ޚަބަރު

ބާޒާރުގެ އަގުތަކަށް ބަދަލު އަންނަނީ ހަނގުރާމައިގެ ސަބަބުން: ވިޔަފާރިވެރިން


  • ތަކެތީގެ އަގަށް ބަދަލު އަންނަނީ ސަރުކާރުގެ ސަބަބުން ނޫން ކަމަށް ވިޔަފާރިވެރިން ބުނޭ

  • އަގުތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން މަސައްކަތްކުރާކަން ވިޔަފާރިވެރިން ފާހަގަކުރޭ

މުދަލާއި ތަކެތީގެ އަގަށް މިހާރު އަންނަމުންދާ ބަދަލަކީ ސަރުކާރުން ކުރަމުންދާކަމަކުން އަންނަ ބަދަލެއް ނޫން ކަމަށާއި އެއީ ހަނގުރާމައިގެ ސަބަބުން އަންނަމުންދާ ބަދަލުތަކެއް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ބުނެފިއެވެ.

ވިޔަފާރިވެރިން މިހެން ބުނެފައިވަނީ، ތަކެތީގެ އަގަށް އަންނަ ބަދަލަކީ ސަރުކާރުން ކުރާ ކަމެއްގެ ސަބަބުން އަންނަ ބަދަލެއް ކަަމަށް ދޭހަވާ ގޮތަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ގުޅިގެން މުދާ އުފުލުމުގައި ބައިނަލްއަޤްވާމީ ވިޔަފާރިތަކުން ބޭނުން ކުރާ އެންމެ މައި އެއް ކަނޑުއޮޅި، ހުރުމުޒް ކަނޑުއޮޅި ވަނީ ބަންދުވެފައެވެ. މި ކަމުގެ ސަބަބުން ތަލުގެ އަގު އުފުލި، އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމަށް ކުރާ ހޭދައިގެ އަގު ވަނީ އެތައް ގުނައަކަށް އުފުލިފައެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ޤައުމެއްގެ އިޤްތިޞާދަށްވެސް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް މާލީ އިދާރާތަކުން ދަނީ ބުނަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާ މައްސަލައިގެ ހަޤީޤަތް އޮޅުވާލައި، ވިޔަފާރިވެރިންނަށްވެސް ދަތިވާގޮތަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އަމަލުކުރަމުންދާ ކަމަށެވެ. ވަޒީރު ސަޢީދު ވިދާޅުވީ އަގުތަކަށް މިހާރު އަންނަމުންދާ ބަދަލުތަކުގެ އެއް ސަބަބަކީ ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕްކުރުން ކަމަށާއި އޭގެ އިތުރުން، މިހާރު ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ފްރައިޓު އަގުތައް އުފުލުމަކީވެސް އަގުތައް އުފުލުމުގެ އެއް ސަބަބުކަމަށެވެ.

ބޭރުގެ ފައިސާގެ އުފުލޭ މައްސަލައާއި، ތަކެތީގެ އަގު އުފުލުން ގުޅިފައިވާއިރު، މިކަންކަން ހައްލުކުރަން މީގެ ކުރީން އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވި ނަމަވެސް މި ސަރުކާރުން ވިޔަފާރިވެރިންނާއި ގުޅިގެން، އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެއްވެސް ސަރުކާރަކުން ކަމެއް ކޮށްފިހޭ އެހާލާތު ބަދަލުކުރަން މިސަރުކާރު ފިޔަވާ. އެއީ، އަސާސީ ބާވަތުގެ ގޮތުގައި 10 ބާވަތުގެ ތަރުކާރި އަދި 10 ބާވަތުގެ މޭވާ އަދި 3 ބާވަތުގެ ކާނާވެސް ހިމަނައިގެން. އެ ބާވައްތައް ދިވެހިރާއްޖޭގައި ލިބޭނެ އެންމެ ހެޔޮ އަގުގައި ހަމަޖައްސާ އަދި މިއަދު އަޅުގަނޑު ވާ އުފަލަކީ ވިޔަފާރިވެރިންގެ ބައިވެރިވުން މިކަންކަމަށް ލިބޭތީ. މިހާލަތުގައި ރާއްޖޭގެ ތަކެތި އަގުބޮޑުވިޔަ ނުދީ މިކަން ކުރުމަށްޓަކައި" އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް ބަދަލު އައުމާއެކު މުދާ އުފުލުމަށް ނަގާ އަގު، ނުވަތަ ފްރައިޓް އަގަށް އަންނަ ބަދަލަކީ ތަކެތީގެ އަގު އުފުލޭ އެއް ސަބަބުކަމަށެވެ. މިކަން ރާއްޖެއަށް މުދާ އެތެރެކުރާ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ލިލީ އެންޓަޕްރައިސަސްއިން ފާހަގަކުރެއެވެ.

