ޚަބަރު

އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންނަށް އެހީވުމަށް ދާއިމީ ސެޓަޕެއް


  • މާލެއިން ބޭރުގައި އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތި

  • މިކަން ކުރުމަށް ސަރުކާރުގެ ޕްލޭންގައި މިހާރު ވަނީ ހިމަނާފައި

އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަމާއި އެހީތެރިކަން ދިނުމަށް މާލޭގައި ދާއިމީ ސެޓަޕެއް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭ ދިރާސާތައްކޮށް، ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އިންސާނީ ވަގުފާރީއާ ދެކޮޅަށް ކުރަމުންދާ މަސައްކަތައް ހިއްސާކުރައްވާ ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ، މީގެ ކުރިން ގުޅީފަޅާއި ހިންމަފުށީގައި މިފަދަ ސެޓަޕްތަކެއް ޤާއިމްކުރެވުނު ނަމަވެސް، މާލެއިން ބޭރުގައި އެ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން، މިހާރު މަސައްކަތް ކުރަމުންދަނީ މާލޭގައި ދާއިމީ ނިޒާމެއް ޤާއިމްކުރެވޭނެ ގޮތްތައް ދެނެގަތުމަށް ކަމަށް ޑރ. ފައިރޫޝް ވިދާޅުވިއެވެ.

"ފަހަކަށް އައިސް އަޅުގަނޑުމެން މިކުރާ ކަމަކީ ގެސްޓްހައުސްއެއްގައި ނުވަތަ ތަނެއް ކުއްޔަަށް ނަގައިގެން މާލޭގައި ބައިތިއްބައިގެން ދޭންޖެހޭ އެހީތެރިކަމެއް ނުބަތަ ނަގަންޖެހޭ ބަޔާނެއް މި ނަގަނީ. މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަމުންމިދަނީ ދާއިމީ ސެޓަޕެއް މާލޭގައި ގާއިމްކުރެވޭނެ ގޮތްތައް ދެނެގަތުމަށް. އެއީ އަދި އެހާ ފެސޭހަ ގޮތަކަށް ނިންމާލެވޭނެ ކަންކަމެއްވެސް ނޫން،" ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވިއެވެ.

މާލޭގައި ޤާއިމްކުރާ ދާއިމީ ސެޓަޕަކީ އެ ފަރާތްތަކުގެ ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބަލައި، ހުރިހާ ޚިދުމަތްތަކެއް ސްޓްރީމްލައިން ކުރެވިފައިވާ ތަނަކަށް ހެދުމަށް ސަރުކާރުގެ ޕްލޭންގައި ހިމަނާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް ވިދާޅުވިއެވެ. އަދި މިކަމާ ގުޅޭ ދިރާސާތައް ކުރެވި، ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގައި ބިދޭސީންނަށް ކުރިމަތިވާ އެކްސްޕްލޮއިޓޭޝަން ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ފައިރޫޝް ވިދާޅުވީ، އުޖޫރަ ނުދިނުމާއި، ޕާސްޕޯޓު ހިފެހެއްޓުމާއި، އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތުން ފަދަ ކަންކަން މިހާރުވެސް ދިމާވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ދިމާވާ އެންމެ ބޮޑު ހުރަހަކީ ހެކި ހޯދުމުގެ ދަތިކަން ކަމަށް ޑރ. ފައިރޫޝް ފާހަގަކުރެއްވިއެވެ.

"މުސާރަ ލިބޭއިރަށް އޭނަވެސް ބޭނުމެއް ނުވޭ އެ މައްސަލަ ކުރިއަށްގެންދާކަށް. ބޭނުންވަނީ އެ ބިދޭސީ މީހާ އަވަހަށް އޭނަގެ އަމިއްލަ ގައުމަށް ދާން. އެހެންނޫނިއްޔާ އޭގެ ތެރެއިން ސަލާމަތްވެގެންދާން. އެހެންވީމަ އަސްލު މި ވީގޮތަކީ މައްސަލައިގަ އިންވޯލްވާ މީހުންނާ ދެމެދު ފިޔަވަޅު އަޅަން ދަތިވަނީ. ލޯ އެންފޯސްމެންޓަށްވެސް އެބަ ބޭނުންވޭ ކޮންމެވެސް ކަހަލަ ހެކިތަކަކާއި ގަރީނާތަކެއް އެ މައްސަލަ ކުރިއަށްގެންދަން،" ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި މިއީ ހަމައެކަނި ރާއްޖޭގައި ދިމާވާ މައްސަލައެއް ނޫން ކަމަށާއި، ބޭރު ޤައުމުތަކުގައިވެސް މިމައްސަލަ ދިމާވަމުންދާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިފަދަ މައްސަލައެއް ދިމާވާއިރު ވިކްޓިމް ބަޔާން ނުދިން ކަމުގައިވީނަމަވެސް އެހެން ހެކިތަކަށް ބިނާކޮށް މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދޭނެ ނިޒާމުތައް ޤާއިމްކުރުން މުހިންމު ކަމަށް ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވިއެވެ.