ޔަމަންގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ އިންޑިޔާގެ އާގުބޯޓަކަށް ހަމަލާދީ ފައްތައިލައިފިއެވެ. 'އެމްއެސްވީ ފާޒޭ ނޫރް އޯލިޔާ' ގެ ނަން ދީފައިވާ އާގުބޯޓު ފެތިފައި ވަނީ ރަތް ކަނޑުގެ ސަރަޙައްދަށެވެ. ނަމަވެސް، އުޅަނދުގައި ތިބި 14 ފަޅުވެރިން ސަލާމަތް ކުރެވިފައިވާ ކަމުގައި އިންޑިޔާގެ ކަނޑު ދަތުރުފަތުރާ ބެހޭ ވަޒީރު ސަރްބާނަންދ ސޯނޯވާލް ހާމަކުރެއްވިއެވެ.
'އެމްއެސްވީ ފާޒޭ ނޫރް އޯލިޔާ' ގެ ފަޅުވެރިންގެ ތެރެއިން 13 މީހުންނަކީ އިންޑިޔާގެ ރައްޔިތުންނެވެ. އެ މީހުން ސަލާމަތް ކޮށްފައި ވަނީ ޔަމަނުގެ ކޯސްޓުގާޑުންނެވެ. އެ 14 މީހުން ރައްކާތެރިކަމާއެކު ޔަމަނުގެ މައްޚާ ބަނދަރަށް ގެންގޮސްފައިވާ ކަން ސޯނޯވާލް ކަށަވަރު ކޮށްދެއްވިއެވެ. އެ މީހުން ސަލާމަތް ކޮށްފައި ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރުގެ އެހީތެރިކަމާ އެކުގައެވެ. މި ހާދިސާއާ ގުޅިގެން، ޔަމަނުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަން އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ހާމަކޮށްފައެވެ.
އިންޑިޔާގެ އާގުބޯޓަށް ހަމަލާދީފައި ވަނީ ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން ކަމަށް ޔަމަނުގެ ސަރުކާރުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ތުހުމަތު ކުރެއެވެ. އަދި، ހަމަލާދިނުމަށް ގޮވާތަކެތި ބަރުކޮށްފައިވާ ކުޑަ އުޅަނދެއް ބޭނުންކޮށްފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ތުހުމަތު ކުރެއެވެ. ނަމަވެސް، މި ހަމަލާގެ ޒިންމާ ޙޫޘީން އުފުލާފައެއް ނުވެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގައި ތެހްރާނަށް ވާގިވެރިވުމުގެ ގޮތުން ޙޫޘީން ވަނީ ރަތް ކަނޑުގެ ދަތުރުފަތުރަށް ހުރަސްއަޅަން ފަށާފައެވެ. އެމެރިކާއަށް ވާގިވެރިވާ ކަމުގެ ތުހުމަތުކޮށް، ސަޢޫދީ ޢަރަބިއްޔާގެ ބަނދަރުތައް ޙިޞާރުކޮށްފައިވާނެ ކަމަށާއި، ރަތް ކަނޑާއި ބާބް އަލް-މަންދަބް މަގުން ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ އުފުލުމަށް ހުރަސްއަޅަމުންދާ ކަމުގައި އެ ޖަމާޢަތުން ވަނީ އިންޒާރުދީފައެވެ. މީގެ ކުރިން ވެސް، އެ ސަރަަޙައްދުން ދަތުރުކުރި އުޅަނދުފަހަރަށް ޙޫޘީންގެ ހަމަލާތައް އަމާޒުކޮށްފައިވެއެވެ. މިއާއެކު، ހުޅަނގު އޭޝިޔާގައި އެމެރިކާއިން އިސްވެ ފެށި ހަނގުރާމައިގެ ޙާލަތު މި ވަނީ އިތުރަށް ނުރައްކާވެ، ނުތަނަވަސް ކަން އިތުރަށް ބޮޑުވެފައެވެ.