ޚަބަރު

ވަޤުފުކުރުމަށް ޤާއިމުކުރި ލިންކުތަކުން 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ


  • ނަގުދު ފައިސާ ވަޤުފު ކުރެވޭނެ ނިޒާމު ޤާއިމުކޮށްފައިވަނީ މިދިޔަ އަހަރު

  • ވަޤުފު ފަންޑު ތަރައްޤީކޮށް ފުޅާކުރުމަކީ އަމާޒެއް

ވަޤުފުކުރުމާއި ޞަދަޤާތްކުރުމަށް ޤާއިމުކުރި ލިންކުތަކުން މިއަހަރު މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޤުފު ފަންޑު ތަރައްޤީކޮށް، ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް، ނަގުދު ފައިސާ ވަޤުފު ކުރެވޭނެ ނިޒާމު ޤާއިމުކޮށްފައިވަނީ މިދިޔަ އަހަރުގައެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިސްލާމީ ކަންތައްތަކަށް އެހީވާ ވަޤުފު ފަންޑު ތަރައްޤީކޮށް، ފަންޑަށް އެހީވުމަށް މީރާ ވެބްސައިޓު ތެރެއިން ވަޤުފުކުރުމާއި ޞަދަޤާތްކުރުމަށް ޤާއިމުކުރި ލިންކުތަކުން މިއަހަރުގެ މިހާތަނަށް 3 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެވެ. އެފައިސާ ޚަރަދުކުރަނީ ވަޤުފު ފަންޑު ގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށް، ވަޤުފު ފަންޑު އުޞޫލުގައިވާ ގޮތުގެ މަތިންކަމަށް ވަޒީރު ވިދާޅުވިއެވެ.

ދީނީ ކަންތައްތައް ކުރިއެރެވުމަށް އެހީވާ ވަޤްފު ފަންޑަކީ، އިސްލާމީ ދަޢުވަތު ފެތުރުމާއި އިސްލާމީ ތަޢުލީމު ދިނުމާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމާއި އިސްލާމީ ޝިޢާރު ފާޅުކުރުމާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް އެހީވުމަށާއި މިސްކިތްތަކާއި ނަމާދުކުރާ ތަންތަން ބިނާކުރުމަށާއި މަރާމާތުކުރުމަށާއި މިސްކިތްތަކާ ގުޅުން ހުރި އެންމެހައި ކަންކަމަށް ހޭދަކުރުމަށް އުފައްދައިފައިވާ ވަޤްފު ފަންޑެކެވެ.

ފަންޑުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ ޝަރީޢާ ކޮމްޕްލައެންޓު އިންވެސްޓުމަންޓުތަކުގެ ޒަރީޢާއިން ފަންޑުގެ ފައިސާ ވުނަކޮށްގެން ދާއިމީ ގޮތެއްގައި އިސްލާމީ އަޤުތައް ފެތުރުމާއި އިސްލާމީ މުޖުތަމަޢަށް އެކި ގޮތްގޮތުން ޚިދުމަތްކުރުމެވެ.

ވަޤުފު ފަންޑަށް ޞަދަޤާތާއި ޚައިރާތާއި ހިބައާއި ވަޞިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް ބަލައިގަނެއެވެ. އަދި މިބައި ފަންޑުގެ ތެރޭގައި ބެލެހެއްޓިގެން ދާނީ ކޭޝް ވަޤުފާ ވަކިން ހަރުދަނާ ނިޒާމެއްގެ ތެރެއިންކަމަށެވެ. މި ހެޔޮ ބަދަލަކީ ފަންޑު އުފެދުނުތާ 15 އަހަރު ފަހުން ގެނެވޭ އެންމެ ބޮޑު ހެޔޮ ބަދަލުތައްކަށް ވަޒީރު ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.


މި އުޞޫލުގައިވާގޮތުން ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭން ބޭރުގެ އެކި ފަރާތްތަކުގެ އިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ވިޔަފާރިތަކުންނާއި އެނޫންވެސް ފަރާތްތަކުން ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވުމަށްދޭ ފައިސާ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓުގައި ކަނޑައެޅިފައިވާ ގޮތަށް ބޭނުންކުރަން ޖެހެންދެން ޖަމާކޮށްފައި ބަހައްޓަންވާނީ މި ފަންޑުގައެވެ.