6 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފިއެެވެ. މިއީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް، އެމްއެމްއާރްއައިއިން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ ސިމްޕޯސިއަމެކެވެ.
މިފަހަރުގެ ސިމްޕޯސިއަމް ކުރިއަށްދާނީ މިމަހުގެ 4 އިން 5 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސިމްޕޯޒިއަމްގެ ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި ދިރުންތަކާއި ގުޅޭގޮތުން ކުރަމުންދާ ދިރާސަތަކާއި އެ ދިރާސާތަކުގެ ނަތީޖާތައް އާއްމުންނާއި ހިއްސާކޮށް މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ރާއްޖޭގައި މެރިން ސައިންސްގެ ދާއިރާ ކުރިއެރުވުން ކަމަށެވެ.
މިއީ މެރިން ސައިންސްގެ ދާއިރާއިން ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ސިމްޕޯސިއަމްކަން ފާހަގަކުރައްވާ، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް މި ސިމްޕޯސިއަމްގެ ބޭނުމެއްކަމަަށް ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ސިމްޕޯސިއަމުގައި ރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި، ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން 5 ދާއިރާއަކުން ޖުމްލަ 47 ދިރާސާއެއް ހުށަހެޅުމަށް ހަަމަޖެހިފައިވާއިރު، މީގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރ ޕްރެޒެންޓޭޝަން ހިމެނެއެވެ.
* ކޮރަލް ރީފްސް، ރެސްޓޯރޭޝަން އެންޑް ކްލައިމެޓް ޗޭންޖް
* ފިޝަރީޒް، ގަވަރނަންސް އެން ސޮސައިޓީ
* ސީ ޓާޓަލްސް އިކޮލޮޖީ، ހެލްތް އެންޑް ކޮންޒަރވޭޝަން
* ޝާކްސް، ރޭސް އެންޑް އަދަރ މެރިން މެގަފައުނާ
* ކޯސްޓަލް އިކޯސިސްޓަމްސް އެންޑް ސީބާރޑްސް
މެރިން ސިމްޕޯޒިއަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވެއެވެ.
މިސިމްޕޯޒިއަމްއަކީ މެރިން ރިސަރޗް ދާއިރާގައި ހަރަކާތްތެރިވާ ސައިންސްވެރިންގެ މެދުގައި މަޤުބޫލު ސިމްޕޯޒިއަމްއެކެވެ. މެރިން ރިސަރޗް އިންސްޓިޓިއުޓްއިން އެންމެ ފުރަތަމަ ރާއްޖޭގައި މި ސިމްޕޯޒިއަމް ބާއްވާފައިވަނީ 2016 ވަނަ އަހަރުގައެވެ.