތުން ބޭނުންކުރާ އުކުޅަކަށް މިގޮތަށް ކަންކަން ކޮށްފައިވާކަން ކުރީ ސަރުކާރުތަކުގައިވެސް ވަނީ ފެނިފައެވެ.
މިފަދަ ކަންކަމުގައި ދެރަ ލިބެނީ، އެއިރެއްގައި އޮންނަ ސަރުކާރަކަށް ނޫނެވެ. ދެރަ ލިބެނީ، އެ ރަށެއްގެ ރައްޔިތުންނަށެވެ. ތަރައްޤީގެ ރޭހުގައި ފަހަތަށް ޖެހެނީ، އެ ރަށެކެވެ. ތަރައްގީގެ މަޝްރޫއުތަކުން މަހުރޫމުވަނީ، އެ ރަށެއްގެ ރައްޔިތުންނެވެ. އެފަދަ ރަށްތަކުގައި މަޝްރޫއުތައް މަޑުޖެހި، އަދި ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދެވޭތީ އެކަމުގެ ޝަކުވާތައް ރައްޔިތުންވެސް ކުރެއެވެ. މިއީ، ޖުމްލަ ހައްލެއް އެކަމަކަށް ބޭނުންވެފައި އޮތް މައްސަލައެކެވެ.
"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު"އަށް ހުށަހަޅާފައިވާ އިސްލާހުން ލިބިގެންދަނީ، މި ހައްލެވެ. މަޖިލީހުގެ މިނިވަން މެންބަރެއް ކަމަށްވާ ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ރައްޔިތުންނާއި ރަށުގެ ތަރައްގީއަށް މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް ބޭނުންވާ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ވަޒީރުންގެ މަޖިލީހުގެ ނިންމުމާއެކު ދައުލަތަށް ނެގޭނެ ކަމަށް ބަޔާން ކުރައްވާފައިވެއެވެ. އަދި މިއީ މަޝްރޫއުތަކުގެ މަސައްކަތް ހަލުވިވެގެންދާނެ އިސްލާހެއް ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ.
ޤާނޫނު މިހާރު އޮތްގޮތުން ކައުންސިލުތަކުގެ އިހުތިސާސްގައި ހިމެނޭ އެއްވެސް ބިމެއް ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ލިބޭނީ، އެ ކައުންސިލަކުން އެގޮތަށް ކަނޑައެޅުމުންނެވެ. އެއީ، ކިތަންމެ މުހިންމު މަޝްރޫއަކަށްވިނަމަވެސް ކައުންސިލުން އެ ބިން ނުދޭނަމަ އެ މަޝްރޫއެއް އެރަށެއްގައި ހިންގޭނެ ޖާގައެއް ސަރުކާރަކަށް ނޯވެއެވެ. އޭގެ ނާޖާއިޒު ފައިދާ ނަގާ ކައުންސިލުތަކުން ނަގައެވެ. އެ ބިންތައް ނުދިނުމަށް އެކި ހުއްޖަތްތައް ދައްކައި، މަޝްރޫއުތައް ހިންގުމަށް ހުރަސް އަޅައެވެ.
ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ކައުންސިލުތަކުން ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި އެއްބާރުލުން ދޭންވާނެ ކަމަށްވެސް ވަނީ ބަޔާންކުރައްވާފައެވެ. މިއީ، ޤާނޫނެއްގައި ބަޔާން ނުކުރި ނަމަވެސް ކައުންސިލުތަކުގެ ޒިންމާއެކެވެ. އިސްލާހުގައި އެބައި ހިމަނާފައިވަނީ، މަދު ކައުންސިލަކުން ނަމަވެސް އެ ފުރުސަތު ސަރުކާރުތަކަށް ނުދީ ރަށާއި ސިޓީގެ ތަރައްޤީއަށް ހުރަސް އަޅަމުންދާތީއެވެ.
ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއަކަށް ބިން ދޫކުރުމަކީ، ކައުންސިލަށް ގެއްލުންވާނެ ކަމެއް ނޫނެވެ. ނުވަތަ ކައުންސިލުގެ ބާރު ދަށްވާނެ ކަމެއްވެސް ނޫނެވެ. އެއީ، ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހުވާކުރައްވައިން ތިއްބެވި އެ ރައްޔިތުންގެ މަންދޫބުން ހެޔޮ ހިތުން ކުރަންވާނެ ކަންކަމެވެ.