އުތުރު ކޮރެއާގެ މިސައިލް ޔުނިޓެއް ރަޝިޔާގެ ހުޅަނގު ސަރަޙައްދަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ޔޫކްރެއިނަށް ޙަމަލާދިނުމަށްޓަކައި 120 ބެލިސްޓިކް މިސައިލާއި ހަ ލޯންޗަރު އެ ޔުނިޓަށް ދިނުމުގެ ފުރުސަތު އޮތް ކަމަށް ޔޫކްރޭނުގެ އަސްކަރީ ޖާސޫސީ އިދާރާއިން ބުނެފިއެވެ.
ޔޫކްރެއިނަށް އެންމެ ޒަމާނީ ވައިގެ ދިފާޢީ ނިޒާމުތައް ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގައި، ދިފާޢުކުރަން އުނދަގޫ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ރަޝިޔާއިން ދަނީ ހަނގުރާމައިގައި ކުރިހޯދަން މަސައްކަތް ކުރަމުންނެވެ. 2023ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ރަޝިޔާއިން އުތުރު ކޮރެއާގެ މިސައިލްތައް ބޭނުންކުރަން ފެށި ނަމަވެސް، ސީދާ މިސައިލް ޔުނިޓެއް ފޮނުވުމަކީ ދެ ޤައުމުގެ އަސްކަރީ ގުޅުން އައު ހަރުފަތަކަށް ދިޔުންކަމުގައި ތަޖުރިބާކާރުން ވަނީ ސިފަކޮށްފައެވެ.
ޔޫކްރެއިނުގެ ޖާސޫސީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ، އުތުރު ކޮރެއާގެ 90 ވަރަކަށް މީހުން ހިމެނޭ މި ޔުނިޓް ޤައިމުކުރުމަށް ހަމަޖެހިފައިވަނީ ރަޝިއާގެ ވޮރޮނޭޝްގައި އޮންނަ 112 ވަނަ މިސައިލް ބްރިގޭޑްގެ ދަށުންނެވެ. އުތުރު ކޮރެއާއިން މިހާރުވެސް ކޭއެން-23 އަދި ކޭއެން-24 މަރުކާގެ 40 މިސައިލް ފޮނުވާފައިވާ އިރު، މިކަމުގެ ތެރެއިން ޖުމްލަ 120 މިސައިލާއި ލޯންޗަރުތައް ހޯދުމަށް ރަޝިޔާއިން އުންމީދުކުރެއެވެ.
އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި، އުތުރު ކޮރެއާގެ މި ހަތިޔާރުތަކަކީ ކީވްއަށް އޮތް ބޮޑު ނުރައްކަލެކެވެ. ބެލިސްޓިކް މިސައިލުން ދިފާޢުވުމަކީ ޔޫކްރޭންގެ އެންމެ ބޮޑު އެއް ބަލިފައި ކަމަށްވާއިރު، ރަޝިއާއިން ދޭ ހަމަލާތައް އިތުރުވުމަކީ ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. ވަކިން ޙާއްސަކޮށް، ކުރިއަށް އޮތް ފިނިމޫސުމުގައި ކަރަންޓު ވިއުގަތަކަށް އަމާޒުކޮށް ހަމަލާދީފާނެތީ ޔޫކްރޭން އޮތީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ.
2022ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް ފަހުން، އުތުރު ކޮރެއާ ވެފައިވަނީ ރަޝިއާގެ އެންމެ ގާތް އެކުވެރިޔާއަށެވެ. މިއަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އުތުރު ކޮރެއާއިން މިހާތަނަށް ބަރު ހަތިޔާރާއި 14,000 އަށްވުރެ ގިނަ ސިފައިން ރަޝިޔާއަށް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރަޝިޔާއިން ރޭ އެކަނިވެސް ޔޫކްރެއިނަށް އަމާޒުކޮށް ވިއްސަށްވުރެ ގިނަ ބެލިސްޓިކް މިސައިލް ފޮނުވައި، އޫކްރެއިންގެ ދިފާއީ ބާރުތަކަށް އެއިން އެއްވެސް މިސައިލެއް ހުއްޓުވިފައި ނުވުމުގެ ސަބަބުން، ވެރިރަށް ކީވްއާއި އެކި ސަރަޙައްދުތަކުން މަދުވެގެން 17 މީހުން މަރުވެ، ދިހަވަރަކަށް މީހުން ވަނީ ޒަޚަމްވެފައެވެ.
