ޚަބަރު

ހުމާއި ރޯގާގެ އަލާމާތެއް ހުރެ މީހުންގެ ތެރެއަށް ދިއުން ރައްކާތެރިއެއް ނޫން


  • ބަލި ޖެހިފައި ހުންނަ މީހަކު ދާފަހުން ވެސް އެތަނެއްގައި 2 ގަޑިއިރު ވައިރަސް ހުރޭ

  • ބަލީގެ އަލާމާތެއް ހުރިނަމަ އާންމު ދަތުރުތައް ބޭނުންކުރުން ރައްކާތެރިއެއް ނޫން

ހިމަބިއްސަކީ، ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. ވައިރަހެއްގެ ޒަރިއްޔާއިން ޖެހޭ މިބަލިން ރައްކާތެރިވުމަށް ކުރަންޖެހެނީ، ވަރަށް އާންމު ކަންކަމެވެ. އެގޮތުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހެނީ، އާންމު ސާފުތާހިރު ކަމަށެވެ.

ހިމަބިހި ޖެހޭ މީހުންގެ ޢަދަދުތައް ކުއްލިއަކަށް އިތުރުވާ މައިގަނޑު ސަބަބަކީ އެއީ ވަރަށް ފަސޭހައިން އެކެއްގެ ކިބައިން އަނެކެއްގެ ގަޔަށް އަރާ ބައްޔަކަށްވުމެވެ. ވައިރަހަކުން ޖެހޭ މިބައްޔަކީ، ވައިގެ ތެރޭގައި އެވައިރަހުގެ އަސަރު ދައުރުކުރާ ބައްޔެކެވެ. ބަލި ހުންނަ މީހަކު އެތަނަކުން ދިޔުމަށްފަހުވެސް ގާތްގަނޑަކަށް 2 ގަޑިއިރު ވަންދެން އެތަނެއްގައި ވައިރަސް ދެމިހުންނަ ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އެހެންކަމުން ބަލި އެކެއްގެ ކިބައިން އިތުރު އެތައް ބަޔަކަށް ޖެހުމުގެ ފުރުސަތު އޮވެއެވެ. މިސަބަބަށްޓަކައި ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ، މީހުން އުޅޭ ތަންތަނަށް ދިޔުން ހުއްޓާލަން ޖެހެއެވެ.

ޚާއްސަކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި، އާންމު ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ފެރީއާއި ބަހާއި ޓެކްސީއަށް އަރާއިރު މާސްކު ބޭނުން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބަލީގެ އަލާމާތްތައް ފެންނަނަމަ ކުދިން ސްކޫލަށް ފޮނުވުމަކީ، ރައްކާތެރިކަމެއް ނޫނެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ގޮތުގައި ފެންނާނީ، އާންމު ހުމާއި ރޯގާގެ އަލާމާތްތަކެވެ. އެގޮތުން ގަދަ ހުމެއް އައިސް ރޯގާ ޖެހި، ނޭފަތުން ފެން ފޭބުމާއި، ކެއްސުމާއި، ލޯ ރާތްވެ ފެން އައުމުގެ އިތުރުން މޫނުގައި ކުދި ބިހިތަކެއް ނަގައެވެ. މި އަލާމާތްތައް ފެންނަތާ ގާތްގަނޑަކަށް 3 ދުވަހާއި 5 ދުވަހާއި ދޭތެރޭގައި ރަތްކުލައިގެ ކުދި ބިހިތަކެއް ނަގަން ފަށައެވެ. އެންމެ ފުރަތަމަ މިބިހިތައް ނަގަން ފަށާނީ، މޫނުންނެވެ. އެއަށްފަހު ކަރުން ތިރިއަށް އެކި މީހުންގެ ހަށިގަނޑުގައި އެކިވަރަށް މިބިހިތައް ނެގުމުގެ ފުރުސަތު އޮވެއެވެ.

މިބަލީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން 5 އަހަރުން ދަށުގެ ދިފާޢީ ނިޒާމު ބަލިކަށި ކުދިންނާއި، މާބަނޑު އަންހެނުންނާއި، ދާއިމީ ބަލިތަކުގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނެވެ. ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ، އާންމު ސާފުތާހިރުކަމަށް އިސްކަންދިނުމެވެ. ގިނަ ގިނައިން އަތްދޮވުމެވެ. މީގެއިތުރުން ހުމާއި ރޯގާގެ އަލާމާތްތައް ހުރިނަމަ އަދި ކެއްސާ ކިނބިހި އަޅާނަމަ ގެއިން ބޭރަށްދާއިރު މާސްކު އެޅުމެވެ.

ރާއްޖެއިން 2017 ވަނަ އަހަރު ނައްތާލެވިފައިވާ މިބަލި އެކި ދުވަސްވަރު ރާއްޖެއަށް އަންނަ އެކި ޤައުމުތަކުގެ މީހުންނާއެކު ރާއްޖެއިން ފެނެއެވެ. އެހެންނަމަވެސް ރާއްޖޭގެ ބަލީގެ ހާލަތު ނުރައްކާ މިންވަރަށް ނުދަނީ، ބައްޔާއި ދެކޮޅަށް ރާއްޖޭގައި ހިންގާ ޤައުމީ ވެކްސިން ކެމްޕޭނުގެ ސަބަބުންނެވެ.