ޚަބަރު

މާލީ ނިޒާމުގެ އިތުބާރު ނަގާލުމުން އިޔާދަނުކުރެވޭ ގެއްލުންތަކެއް ވެދާނެ: ބީއެމްއެލް


  • ބޭންކުން ކޮންމެ ދުވަހަކު އެވްރެޖްކޮށް 2.7 މިލިޔަން ޑޮލަރު ވިއްކާ

  • އެންމެ އިސްކަމެއްދެނީ ތައުލީމީ އަދި ޞިއްޙީ ދާއިރާއަށް ބޭނުންވާ ޑޮލަރު ދޫކުރުމަށް

ރާއްޖޭގެ މާލީ ނިޒާމަށް އޮންނަ އިތުބާރު ނަގާލުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، މުޅި ޤައުމަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިފަދައިން ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރި "އިޤްތިޞާދުގެ ދެ ފަރާތް" ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުންނެވެ.

ސަޢީދު ވިދާޅުވީ، ރާއްޖޭގެ މާލީ އިދާރާތަކާއި ހާއްސަކޮށް ބީއެމްއެލްއާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ޚަބަރުތައް ފެތުރުމުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭރުގެ ބޭންކުތަކާއި އިދާރާތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި ބޭރުގެ މިފަދަ އެންމެ ގުޅުމެއް ކެނޑިގެން ދިޔަ ނަމަވެސް، ރާއްޖޭން ބޭރަށް ފައިސާ ފޮނުމަށާއި، ބޭރުގައި ތިބޭ ދަރިވަރުންނާއި އެހެނިހެން ފަރާތްތަކުން ބޭންކް ކާޑުތައް ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ބޭންކުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ސަޢީދު ވިދާޅުވީ، 2023 ވަނަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 40 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރުގެ މިހާތަނަށް މަހެއްގެ މައްޗަށް 81 މިލިޔަނަށް ވުރެ ބޮޑު އަދަދެއްގެ ޑޮލަރު ވިއްކަމުންދާ ކަމަށެވެ. އަދި ބޭންކުން ކޮންމެ ދުވަހަކު އެވްރެޖްކޮށް 2.7 މިލިޔަން ޑޮލަރު ވިއްކާ ކަމަށާއި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 570 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ވިދާޅުވިއެވެ.

ބޭންކުން އެންމެ އިސްކަމެއްދެނީ ތަޢުލީމީ އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ޑޮލަރު ދޫކުރުމަށްކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، ބޭރުގައި ކިޔަވާ ކުދިންނަށް ވިއްކާ ޑޮލަރުގެ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، ސިއްހީ ފަރުވާއަށް ބޭރަށްދާ މީހުންނަށް ދޫކުރާ ޑޮލަރުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ސިއްހީ ފަރުވާއަށް މަހަކު 1 މިލިޔަން ޑޮލަރު ވިއްކިއިރު، މިއަހަރު އެ އަދަދު ވަނީ 3 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ.

ޑޮލަރު އޭޓީއެމްތަކުން ފައިސާ ނަގާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، ދުވާލަކު 1.2 މިލިޔަން ޑޮލަރު ނަގަމުންދާ ކަމަށެވެ. މިއާއެކު އަހަރުގެ ފުރަތަމަ 6 މަހު ޑޮލަރު އޭޓީއެމްތަކުން ފައިސާ ނަގާ މިންވަރު 188 މިލިޔަނަށް އިތުރުވެފައިވާ ކަމަށެވެ. މީގެއިތުރުން، ކޮވިޑަށްފަހު ބޭރަށް ދަތުރުކުރާ މީހުންނާއި އޮންލައިން ވިޔަފާރިތަކަށް ރުފިޔާ ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު 90,000 ގައި ހުރި ނަމަވެސް، މިހާރު އެ އަދަދު ބައެއް މަސްމަހު 260,000 އާއި 300,000 އާ ދެމެދުގެ އަދަދަކަށް އަރާ ކަމަށް ސަޢީދު ވިދާޅުވިއެވެ.