މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށްވުމުން ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ފަޅުރަށްރަށާއި ފަޅުތައް ދޫކޮށް، ނަހަމަ ގޮތުގައި އެތަންތަނުގެ ބޭނުންކުރުން ނިމުމަމަށް ގެނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
މެމްބަރުން މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވާފައިވާ، ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލަށް ބަހުސްކުރައްވަމުންނެވެ.
އެކި ބޭނުންތަކަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމާއި ވަކި ބޭނުންތަކަށް ކަނޑައަޅާފައި ނުވާ ފަޅުރަށްތައް ވަރުވާއަށް ދިނުމާ ގުޅޭކަންކަން ތަފްސީލުކޮށް ހިމަނާފައިވާ މި ބިލުގެ އިބްތިދާޢީ ބަހުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ފެހި ޤާނޫނުއަސާސީ ވުޖޫދަށް އައިފަހުން ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް އުސޫލާއި ޚިލާފަށް ދިނުމުގެ ސަޤާފަތެއް ރާއްޖޭގައި އަށަގެންފައިވާކަމަށެވެ. ނަމަވެސް މި ބިލުގެ ސަބަބުން ދެފުށްފެންނަ ނިޒާމެއްގެ ދަށުން އެފަދަ ތަންތަން ދިނުމަށް މަގުފަހިވާނެކަމަށް ވިދާޅުވިއެވެ. އަދި ފަޅުރަށްރަށުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަގުފަހިކުރުމަށް މިއީ މުހިންމު ބިލެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
"ރާއްޖެ އޮތީ ބޮޑު ކަނޑުގެ ސަރަހައްދެއް. ފަޅުރަށްތައް އެކަންޏެއް ނޫން. ފަޅުތައްް ވެސް މިގޮތަށް ބޭނުންކުރެވޭގޮތް ހަދަން އެބަޖެހޭ." ޝުޖާއު ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރައްވަމުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމްދީދީ ވިދާޅުވީ މި ބިލަކީ މި ވަގުތު ރާއްޖެއަށް ވަރަށް މުހިންމު ބިލެއްކަމަށާއި ފަޅުތަކާއި ފަޅުރަށްތަކާ ގުޅޭ ހަރުދަނާ ޤާނޫނެއް މިހާތަނަށް އައިސްފައިނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. ރާއްޖޭގައި މީހުން ދިރިނޫޅޭ ގިނަ ރަށްތައް ހުރި އިރު އެ ރަށްތައް ބޭނުންކުރެވޭނެ ގޮތެއް ދިވެހިންނަށް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވަނީ ބޭނުންތެރި މަސައްކަތެއްކަންވެސް މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ.
"އެކި ކަންކަމަށް މުހިންމު ރަށްތައް މި ހުންނަނީ. އެކަންކަން ހުންނަންވާނީ އެނގޭގޮތަށް ވަކި ގޮތަކަށް ބައްޓަންކޮށްފައި. ދިރާސާތަކެއްކޮށް މިނިސްޓްރީތަކުންވެސް ބަލަންޖެހޭ. ކޮން ރަށެއް ކޮން ކަމަކަށްތޯ ކަނޑައަޅާނީ ބެލުމަކީ އެއީ ވަކި ފަރާތަކަށް ސަނާކިޔުމަށް ކުރާ ކަމެއް ނޫން." ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވިއެވެ.
ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވީ ރަށްތަކަށް އަޅާނުލެވި ދޫކޮށްލާފައިވާތާ 17ވަރަކަށް އަހަރުވެފައިވާކަމަށެވެ. ރަށެއް ބެލެހެއްޓި ރަށުން ފައިދާ ލިބެނީ އެ ރަށް ބެލެހެއްޓުމަށް ބަޔަކާ ހަވާލުކުރުމުންކަމަށް އަނާރާ ވިދާޅުވިއެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުވާގޮތަށް އެ ރަށްތަކާއި މެދު އަމަލުކުރަންޖެހޭކަމަށާއި ބިލާއި މެދު ރަނގަޅު އުސޫލުތަކެއް ކަނޑައަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބިލުގައި އެބަ ހުރި ބައެއް ރަށްތައް މަސްވެރިކަމަށް، ފަތުރުވެރިކަމަށް، މަސްވެރިކަމަށް، ސިނާއީ މަސައްކަތްތަކަށް ދޫކުރަން. ވަރަށް މުހިންމު މި ރަށްތައް ދޫކުރާއިރު ތިމާވެއްޓަށް ރައްކާތެރި އުސޫލްތައް ކަނޑައެޅިފައި އޮތުންވެސް." އަނާރާ ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން މިބިލުގެ މުހިންމުކަމާއި، ބޭނުންތެރިކަބް ފާހަގަކުރައްވައި ވަނީ ވާހަކަފުޅުދައްކަވާފައެވެ. ނަމަވެސް ބިލަށް ބަހުސްކުރެއްވި އެމްޑީޕީ މެމްބަރުން ވަނީ ބިލުގެ މަޤްސަދާއި މެދު ސުވާލު އުފައްދައި، މި ބިލުން ހަގީގީ ފައިދާ އެއް ލިބިދާނެތޯ ސުވާލުއުފައްދަވާފައެވެ.
ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން މިހާރު ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނުގެ ދަށުންނެވެ. ނަމަވެސް އެ ޤާނޫނު އުވާލައި ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރެވޭނެ ހާލަތްތަކާއި އުސޫލުތައް މަޖިލީހަށް ހުށަހަޅުއްވާފައިވާ "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ" ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާގޮތުން މިހާރުވެސް އޮންނަ ގޮތަށް ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނަށް ފަޅުރަށްރަށް އެކަށައެޅޭނީ ފަތުރުވެރިކަމާއި މަސްވރިކަމާއި ދަނޑުވެރިކަމާއި ސިނާޢީ، އިގްތިސާދީ، އަދި އިޖުތިމާޢީ ބޭނުންތަކާއި ދައުލަތުގެ ބޭނުންތަކުގެ އިތުރުން އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ޚާއްސަ ބޭނުންތަކަށެވެ.