ޚަބަރު

ޔާން ޑިއޮމޮންޑް ރެއާލްއަށް ސޮއިކޮށްފި


  • ޔާން ޑިއޮމޮންޑް ރެއާލް އަށް ސޮއިކޮށްފައިވަނީ 7 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޖަރުމަނު ބުންޑެސްލިގާގެ އާރްބީ ލެއިޕްޒިގަށް ކުޅެމުންދާ ކޮޓެޑިއުއަރގެ ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމޮންޑް ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ޑިއޮމޮންޑް ރެއާލް އަށް ސޮއިކޮށްފައިވަނީ 7 އަހަރު ދުވަހުގެ އެއްބަސްވުމެއްގެދަށުންނެވެ. އަދި މިވިޔަފާރީގެ އަގު 120 މިލިއަން ޕައުންޑަށް އަރާނެކަމަށްވަނީ ބެލެވިފައެވެ. ރެއާލް އިން 2023 ވަނަ އަހަރު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުންދިޔަ އިންގްލަންޑްގެ ޖޫޑް ބެލިންގހަމް ހޯދުމަށް 115 މިލިއަން ޕައުންޑް ހޭދަކޮށްފައިވެއެވެ.

ޑިއޮމޮންޑް ހޯދުމަށް ޔޫރަޕްގެ ޗެމްޕިއަން ފްރެންޗް ލީގު އާންގެ ޕެރިސް ސެއިންޓް ޖާމެއިން އިން މަސައްކަތް ކުރި ނަމަވެސް އެޓީމުން ހުށަހެޅި 102.5 މިލިއަން ޕައުންޑުގެ އަގު ލެއިޕްޒިގުން ގަބޫލް ނުކުރުމުން ޕީއެސްޖީއިންވަނީ އެޓީމުން ކުރަމުންދިޔަ މަސައްކަތް ހުއްޓާލުމަށް ނިންމާފައެވެ. ޑިއޮމޮންޑް ހޯދުމަށް އިންގްލިޝް ޕްރިމިއަރ ލީގުގެ ލިވަޕޫލުންވެސް މަސައްކަތް ކޮށްފައިވެއެވެ.

ރެއާލް އަށް ސޮއިކުރުމަށްފަހު ޑިއޮމޮންޑް އާންމު ކުރި ބަޔާނެއްގައި އޭނާވަނީ ލެއިޕްޒިގްގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ފަހަރެއްގައި އަލުން ދިމާވެދާނެކަމަށް އޭނާ ބުނެފައިވެއެވެ. ޑިއޮމޮންޑް ބުނީ ރެއާލްއަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ކުޑައިރުގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި ލެއިޕްޒިގާއެކު ހަދާފައިވާ އެއްބަސްވުމާއެކުވެސް އެކްލަބްގެ މެނޭޖްމަންޓުން އޭނާ ރެއާލް އާއި ގުޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނީތީ އެފާރަތްތަކަށް ޑިއޮމޮންޑް ޝުކުރު އަދާކޮށްފައިވެއެވެ.

މިދިޔަ ސީޒަންގައި ބުންޑެސްލީގާގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފައިވާ ޑިއޮމޮންޑްވަނީ ލެއިޕްޒިގަށް ނިމިގެންދިޔަ ސީޒަންގައި ލީގުގައި 12 ލަނޑު ޖަހައިދީ 8 އެސިސްޓް ކޮށްފައެވެ. އަދި ހުރިހާ މުބާރާތަށް ބަޅާއިރު އޭނާވަނީ 13 ލަނޑު ޖަހައިދީ 10 އެސިސްޓް ކޮށްފައެވެ. އަދި ނިމިގެންދިޔަ ވޯލްޑް ކަޕްގައި ކޯޓެޑިއުއަރ ކުޅުނު 4 މެޗުގައިވެސް ޑިއޮމޮންޑް ކުޅެފައިވެއެވެ.

ޑިއޮމޮންޑަކީ މިސީޒަންގައި ރެއާލްއިން އެޓީމަށް ގެންދިޔަ 6 ވަނަ ކުޅުންތެރިޔާއެވެ. މިގޮތުން އެޓީމުން އާ ސީޒަނަށް ގެންގޮސްފައިވާ ކުޅުންތެރިންގެ ތެރޭގައި ބެނާޑޯ ސިލްވަރ، އިބްރާހިމާ ކޮނާޓޭ، ޑެންޒެލް ޑަމްފްރީސް، މާކް ކުކުރެޔާ އަދި ކާލޯސް އެސްޕީ ހިމެނެއެވެ.