ދިވެހި ޓީމުތަކަށް އޭއެފްސީ ކަޕުގައި އެންމެ ބޮޑަށް ހުރަސް އެޅި ބަނގްލަދޭޝްގެ ވަރުގަދަ ކުލަބު ބަޝުންދަރަ ކިންގްސް ބޮޑު މައްސަލަ ގަނޑެއްގެ ތެރެއަށް ގެނބިއްޖެ އެވެ.
މިވަގުތު ހާލަތު އޮތް ގޮތުން ކުރިއަށް އޮތް ބަނގްލަދޭޝް ލީގުގައި އެ ޓީމަށް ކުޅެވޭނެ ކަމުގެ މާބޮޑު ޔަގީންކަމެއް ނެތެވެ. ސަބަބަކީ އިންތިހާ އަށް މުއްސަނދި ކުލަބެއްގެ ގޮތުގައި ފާއިތުވެދިޔަ 13 އަހަރު ފެނުނު ކުލަބުގެ ގިނަ ކުޅުންތެރިންނަށް މުސާރަ ނުދީގެން މައްސަލަ ފީފާގައި އޮތުމެވެ.
ބަޝުންދަރަ އަކީ މުސާރަ ނުދެވިގެން ކުޅުންތެރިން ގެނައުން މަނާކޮށް، ފީފާގެ ޓްރާންސްފާ ބޭން ކޮށްފައިވާ ބަނގްލަދޭޝްގެ ތިން ކުލަބުގެ ތެރެއިން އެއް ކުލަބެވެ. އަނެއް ދެ ކުލަބަކީ މަޝްހޫރު އަބަހާނީ ލިމިޓެޑާއި ފެކިރެރްޕޫލް ޔަންގް މެންސް ކުލަބެވެ. ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އަންނަ ހުކުރު ދުވަހުގެ ކުރިން މި މައްސަލަތައް ހައްލުކޮށް އަންނަ ސީޒަނަށް ލައިސަންސް ފުރިހަމަ ކުރުމަށް މި ތިން ކުލަބަށް ވެސް އަންގައިފަ އެވެ.
ބަނގަލްދޭޝްގެ ދުވަސްވީ ދެ ކުލަބާއެކު ބަޝުންދަރަ ކިންގްސް ހިމެނޭހެން ޖުމުލަ 16 މައްސަލަ އެއް ފީފާގައި އެބައޮތެވެ. އެއީ ބަޝުންދަރައިގެ 11 މައްސަލަ އާއި އަބްހާނީގެ ތިން މައްސަލަ އާއި ފެކިރެރްޕޫލްގެ ދެ މައްސަލަ އެވެ.
މީގެ ތެރެއިން އަބްހާނީ މެނޭޖަރު ސަތީޖިތް ރުޕޫ ބުނީ އެ ކުލަބުގެ ތިން މައްސައިގެ ތެރެއިން މިހާރު ދެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި ބާކީ އޮތް މައްސަލަ ވެސް މި މަހުގެ ހަތެއްގެ ކުރިން ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ނަމަވެސް މައްސަލަ ހައްލު ނުވެއްޖެނަމަ އިތުރު ފުރުސަތަށް އެދޭނެ ކަމަށެވެ.
ނަމަވެސް ފްކިރެރްޕޫލުން ވަނީ ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އެހީތެރިކަން ކުލަބުތަކަށް ނުލިބޭ ކަމުގެ ޝަކުވާ ކޮށްފަ އެވެ.
"އަހަރުމެންގެ ފައިސާގެ މައްސަލަ އެބައުޅޭ. އެކަން ހައްލު ކުރަން މިދަނީ މަސައްކަތް ކުރަމުން. އަހަރުމެންނަކީ 1960ގައި އުފަންވި ދުވަސް ކުލަބެއް. އަހަރުމެން މި މައްސަލަ ހައްލު ކުރަން ވަރަށް ކުރިން މަސައްކަތް ފެށިން. އެކަމަކު ބަނގްލަދޭޝްގެ ފެޑަރޭޝަނުގެ އެހީތެރިކަން ނުލިބުނު،" ޖެނެރަލް ސެކްރެޓަރީ އަހުމަދު އަލީ ބުންޏެވެ.
މުސާރައިގެ މައްސަލާގައި ބަޝުންދަރަ ޔުނައިޓެޑްގެ ބަހެއް މީޑިޔާ އަށް ލިބިފައިނުވެ އެވެ. ނަމަވެސް އެ ކުލަބުގެ 11 މައްސަލަ ވެސް މުއްދަތަށް ހައްލު ކުރާނެ ކަމަށް ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނަށް އަންގާފައިވާ ކަމަށްވެ އެވެ.
ބަޝުންދަރ ކިންގްސް އަކީ 2013 ވަނަ އަހަރު އެ ކުލަބު އުފެއްދީއްސުރެ ބަނގަލްދޭޝްގެ އެންމެ ވަރުގަދަ އަދި އެންމެ ކާމުޔާބު އެއް ކުލަބެވެ. ކުލަބުގެ ސްޓޭޑިއަމާއި އޮފީސްތަކާއި ވަސީލަތްތައްހުރީ އެހެން ހުރިހާ ކުލަބަކަށްވުރެ ފުރިހަމަ އަށެވެ. އެއީ ކުރީގެ ބޮޑު ވަޒީރު ޝައިހް ހަސީނާގެ އެހީތެރިކަމާއެކު އޭނާގެ ގާތް ފަރާތްތައް ބައިވެރިގެން އުފެއްދި ކުލަބެކެވެ. ނަމަވެސް ހަސީނާގެ ސަރުކާރު ބަދަލުވުމާއެކު ބަޝުންދަރަ ގްރޫޕަށް ވަނީ ސަރުކާރުގެ ފައިސާގައި ޖެހުނުކަމުގެ ތުހުމަތާއި ކޮރަޕްޝަންގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވިފަ އެވެ.
ރާއްޖޭގެ ނިއުރޭރިއަންޓަށް މި ސީޒަނުގައި ގެނައި ބްރެޒިލްގެ ފޯވަޑް ޑޮރިއެލްޓަން އަކީ ވެސް ބަޝުންދަރަ އަށް ހުސްވި އަހަރު ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ކުލަބު ދޫކޮށްލީ ވެސް އެކުލަބު ސަސްޕެންޑް ކުރުމުންނެވެ. ނިއުރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕޭނުގެ އޮސްކާ ބުރުޒޮން ފަހުން ގޮސް ހުރީ ވެސް ބަޝުންދަރައިގަ އެވެ. ނަމަވެސް މި ކުލަބަށް މާލީ މައްސަލަތަކާ ކުރިމަތިވާން ފެށުމުން އޭނާ މިހާރު ހުރީ އިންޑިޔާ ލީގުގަ އެވެ.