ޚަބަރު

ފަޒީލްގެ ކުންފުނިން ދައުވާ ނެގުމުން އެފްއޭއެމްއިން މަރުހަބާ ކިޔައިފި


  • މައްސަލަ ހުށަހެޅީ ފަޒީލްގެ ފިއުޗާ ހޯމްސް ކުންފުނިން

  • ދައުވާ ނެގީ ކޯޓުން ބޭރުން މައްސަލަ ނިންމަން މުއްދަތު ދީފައިވަނިކޮށް

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަދާފައިވާ ގުދަން ބަރިން އިމާރާތެއް ހުސްކުރަން އެފްއޭއެމް އިން އެންގި އެންގުން ހުއްޓުވަން ސިވިލް ކޯޓަށް ފިއުޗާ ހޯމްސް ކުންފުނިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔުމުން އެކަމަށް އެފްއޭއެމް އިން މަރުހަބާ ކިޔައިފިއެވެ.

އެފްއޭއެމް އިން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނީ ފިއުޗާ ހޯމްސް ކުންފުނިން މި މައްސަލަ ނެގުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި މިކަމުގައި ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑް އިބްރާހީމް ފަޒީލް (އޮއްޕޮ)ގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެކަމަށް ވެސް އެފްއޭއެމް އިން ވަނީ މަރުހަބާ ކިޔައިފައެވެ.

ފިއުޗާ ހޯމްސް ކުންފުންޏަކީ ފަޒީލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނިން ސިވިލް ކޯޓަށް ވެއްދި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ވަނީ ކޯޓުން ބޭރުން ހައްލެއް ހޯދަން ހަފުތާއެއްގެ މުއްދަތު ދީފައެވެ.

އޭގެ ބޭނުން ހިފައި އެފްއޭއެމް އިން މި ވަނީ ކޯޓުން ބޭރުން މި މައްސަލަ ނިންމުމަށް ފިއުޗާ ހޯމްސްއާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފިއުޗާ ހޯމްސް އިން ވަނީ އެފްއޭއެމްގެ އެންގުމާ އެއްގޮތައް އަމަލުކޮށްފި ނަމަ އެ ކުންފުންޏަށް އިއާދަނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ. އަދި އެ ގެއްލުމުގެ ބަދަލު މާލީ ގޮތުން އެފްއޭއެމް އަށް އެ އެސޯސިއޭޝަންގެ މާލީ ހާލަތު މިހާރު ހުރިގޮތުން ދެވޭނ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ފިއުޗާ ހޯމްސް އިން ވަނީ ބުނެފައެވެ.

ފިއުޗާ ހޯމްސް އިން ކޯޓަށް ވައްދާފައިވާ މައްސަލައިގައި ބުނާ ގޮތުން މާފަންނު ދަނޑުގެ ސަރަހައްދުން ބިމެއް ދިނުމަށްފަހު އެ ތަނުގައި އިމާރާތެއް ހަދަން އެފްއޭއެމް އިން އެއްބަސްވެފައިވަނީ އެފްއޭއެމްގެ ޓާފު ދަނޑުގެ ދެކުނުގައިވާ ކުނިތައް ނަގާ ސާފު ކުރުމަށާއި ޗޭންޖިން ރޫމެއް ހެދުމަށެވެ. އަދި އެ ކުންފުންޟަށް ސްޓޭޑިއަމުން 2700 އަކަފޫޓުގެ ބިމެއް އެފްއޭއެމް ދީފައިވަނީ 25 އަހަރު ދުވަހަށެވެ. އަދި އެ ބިން އެއްވެސް ކުއްޔަކާ ނުލައި އެފްއޭއެމް ދީފައިވަނީ އެ މަސައްކަތުގެ ބަދަލުގެ ގޮތުންނެވެ.