ޚަބަރު

އަމީނީ މަގު މަރާމާތުގެ މަސައްކަތް ނޮވެންބަރަށް ނިންމަނީ


  • މިހާރު ކުރިއަށް ދަނީ ތާރުގަނޑު ނެގުމުގެ މަސައްކަތް

  • އެއަށްފަހު ސަބްބޭސްގެ މަސައްކަތް ފަށާނެ

އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ނޮވެންބަރު މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

އަމީނީމަގު މަރާމަތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ފުރަތަމަ ސެންގްމަންޓުގައި ކުރިން އަޅާފައި އޮތް ތާރުގަނޑު ނެގުމުގެ މަސައްކަތެވެ. އަދި އެއަށްފަހު ސަބްބޭސްގެ މަސައްކަތް ފަށާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަމީނީ މަގު މަރާމާތު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް ވަނީ ބަންދުކޮށްފައެވެ.

އެމްޓީސީސީން ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމަށްފަހު ދެން ކުރިއަށް ދާނީ ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަދި މިމަސައްކަތްތައް އަންނަ ނޮވެންބަރު މަހުގެ ތެރޭ ނިންމާލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އަމީނީ މަގު އަލުން މަރާމަތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަހައްދު އަވަހަށް ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންކަމަށް ކަމުގެ ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސްދަތުރުކުރާ ސަރަޙައްދަކަށް ވުމުން ތާރުގަނޑު ހަލާކުވުމުގެ ފުރުޞަތު އޮވެއެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ވަނީ ތަރައްޤީކޮށްފައެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.