ޚަބަރު

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި


  • 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރު އަރަބިއްޔާގައި ކިޔަވައިދޭން ފެށުމަށް ވަނީ ހަމަޖެހިފައި

  • މި ސްކޫލުގައި ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ އިތުރު ވަސީލަތްތައް ގާއިމުކުރެވޭނެ

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މިހާރު ޢިމާރާތް ކުރެވެމުންދާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތުގެ މަސައްކަތަކީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން 12 ނޮވެންބަރ 2024 ގައި އާރްސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑޮކްޓަރ އިސްމާޢީލް ޝަފީޢުގެ އިތުރުން އާރްސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ޢަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުންގެ އިތުރުން މަތީ ތަޢުލީމު ހާސިލްކުރުމަށް އެދިއެދި ތިބި ބައެއް ދަރިވަރުން ވަނީ އެމަނިކުފާނާ ބައްދަލުކުރައްވައި، އެދަރިވަރުންގެ ޝުއޫރުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެދަރިވަރުންގެ ޝުއޫރުތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދަރިވަރުން ހިއްސާކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެއްވެން ހުރި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވައި ސަރުކާރުން މަތީ ތަޢުލީމަށް ދެއްވާ ޚާއްސަ އިސްކަން ފާހަގަކުރައްވާފައެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް 31ޑިސެންބަރ 2026ގެ ނިޔަލަށް ނިންމައި، އަންނަ 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގައި ކިޔަވައިދޭން ފެށުމަށް ވަނީ ހަމަޖެހިފައެވެ. 10 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ސްކޫލުގެ ކްލާސްރޫމްތަކާއެކު ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ އިތުރު ވަސީލަތްތައް ގާއިމުކުރެވޭނެވެ.

ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އައު އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މި ސްކޫލްގެ މަސައްކަތް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ރަނގަޅު ފެންވަރުގައި ކުރިއަށްގެންގޮސް ނިންމައި، ހުޅުވައި، ކިޔަވައިދޭން ފެށުމަށް ކުރެވޭ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އަހަންމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.