ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުން ވ. ފެލިދޫ އާއި ބ. ގޮއިދޫ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލު މެޗުތައް ހޮނިހިރު ދުވަހު ކުރިއަށްދިޔައިރު، ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ފެލިދޫ އިން ނުކުތީ ތ. ހިރިލަންދޫއާ ދެކޮޅަށެވެ. މި މެޗު ފެލިދޫ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ދިޔައީ، 25-20، 25-23 އަދި 25-19 އިންނެވެ. މި މެޗުގައި ފެލިދޫގެ، ހަސަން ނިލާމް، ހުސެއިން ވިޝާމް އަދި އަލީ ހުޒާމްގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ މުރާދް ޖީހާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ބ. ގޮއިދޫ އިން ނުކުތީ ލ. ފޮނަދޫއާ ދެކޮޅަށެވެ. ގޮއިދޫ އިން ފޮނަދޫ ބަލިކުރީ ވެސް ސީދާ ތިން ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ، މި މެޗުގެ ފުރަތަމަ ސެޓު ގޮއިދޫ އިން ގެންދިޔައީ 25-23 އިންނެވެ. ދެވަނަ ސެޓުގައި ފޮނަދޫ އިން ރަނގަޅު ފައިޓެއް ގޮއިދޫއަށް ދިންއިރު، މި ސެޓު ފޮނަދޫ އަތުން ގެއްލުނީ ފަހު ވަގުތު ހެދި ގޯސްތަކުގެ ސަބަބުންނެވެ. އޭގެ ފައިދާ ނަގާ މި ސެޓު ގޮއިދޫ އިން ކާމިޔާބުކުރީ 26-24 އިންނެވެ. ތިންވަނަ ސެޓުގައި ވެސް ފޮނަދޫ އިން ވަނީ ގޮއިދޫއަށް ރަނގަޅު ފައިޓެއް ދީފައެވެ. އެކަމަކު ގޮއިދޫ އިން ވިސްނުންތެރިކަމާއެކު ކުޅެ މި ސެޓު ގެންދިޔައީ 25-23 އިންނެވެ.
މި މުބާރާތުގެ ފައިނަލަށް މި ދެ ޓީމު ނުކުންނާނީ ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ. އެއީ މުބާރާތުގައި މި ދެ ޓީމު ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައިނުވެއެވެ.
ރާއްޖެ ސުޕަ ލީގުގެ ފައިނަލް ކުޅޭނީ އާދީއްތަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ. މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ލ. ގަމުގެ މައްޗަށް ކުރިހޯދާ ޗެމްޕިއަންކަން ހޯދީ ލ. މާބައިދޫއެވެ.