ޚަބަރު

އިނގިރޭސިވިލާތުންއައި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތަށް


  • އެގައުމުން 99,286 ފަތުރުވެރިން ޒިޔާރަތް ކުރި

  • އެއީ 3 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު

އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތްވެއްޖެއެވެ. އިނގިރޭސިވިލާތަކީ، މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް 99,286 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެެވެ. މިއީ، މިިދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރި 122,913 ފަތުރުވެރިންނާއި އަޅާބަލާއިރު، 19 އިންސައްތަ ދަށް އަދަދެކެވެ.

އިނގިރޭސިވިލާތަކީ، މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތް ޤައުމެވެ. މިދިޔަ އަހަރުވެސް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އެޤައުމުންނެވެ. މިދިޔަ އަހަރު މުޅި ޖުމްލަ 201,797 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުުމުތަކަކީ، ޗައިނާ އަދި ރަޝިއާއެވެ.

އެންމެ ގިނައިން ފަތުރުވެެރިން ޒިޔާރަތް ކުރި 5 ޤައުމު:

* ޗައިނާ: 224,107 ފަތުރުވެރިން
* ރަޝިއާ: 183,969 ފަތުރުވެރިން
* އިނގިރޭސިވިލާތް: 99,286 ފަތުރުވެރިން
* އިޓަލީވިލާތް: 81,144 ފަތުރުވެރިން
* ޖަރުމަނުވިލާތް: 78,046 ފަތުރުވެރިން

މިއާއެކު އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,281,360 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި 1,341,550 ފަތުރުވެރިންނާ އަޅާބަލާއިރު 4.5 އިންސައްތަ ދަށް އަދަދެކެެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ވައިގެ މަގުން 1,265,783 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ކަނޑުމަގުން 15,577 ފަތުރުވެރިން ވަނީ، ޒިޔާރަތް ކޮށްފައެވެ.

އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެއީ، 917,305 ފަތުރުވެރިންނެވެ. އަދި ގެސްޓުހައުސްތަކުގައި 281,633 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ހޮޓެލްތަކުގައި 29,852 ފަތުރުވެރިން އަދި ސަފާރީތަކުގައި 23,729 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.