ޚަބަރު

ބައިތުލްމަޤްދިސްގައި ޔަހޫދީން ހިންގާ ޖަރީމާތައް ދުނިޔޭގެ ސަމާލުކަމަށް ގެންނަނީ


ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ އިރުމަތީ ބައިތުލްމަޤްދިސާއި އެ ރަށުގައިވާ އިސްލާމީ މުޤައްދަސް ބިނާތަކާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ރެކޯޑުކޮށް، ދުނިޔެއަށް ހާމަކުރުމަށް ޓަކައި ޚާއްޞަ ނިޒާމެއް ޤާއިމުކުރުމަށް ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ނިންމަވައިފިއެވެ. މި ކަމަށް އެއްބަސްވެފައި ވަނީ އުރުދުންގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި ސޮއިކޮށްފައިވާ ޤަރާރަކުންނެވެ. އަލަށް ޤާއިމުކުރެވޭ ނިޒާމުގެ ދަށުން ބައިތުލްމަޤްދިސްގެ މުޤައްދަސް ބިނާތަކާ ދެކޮޅަށް، އަދި އެ ތަންތަނުގައި އަޅުކަންކުރާ މުސްލިމުންނާ ދެކޮޅަށް ހައްދުފަހަނަ އެޅި ޔަހޫދީ ސިފައިން ހިންގާ ޖަރީމާތަކާއި، ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް މީޑިއާގެ މަންސަތައް މެދުވެރިކޮށް ދުނިޔެއަށް ހާމަކުރެވޭނެއެވެ. އަދި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަމަށް އެ ޖަރީމާތައް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރެވޭނެއެވެ.

އުރުދުންގައި ބޭއްވި ބައްދަލުވުމުގައި ޤުދުސްގެ ކަންކަމާބެހޭ މިނިސްޓަރުންގެ ކޮމިޓީގެ މެންބަރުންނާއި، ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އަބުލްޣީޠާއި، ތުރުކީވިލާތް، ޕާކިސްތާން، އިންޑޮނޭޝިޔާ އަދި މެލޭޝިޔާގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ބޭފުޅުން ވަނީ، ޤުދުސްގެ މުޤައްދަސް ބިނާތަކުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ޓަކައި ވަގުތުން ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ. އަދި، ޤުދުސްގައި ދިރިއުޅޭ މުސްލިމުންގެ އިތުރުން ނަޞާރާދީނުގެ މީހުންނާމެދު ޔަހޫދީން ޢަަމަލުު ކުރަމުންދާ ޣައިރުޤާނޫނީ ސިޔާސަތުތައް ކުށްވެރި ކުރައްވާފައެވެ.

އިރުމަތީ ޤުދުސްގެ މުސްލިމުންގެ އިތުރު ބިންތައް ފޭރިގަނެ، އެ ބިންތަކުގައި ހައްދުފަހަނައެޅި ޔަހޫދީން ވަޒަންވެރިކުރުވުމާއި، މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދުލްއަޤްޞާގެ އިތުރުން ނަޞާރާދީނުގެ ފައްޅިތަކުގެ ތާރީޚީ އަދި ޤާނޫނީ ޙާލަތު ބަދަލުކުރުމަށް ޔަހޫދީން ހިންގަމުންދާ ކުށްތައް ވެސް ޢަރަބި އަދި މުސްލިމް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ޤަރާރުގައި ކުށްވެރިކޮށްފައިވެއެވެ. އަދި، މަސްޖިދުލްއަޤްޞާއަކީ މުސްލިމުންނަށް ޚާއްޞަވެގެންވާ ބިނާއެއް ކަން ފާހަގަކޮށް، ޔަހޫދީންގެ ޖަރީމާތަކާއެކު ޤުދުސް ނުރައްކާތެރި ޙާލަތަކަށް ވައްޓައިލާފައިވާ ކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ޔަހޫދީންގެ ޖަރީމާތައް ހާމަކުރުމަށް ޓަކައި ޤާއިމުކުރާ އައު ނިޒާމުގެ މަޤުޞަދަކީ، މުސްލިމުންގެ މުޤައްދަސް ބިންތަކާއި މިސްކިތްތަކަށް ގަދަބާރުން އަރައިގަނެ ހައްދުފަހަނައެޅި ޔަހޫދީން ހިންގަމުންދާ ޖާރީމާތައް ހުއްޓުވައި، ޤުދުސްގެ އަވްޤާފާއި މަސްޖިދުލްއަޤްޞާގެ ކަންކަން ބަލަހައްޓާ ވުޒާރާގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ޔަހޫދީ ސިފައިންނާއި ހައްދުފަހަނައެޅި ޔަހޫދީން ހިންގާ ކުށްތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ. ސެޕްޓެންބަރު މަހު އެމެރިކާގެ ނިއު ޔޯކްގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި ޤުދުސްގެ މައްޗަށް ޔަހޫދީން ހިންގަމުންދާ އިސްތިޢުމާރީ ވެރިކަމާއި، ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ޓަކައި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނާއި ޢަރަބި ލީގުގެ ގުޅިފައިވާ ބައްދަލުވުމެއް ބޭއްވުމަށް ވެސް އުރުދުންގެ ބައްދަލުވުމުގެ ބައިވެރިން ވަނީ ގޮވައިލައްވާފައެވެ.