"އަޅުގަނޑުމެން މިބަލަނީ ވަރަށް އެއްވަރެއްގައި ހިފެހެއްޓޭތޯ. އެހެންނަމަވެސް ހަނގުރާމަ ފެށުމުގެ ކުރިން މިސާލަކަށް އަރަބިކަރައިން މިސާލަކަށް ގެންނަ އެއްޗެސް 20 ފޫޓުގެ ކޮންޓެއިނަރ ހުންނަނީ 1600. މިހާރު 2750 އަށް. އޭގެ ކުރީގައި 20 ފޫޓު ނޫނީ 40 ފޫޓު ކޮންޓެއިނަރ 4000 އަށް. މިހާރު އުޅެނީ 8000 އަށް. އެ ބަދަލު އައިސްގެން ގެނެވޭ ތަކެތި އޭގެ ތެރޭގައި ހިމެނިއްޖެއިއްޔާ ބޮޑުވާނެ ނޫންތޯ." ލިލީ އެންޓްޕްރައިޒެސް އެމްޑީ އަހުމަދު ނާސިރު ވިދާޅުވިއެވެ.

ވިޔަފާރިވެރިން ވަނީ ތަކެތީ އަގު ހިފެހެއްޓުމަށް، ޙާއްސަކޮށް ސަރުކާރުން އަސާސީ ބަވާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބާވަތްތަކުގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ސަޕްލަޔަރުންނާއެކު ރަނގަޅު ގުޅުމެއް ދަމަހައްޓައިގެން މަސްރަހަށް އަންނަ ބައެއް ބަދަލުތަކުން އަގުތަކަށް އަންނަ ބަދަލު ހިފަހައްޓާލެވޭކަން ވިޔަފާރިވެރިން ފާހަގަކޮށްފައިވެއެވެ.

"އަޅުގަނޑުމެން ވަރަށް ލޯންގް ސްޓޭންޑިން ރިލޭޝަންޝިޕް ބިލްޑް ކުރެވިފައި އެބަހުރި އަޅުގަނޑުމެންގެ ސަޕްލަޔަރސް އާއި. މިސާލަކަށް ލެކްޓޯޖެން އަކީ ނެސްލޭގެ އައިޓަމެއް. އެހެންވީމަ ނެސްލޭއާއި އެކީ އަޅުގަނޑުމެން ރިލޭޝަންޝިޕް ފުދޭވަރަކަށް ރަނގަޅުވާނެ. އެކަމުގެ ސަބަބުން މާކެޓަށް އަންނަ ބައެއްކަލަ ޗޭންޖެސް ޓޮލަރޭޓް ކުރެވޭ. އެހެންވެގެން އަސްލު ޕްރައިސް އެރޭންޖުގައި ހިފެހެންޓެނީ" އެމް.އެޗް.އޭގެ އެޗްއާރް އެންޑް އެޑްމިން މެނޭޖަރ އާލިމް އާދަމް ވިދާޅުވިއެވެ.

ވަޒީރު ސަޢިދު ވަނީ މީގެ ކުރީގެ ސަރުކާރުތަކުން މިމައްސަލަ ހައްލުކުރަން އެކަށީގެންވާ އެއްވެސް މަސައްކަތެއް ކޮށްފައި ނެތްކަމަށް ވިދާޅުވެފައެވެ. އަދި މިކަން ހައްލުކުރުމަށް އެމްޑީޕީ ސަރުކާރުން ކޮށްފައިވާ ކަމެއް ދެއްކެވުމަށްވެސް ވަޒީރު ސަޢީދު ވަނީ ގޮވާލައްވާފައެވެ.

ވަޒީރު ސަޢީދު ވިދާޅުވީ މިއަދުގެ ހާލަތު ކުރިމަތިވީ މިސަރުކާރުން ކުރިކަމަކުން ނޫންކަމަށްވިޔަސް، މި ހާލަތުން އަރައިގަނެ، ރައްޔިތުންނަށް އުފާވެރި، ފާގަތި ދުވަސްތަކެއް ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ.