ޚަބަރު

ދީމާގެ އުންމީދަކީ ޓީޓީގައި އަމިއްލަ ރެކޯޑްތަކެއް ހެދުން


  • އޭޝިއަން ގޭމްސްއަށް ދީމާ ތައްޔާރުވާނީ މެލޭޝިއާގައި ހުރެގެން

ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ ޢަލީގެ އުންމީދަކީ ޓީޓީގައި އޭނާގެ އަމިއްލަ ރެކޯޑްތަކެއް ހެދުން ކަމަށް ބުނެފިއެވެ.

މީގެ ކުރިން ދީމާ ވަނީ ރާއްޖޭގެ ކުރީގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ މުޢީނާ މުޙައްމަދު ހަދާފައިވާ ގައުމީ ރެކޯޑް މުގުރާލަން ބޭނުންވާ ކަމަށް ބުނެފައެވެ. މުއީނާ ވަނީ ވިދިވިދިގެން 13 ފަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން ދީމާ ވަނީ ވިދިވިދިގެން ހަ ފަހަރެއްގެ މަތިން ގައުމީ މުބާރާތް ކާމިޔާބުކޮށްފައެވެ. އެކަމަކު މިދިޔަ އަހަރުގެ ގައުމީ ފައިނަލުން ޢާއިޝަތު ރަފާ ނާޒިމްގެ އަތުން ބަލިވީއެވެ.

އެ ބައްޔަށްފަހު އަލުން ދީމާ މިއަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރިއިރު، "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ދީމާ ބުނީ، ދީމާގެ ވެސް އަމިއްލަ ޓާގެޓްތަކެއް އެބަހުރި ކަމަށެވެ. އަދި ދީމާ މިވަގުތު ބޭނުންވަނީ އަމިއްލަ ރެކޯޑްތަކެއް ހެދުމަށް ކަމަށް ވަނީ ބުނެފައެވެ.

"ދީމާ ބޭނުންވަނީ ދީމާވެސް ދެވޭ އެންމެ ކުރިއަކަށްދާން އަދި އުންމީދުކުރަނީ ދީމާއަށްވެސް އަމިއްލަ ރެކޯޑްތަކެއް ހެދުން. އަދި ދީމާއަށް ކުޅެވޭ އެންމެ މޮޅަކަށް ކުޅެން." ދީމާ ފާހަގަކުރިއެވެ.

ކުރިއަށް އޮތް އޭޝިއަން ގޭމްސް މުބާރާތަށް ދީމާ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ މެލޭޝިއާގައެވެ. އެއީ ދީމާ މިވަގުތު އަންނަނީ މެލޭޝިއާގައި މަތީ ތައުލީމު ހާސިލްކުރަމުން ކަމަށްވުމުންނެވެ.

ދީމާ ބުނީ މެލޭޝިއާގައި ހުރެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ނަމަވެސް، ދީމާގެ އެންމެ މޮޅު ކުޅުން އޭޝިއަން ގޭމްސްގައި ވެސް ފެނިގެންދާނެ ކަމަށެވެ.