ބާރުގަދަ ތޫފާނެއް ކަމުގައިވާ 'ޑޮލްފިން' ޖަޕާނުގެ ހުޅަނގުދެކުނު ސަރަޙައްދުތަކާ ދިމާލަށް މިސްރާބު ޖެހުމާއެކު އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޖަޕާންގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، މި ތޫފާނާއެކު އެ ޤައުމުގެ ހުޅަނގުގެ ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ވައި ބާރުވެ، ބޯކޮށް ވާރޭވެހި، ބިޔަ ރާޅުތަކުގެ ނުރައްކާ ކުރިމަތިވާނެ ކަމުގައެވެ.
ތޫފާނުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން އޮގަސްޓު 7 ވަނަ ދުވަހު ޖަޕާނުން ވަނީ 500 އަށްވުރެ ގިނަ ވައިގެ އުދުހުންތައް މަޑުޖައްސައިލާފައެވެ. ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި މި ޢަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. މޫސުމާ ބެހޭ އިދާރާއިން ބުނީ، ކެޓެގަރީ އެކެއްގެ މި ތޫފާނުގެ ސަބަބުން މިހާރު ވެސް ގަޑިއަކު 144 ކިލޯމީޓަރަށް ވައި ބާރުވެފައިވާ ކަމުގައެވެ. އަދި، ތޫފާންގެ ބާރު ގަދަވެ، ގަޑިއަކު 198 ކިލޯމީޓަށް ވައި ބާރުވާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. މި ތޫފާން މިހާރު ދަނީ ކްޔޫޝޫ ސަރަޙައްދާއި އޮކިނަވާ ޕްރިފެކްޗރއާ ދެމެދުގައިވާ ޖަޒީރާތަކާ ކައިރިވަމުންނެވެ.
މި ކަމާ ގުޅިގެން، ކަގޮޝިމާ އަދި އޮކިނަވާ ޕްރިފެކްޗަރުގެ ގާތްގަނޑަކަށް 260,000 ރައްޔިތުންނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އިދާރާތަކުން ވަނީ އަމުރުކޮށްފައެވެ. ތޫފާނުގެ ނުރައްކާ ބޮޑުވެ، އެ ސަރަޙައްދުތަކުގައި ހިންގާ ބައެއް ކާރުޚާނާތައް ވެސް ވަނީ ބަންދުކޮށްފައެވެ. ޑޮލްފިން ތޫފާން އޮކިނަވާ ޕްރިފެކްޗަރއާ ކައިރިވަމުންދާއިރު، ތޫފާނުގެ ނުރައްކާ ބޮޑުވެ، ބައެއް އިމާރާތްތަކަށް ގެއްލުންވެ ނުވަތަ ވެއްޓުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމުގައި ކަމާބެހޭ އިދާރާތަކުން ވަނީ އިންޒާރު ކޮށްފައެވެ.
މީގެ އިތުރުން، މި ތޫފާނާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު، ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ އޮތް ކަމުގައި ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ގަދަ ވަޔާއެކު މި ތޫފާން މިހާރު ވަނީ ޖަޕާނުގެ އެންމެ ދެކުނަށް އޮންނަ މައި ރަށް ކަމުގައިވާ ކްޔޫޝޫގެ ބޮޑު ސަރަޙައްދަކަށް އަރާފައެވެ. މި ތޫފާނުގެ އަސަރު ކުރަމުންދާ ސަރަޙައްދުތަކުގެ ތެރޭގައި ހުސްވި ހަފުތާގައި ރިކްޓަރ މިންގަނޑުން 7.1 ގައި ރެކޯޑު ކުރެވިފައިވާ ބާރުގަދަ ބިންހެލުމުގައި ގެއްލުންވި ކުމަމޮތޯ ޕްރިފެކްޗަރގެ ރަށްތައް ވެސް ހިމެނެއެވެ. ބިންހެލުމުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެ ސަރަޙައްދުގައި އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ބިންހެލުމުގައި ކުމަމޮތޯއިން ގިނަ ޢަދަދެއްގެ ގެދޮރު ވެއްޓިފައިވާއިރު، 6,700 އަށްވުރެ ގިނަ ޢަދަދެއްގެ ރައްޔިތުން އަދިވެސް ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ. އަދި، އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލުމުގެ ސަބަބުން އެ މީހުންނަށް ވަނީ އިތުރު ނުރައްކަލެއް ކުރިމަތިވެފައެވެ. އެ ސަރަޙައްދުގެ ފިނިހޫނުމިން 36 ޑިގްރީ ސެލްސިޔެސްއަށް އުފުލިފައިވާ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. މީގެ ސަބަބުން، ހީޓްސްޓްރޯކް ފަދަ ޞިއްޙީ ޙާލަތްތައް ކުރިމަތިވާ މީހުންގެ ޢަދަދު އިތުރުވުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.