ޚަބަރު

"މާޒިޔާއިން ތަމްސީލްކުރަނީ ރާއްޖެ، ދަނޑަށްވަދެ ތަރުހީބު ދޭން އެދެން"


  • އޭއެފްސީ ޗެލެންޖް ލިގުގައި މިއަދު މާޒިޔާއިން މުހިންމު މެޗެއް ކުޅޭނެ

  • މާޒިޔާއިން ނުކުންނާނީ ތަޖިކިސްޠާނުގެ ރެގާރު ޓަޑާޒްއާ ދެކޮޅަށް

  • މެޗު ކުޅޭނީ ގަލޮޅު ދަނޑުގައި 15:00ގައި

އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ ފުޓުބޯޅައިގެ ގަދަބާރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިއަދު ތަޖިކިސްޠާނުގެ ރެގާރު ޓަޑާސްއާ ދެކޮޅަށް ނުކުންނަ މެޗުގައި، ވީހާވެސް ގިނަ ދިވެހިން ދަނޑަށް ވަދެ، ޓީމަށް ސަޕޯޓުކުރުމަށް އެ ޓީމުން އެދިއްޖެއެވެ.

މާޒިޔާއިން މިއަދު ކުޅޭ މެޗަކީ އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ ބުރުގައި ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެގެން މާޒިޔާއަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ލިބޭނެއެވެ.

މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލާއެކު މުބާރާތުން ފުރުސަތު ލިބެނީ ރާއްޖޭގެ އެންމެ ޓީމަކަށެވެ. އެންމެފަހުގެ ލީގު ޗެމްޕިއަންގެ ހައިސިއްޔަތުން މިފަހަރުގެ މުބާރާތުން އެ ފުރުސަތު ލިބެނީ މާޒިޔާ އަށެވެ.

ފޯމެޓަށް ގެނައި ބަދަލާއެކު ކުޅުނު ފުރަތަމަ މުބާރާތުގައި މާޒިޔާއިން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނެވެ. އެހެންނަމަވެސް މިދިޔަ އަހަރުވެސް އަދި މި އަހަރުވެސް މާޒިޔާ ކުޅެން މި ޖެހެނީ ޕްރިލިމިނަރީ ބުރުގައި ނުވަތަ ޕްލޭ އޮފް ބުރުގައެވެ.

"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން މާޒިޔާގެ މެނޭޖްމަންޓުން ބުނީ، މިއީ ދިވެހި ފުޓުބޯޅައަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި، ރަނގަޅު ނަތީޖާއެއް ލިބުމުން ރީތި ނަން ލިބޭނީ ހަމައެކަނި މާޒިޔާއަށް ނޫން ކަމަށެވެ. އެ ކާމިޔާބީއާއިއެކު މުޅި ދިވެހިރާއްޖެއާއި ދިވެހިންނަށް ވެސް އެކަމުގެ ރީތިނަން ލިބޭނެކަމާއި، މާޒިޔާއިން ތަމްސީލުކުރަނީ ރާއްޖެކަން އެ ކުލަބުން ފާހަގަކުރެއެވެ.

އެހެންކަމުން، މިއަދުގެ މެޗުގައި ގަލޮޅު ދަނޑަށް، ގިނަ އަދަދެއްގެ ދިވެހިންތަކެއް ވަދެ، ޓީމާއިއެކު ތިބިކަން ކުޅުންތެރިންނަށް ހާމަކޮށްދީ، ޓީމަށް ހިތްވަރުދީ ސަޕޯޓުކޮށްދިނުމަށް މާޒިޔާއިން ވަނީ އެދިފައެވެ.

"އޭއެފްސީ ޗެލެންޖް ލީގަކީ ދިވެހި ފުޓްބޯޅައަށް ވަރަށް މުހިންމު މުބާރާތެއް. ސަރަހައްދީ މުބާރާތުން އެންމެ ޖާގައެއް ރާއްޖެއަށް ލިބޭއިރު، މާޒިޔާގެ އަމާޒަކީ ޕްރިލިމިނަރީ ބުރުން މޮޅުވެ، ގުރޫޕް ސްޓޭޖުން ޖާގަ ހޯދުން. އެއީ ހަމައެކަނި މާޒިޔާއަށް ލިބޭނެ ރީތި ނަމެއް ނޫން. އެއީ ރާއްޖެއަށް ލިބޭނެ ރީތި ނަމެއް. މާޒިޔާ އިން މިއަދު މި ތަމްސީލުކުރަނީ ހަމައެކަނި ކްލަބެއް ނޫން. މިއަދު މި މުބާރާތުގައި މާޒިޔާ މި ތަމްސީލުކުރަނީ ދިވެހިރާއްޖެ. އެހެންކަމުން، ވީހާވެސް ގިނަ ބަޔަކު ދަނޑަށްވަދެ، ޓީމަށް ތަރުހީބު ދިނުމަކީ ވަރަށް ބޮޑު އެދުމެއް" މާޒިޔާގެ މެނޭޖްމަންޓުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ބުންޏެވެ.

މާޒިޔާއިން މިއަދު އޭއެފްސީ ޗެލެންޖް ލީގުގައި ތަޖިކިސްޠާނުގެ ރެގާރު ޓަޑާސްއާ ދެކޮޅަށް ނުކުންނައިރު، މާޒިޔާއިން މި މުބާރާތުގެ ޖާގައެއް ހޯދީ ފާއިތުވީ ސީޒަނުގައި ދިވެހި ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ލީގު ޓައިޓަލް ހޯދައިގެންނެވެ.

ފާއިތުވީ 13 ވަރަކަށް އަހަރުގެ ތެރޭގައި މާޒިޔާ ވަނީ ރާއްޖޭގެ ފުޓުބޯޅައިގައި ގިނަ ކުރިއެރުންތަކެއް ހޯދައި، މިއަދު ދިވެހި ފުޓުބޯޅައިގައި އޮތް އެންމެ ވަރުގަދަ، އިދިކޮޅު ޓީމުތަކުން އެންމެ ޖެހިލުންވާ ޓީމަށް ވެފައެވެ.