ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ތެރެއިން ދިން ނިރުބަވެރި ހަމަލާތަކެއްގައި ޝަހީދުކޮށްލި އެއް ޢާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ޖަނާޒާ ބާއްވައި، އެއްފަހަރާ ވަޅުލައިފިއެވެ. އަލް-ޙަސައިނާ ޢާއިލާގެ މީހުންގެ ހަށިތައް ފެނިފައި ވަނީ، ޣައްޒާގެ ޞަބްރާ އަވަށުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތެއްގެ ގައު ކުނޑިއާއި ކޮންކުރީޓުތަކުގެ ދަށުންނެވެ. މިއީ، ޤަތުލުޢާންމު ފެށި ފަހުން ޣައްޒާގައި ބާއްވާފައިވާ އެންމެ ބޮޑު ޖަނާޒާއެވެ. ޔަހޫދީންގެ ހަމަލާގައި، ބަދަވީ ނަސަބުގެ އަބޫ ޝާރިޔާގެ ނަމުންވެސް މަޝްހޫރު އަލް-ޙަސައިނާ ޢާއިލާގެ ޖުމުލަ 308 މީހުން ޝަހީދު ކޮށްލާފައިވެއެވެ. ޞަބްރާ އަވަށުގައި އެ މީހުން ދިރިއުޅެމުންދިޔަ ތިން އިމާރާތަކަށް ޔަހޫދީން ފައުޖުން ނިރުބަވެރި ހަމަލާތަކެއް ދީފައި ވަނީ 2023 ނޮވެންބަރު 22 ވަނަ ދުވަހުއެވެ.
ސުންނާތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ޝަހީދުންގެ ހަށިތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ތިން އިމާރާތެއްގެ ދަށުން އަލް-ޙަސައިނާ ޢާއިލާގެ 153 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ބުނެއެވެ. އޭގެ ތެރެއިން 112 މީހެއްގެ ހަށިގަނޑު ނަގާފައި ވަނީ 40 މީހުންގެ ޓީމަކުން 17 ދުވަހު މަސައްކަތް ކޮށްގެންނެވެ. އެ ޢާއިލާގެ ދިރިހުރި މެންބަރެއް ކަމުގައިވާ ތަޔިސީރު އަލް-ޙަސައިނާ ބުނީ، މިއީ އޭނާގެ ޙަޔާތުގައި ކުރިމަތިވި އެންމެ ހިތާވެރި އެއް ދުވަސް ކަމުގައެވެ. ނަމަވެސް، އެއީ ޝަހީދުން ކަމުގައި ވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމުގައި އޭނާ ބުނެއެވެ. ޔަހޫދީންގެ ޤަތުލުޢާންމުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޖުމުލަ ޢަދަދު 73,000 އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، އިތުރު 8,000 އަށްވުރެ ގިނަ މީހުންގެ ހަށިތައް އަދިވެސް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައިވާ ކަމުގައި އެ ސަހަރުގެ އޮފިޝަލުން ބުނެއެވެ.
އަލް-ޙަސައިނާ ޢާއިލާގެ މެންބަރުން ދިރިއުޅެމުންދިޔަ ތިން އިމާރާތަށް ޔަހޫދީން ދިން ނިރުބަވެރި ހަމަލާތަކުން ތަޔިސީރު ސަލާމަތްވީ ކުދި އަނިޔާތަކަކާ އެކުގައެވެ. އެ ޢާއިލާގެ އެހެން މެންބަރެއް ކަމުގައިވާ 65 އަހަރުގެ ޢުމަރު އަލް-ޙަސައިނާ މިހާރު ދިރިއުޅެމުން ދަނީ މިޞްރުގެ ވެރިރަށް ޤާހިރާގައެވެ. އޭނާ ވަނީ، އޭނާގެ ޢާއިލާގެ މެންބަރުންގެ ޖަނާޒާ ކުރިއަށްދިޔަ ވަގުތު ޓީވީން މަންޒަރުތައް ބަލައި، ހިތާމަ ފާޅުކޮށްފައެވެ. އެ ހަމަލާގައި އޭނާގެ އަންހެނުންނާއި، ހަތަރު ފިރިހެން ދަރިންނާއި، ހަތަރު ކާފަދަރިން ޝަހީދު ކޮށްލާފައިވެއެވެ.
ޣައްޒާގެ ބިމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދެއް މިހާރު އޮތީ ޔަހޫދީންގެ ހައްދުފަހަނައެޅި ސިފައިންގެ އަތްދަށުގައެވެ. އެ ސަަރަޙައްދުތަކުގައި ހުރި ހުރިހާ އިމާރާތެއް ސުންނާފަތިކޮށްލާފައިވުމާއެކު، އެ ތަންތަނުގެ ދަށުގައި ތާށިވެފައިވާ ޝަހީދުންގެ ހަށިތައް ހޯދުމަށް ވަނީ ބޮޑު ހުރަސްތަކެއް ކުރިމަތިވެފައެވެ. ޣައްޒާގެ މަދަނީ ސަލާމަތާބެހޭ އިދާރާގެ ތަރުޖަމާނު މަޙްމޫދު ބަޞަލް ވިދާޅުވީ، ޝަހީދު ކޮށްލާފައިވާ އަލް-ޙަސައިނާ ޢާއިލާގެ މެންބަރުންގެ ހަށިތައް ދެނެގަނެފައި ވަނީ އެ މީހުން އަޅައިގެން ތިބި އަންނައުނާއި ގަހަނާ ފަދަ ތަކެތި ބޭނުންކޮށްގެން ކަމުގައެވެ. އަދި، ނަން ޖަހާފައިވާ ގަހަނާއާއި ފޮރެންސިކް ހެކިތަކުގެ އެހީގައި ކަމުގައެވެ. ބިންގަނޑު ކޮނުމަށް ބޭނުންކުރާ އެކްސްކެވޭޓަރު ފަދަ އެކަށީގެންވާ ވަސީލަތްތައް ލިބިއްޖެ ނަމަ، ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ގެއްލިފައިވާ މީހުންގެ ހަށިތައް ތިން މަސް ދުވަހުގެ ތެރޭގައި ހޯދައި ނިންމޭނެ ކަމުގައި އޭނާ އަންދާޒާ ކުރެއްވިއެވެ. ނަމަވެސް، އެ ފަދަ ތަކެތި ޣައްޒާއަށް އެތެރެ ކުރުމަށް ޞިހްޔޫނީން ދަނީ ހުރަސް އަޅަމުންނެވެ.