ސްޕެއިންގެ މިޑްފީލްޑަރ ރޮޑްރީގޯ ގަތުމަށް ބާސެލޯނާއިން ހުށަހެޅި 38.5 މިލިއަން ޕައުންޑް (51.27 މިލިއަން ޑޮލަރު) އަށް މެންޗެސްޓަރ ސިޓީން ނޫނެކޭ ބުނެފިއެވެ.
ސިޓީން ބުނީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރަށް އެއަގު މާކުޑަކަމަށެވެ. ސިޓީން ޑިމާންޑް ކުރަނީ އެންމެ ދަށްވެގެން 60 މިލިއަން ޕައުންޑަށެވެ. 30 އަހަރުގެ މިޑްފީލްޑަރ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެއް އަހަރެވެ. އެއްބަސްވުން އާނުކުރާނަމަ ޓްރާންސްފަރގެ ދޮރު ބަންދުވުމުގެ ކުރިން ރޮޑްރީގޯ ވިއްކާލަން ސިޓީންވެސް ބޭނުންވެއެވެ.
ފުރަތަމަ ރެއާލް މެޑްރިޑަށް ބަަދަލުވުމުގެ މަޝްވަރާތަކެއް ކުރިއަށްގެންދިޔަ ނަމަވެސް، ރޮޑްރީ ދާންއެދޭ ކްލަބަކަށް މިހާރު އޮތީ ބާސެލޯނާއެވެ. އެއީ ވަރލްޑްކަޕް ހޯދި ޓީމްގައި ރޮޑްރީއާއެކު ކުޅުނު ގިނަ ކުޅުންތެރިން ހިމެނޭ ޓީމެވެ. 2024-2025 ވަނަ އަހަރުގެ ސީޒަންގެ ގިނަ މެޗުތަކެއް އަނިޔާގެ ސަބަބުން ގެއްލުނަސް ރޮޑްރީ ވަނީ ފީފާ ވަރލްޑްކަޕްގައި މޮޅަށް ކުޅެ، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. 2024 ވަނަ އަހަރު ބެލޮންޑިއޯ ހޯދިއިރު ހުރި ފޯމަށް އެނބުރި އައިސް، ރޮޑްރީ މިހާރު ބޭނުންވަނީ ސިޓީ ދޫކޮށް، ބާސާއަށް ބަދަލުވުމަށެވެ.
މެންޗެސްޓަރ ސިޓީން މިހާރު މަސައްކަތް ކުރަނީ ރޮޑްރީގެ ބަދަލުގައި މޮރޮކޯގެ އައްޔޫބްގެ ސޮއި ހޯދާށެވެ. ވަރލްޑް ކަޕްގައި މޮޅަށް ކުޅުނު 18 އަހަރުގެ މިޑްފީލްޑަރ ވިއްކާލަން ލިލް އިން ކިޔަނީ 86 މިލިއަން ޕައުންޑެވެ.