މިދިޔަ ޖުލައި މަހު ރަޝިޔާއިން ދިން ހަމަލާތަކުގައި ޔޫކްރޭނުން 377 އާންމުން މަރުވެ 2،129 މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމައިގައި 2022ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަހުން އެންމެ ގިނަ މީހުން މަރުވި މަހެވެ.
އީ-ކޮމާސް ކުންފުނި އެމެޒަންއާ އެއްފަދަ ރަޝިއާގެ ވައިލްޑްބެރީސްއަށް ޔޫކްރޭނުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބުރޫއަރައި، ހަނގުރާމައިގެ އަސަރު އެމީހުންގެ ގޭގެއަށް ވަނީ ފޯރާފައެވެ.
ރޭ މޮސްކޯއިން ދިން ހަމަލާއަކީ ވައިލްޑްބެރީސްއަށް ދިން ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ. މިއީ ޔޫކްރެއިންގެ ވެރިރަށާއި އެ ސަހަރުގެ ކައިރީގައިވާ ގުދަންތަކާއި ވަސީލަތްތަކަށް ޢަމާޒުކޮށް ދިން ހަމަލާއެކެވެ. މިގޮތުން ކީވް ސަރަޙައްދުގެ ސިނާއީ ގިނަ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ރަޝިޔާގެ މިސައިލް ހަމަލާތަކުގައި ޔޫކްރޭނުގައި އާންމުން ދިރިއުޅޭ އިމާރާތްތަކާއި، ކާރުޚާނާތަކާއި، މުދާ ރައްކާކުރާ ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ އިރު، ގިނަ އަދަދެއްގެ އާންމުން ދަނީ މަރުވަމުންނެވެ. މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އެމެރިކާގައި އުފައްދާ ޕޭޓްރިއަޓް ފަދަ ވައިގެ ދިފާޢީ ނިޒާމުތައް އިތުރަށް ފޯރުކޮށްދިނުމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ގެންދަވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ.
ހަތިޔާރު ފޯރުކޮށްދިނުން ލަސްވުން ގުޅިފައިވަނީ މައުސޫމް އެތައް ބައެއްގެ ފުރާނައާކަމަށް ޒެލެންސްކީ ވިދާޅުވެފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވީ، ޔޫކްރެއިނަށް ވައިގެ ދިފާޢީ ނިޒާމުތައް ދޭން ފަސްޖެހޭ ޤައުމުތަކުން ރަޝިޔާ އާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައިގެން ނަމަވެސް ޔޫކްރޭނަށް އެހީތެރިވާންޖެހޭ ކަމަށެވެ.
ޔޫކްރެއިނަށް ވަނީ އެމެރިކާގައި އުފައްދާ ޕެޓްރިއަޓް އިންޓަސެޕްޓަރުތައް މަދުވުމުގެ މައްސަލައާ ކުރިމަތިވެފައެވެ. މިއީ ވަކި ބެލިސްޓިކް މިސައިލްތަކެއް ވައްޓާލެވޭ ހަމައެކަނި ދިފާޢީ ނިޒާމެވެ.
މިދިޔަ މަހުގެ ފަހުކޮޅު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޔޫކްރޭނުން އަމިއްލައަށް ޕޭޓްރިއަޓް މިސައިލް ދިފާޢީ ނިޒާމު އުފެއްދުމަށް ޙުއްދަ ދިނުމަށް ފަސްޖެހޭ ކަމަށް ވިދާޅުވެފައެވެ.