ޚަބަރު

މަރުގެ އަދަބަށް ފަސްނުޖެހި އެނބުރި ޤައުމަށް ދާނަން: ޝައިޚް ޙަސީނާ


ދެހާސް ސައުވީސް ވަނަ އަހަރު ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ހުއްޓުވުމުގެ ތެރެއިން ހިންގި ލާއިންސާނީ ޖަރީމާތަކުގެ ޒިންމާ އަޅުވައި، މަރުގެ އަދަބު ދިނުމަށް ޙުކުމް ކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ، ޑިސެންބަރު މަހު އެނބުރި ޤައުމަށް ވަޑައިގަންނަވާނެ ކަން ހާމަކުރައްވައިފިއެވެ.

އޭނާގެ ސަރުކާރު ވެއްޓެން މެދުވެރިވި ހަރަކާތަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި ބޭއްވި ހަރަކާތެއްގައި އޯޑިއޯ މެދުވެރިކޮށް ތަޤުރީރު ކުރައްވަމުން ޙަސީނާ ވިދާޅުވީ، އޭނާގެ ޣައިރުހާޒިރުގައި މަރުގެ އަދަބު ދިނުމަށް ޙުކުމްކޮށްފައިވީ ނަމަވެސް އެނބުރި ޤައުމަށް ވަޑައިގެންނެވުމަކީ ވާޖިބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ. ދަރިވަރުން އިސްނަގައިގެން ފެށި މުޒާހަރާތަކާ ގުޅިގެން 2024 ގައި ވެރިކަމުން ވަކިވެވަޑައިގަންނެވި ޙަސީނާ ފިއްލަވައިގެން ވަޑައިގަންނަވާފައި ވަނީ އިންޑީޔާއަށެވެ.

މުޒާހަރާތައް ހުއްޓުވުމުގެ ތެރެއިން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޒިންމާ އުފުއްލަވަން ޖެހޭނެ ކަމުގައި ކަނޑައަޅައި، ޙަސީނާއަށް މަރުގެ އަދަބު ދިނުމަށް ކޯޓުން ޙުކުމް އިއްވާފައި ވަނީ 2025 ވަނަ އަހަރުއެވެ. މުޒާހަރާތައް ހުއްޓުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުންގަނޑުގައި 1,400 އެއްހާ މީހުން މަރުވި ކަމުގައި އެކުވެރި ދައުލަތްތަކުގެ (އދ) ތަފާސްހިސާބުތަކުން ހާމަވެއެވެ. ނަމަވެސް، އެ ދަޢުވާއަށް ޙަސީނާ ވަނީ އިންކާރު ކުރައްވާފައެވެ. އޭނާ ޙަވާލުކުރުމަށް ދާކާއިން ވަނީ އިންޑިޔާ ސަރުކާރުގެ ކިބައިން އެދިފައެވެ.

"އެ މީހުން އަހަރެން ޖަލަށްލާފާނެ، ނޫނީ މަރައިލަފާނެ، ނޫނީ އެ ނޫން ވެސް ކަމެއް ވެދާނެ ކަން އަހަރެންނަށް އެނގޭ. އެކަމަކު ވެސް އަހަރެން އެނބުރި ދާންޖެހޭ. ބިރުވެރިކަމަކަށް ފަސްޖެހި، ރައްޔިތުންނަށް ޓަކައި އަހަރެން އަދާކުރަންޖެހޭ ވާޖިބެއް ނުހުއްޓުވޭނެ،" ތަޤުރީރުގައި ޙަސީނާ ވިދާޅުވިއެވެ. އަދި، އޭނާގެ އަވާމީ ލީގު ޕާޓީއަށް އިންތިޚާބުތަކުގައި ވާދަކުރުމަށް އޮތް ހުރަސްތައް ބާޠިލުކޮށް، ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް ވެސް ޙަސީނާ ގޮވައިލެއްވިއެވެ.

މި ދަނޑިވަޅުގައި، 2024 ވަނަ އަހަރުގެ ހަމަނުޖެހުންގަނޑުގައި މަރުވި ޢާންމުންގެ ހަނދާނުގައި ޚާޢްޞަ ދާރުލްއާސާރެއް ވެރިރަށް ދާކާގައި ވަނީ ހުޅުވާފައެވެ. 'ޖުލައި މާސް އަޕްރައިޒިންގ މެމޯރިއަލް މިޔުޒިއަމް' ގެ ނަމުގައި ދާއުލްއާސާރު ރަސްމީކޮށް އިފުތިތާޙު ކޮށްދެއްވީ ބޮޑުވަޒީރު ޠާރިޤު ރަޙްމާނެވެ. ރަޙްމާނަކީ އަވަހާރަވެފައިވާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުންނެވެ. މިއީ، ޙަސީނާގެ ވެެރިކަން ވެއްޓުމާއެކު، 2024 އޮގަސްޓު 8 ގައި ވެރިކަމާ ޙަވާލުވެވަޑައިގެންނެވި މުޙައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުން ފެށި މަޝްރޫޢެކެވެ. ދާރުލްއާސާރު އިފްތިތާޙުކުރުމުގައި ޔޫނުސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.