ޚަބަރު

ވިނީޝިއުސް އާއި ރެއާލް މެޑްރިޑް އިން އަލުން ވާހަކަތައް ފަށަނީ


ރެއާލް މެޑްރިޑަށް ކުޅެމުންދާ ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ ހޯދުމަށް އާސެނަލް އިން މަސައްކަތް ކުރަމުން ދިއުމާއިއެކު, އޭނާގެ މުސްތަގުބަލާއި ގުޅޭ ގޮތުން ރެއާލް މެޑްރިޑާއިއެކު މި ހަފްތާގައި މަޝްވަރާ ކުރާނެކަމަށް ބުނެފިއެވެ.

އާސެނަލް އިން ވިނީޝިއުސް ޖޫނިއާ ހޯދުމަށް މަސައްކަތް ކުރަމުންދާއިރު އޭނާ ވަނީ ފީފާ ވޯލްޑްކަޕަށްފަހު ދިގު ޗުއްޓީއެއް ހޭދަކުރުމަށްފަހު ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.

ވިނީޝިއުސް އާއިއެކު ރެއާލް މެޑްރިޑް އިން ހަދާފައިވާ އެއްބަސްވުން އައު ކުރުމާއި ގުޅޭ ގޮތުން ފާއިތުވެދިޔަ 18 މަސްދުވަހު ރެއާލް މެޑްރިޑާއިއެކު އޭނާގެ އެޖެންޓުން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް އެކަމަށް ރަގަޅު ހައްލެއް އައިސްފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެއާލް މެޑްރިޑާއިއެކު ވިނީޝިއުސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2027 ގެ ސީޒަނުގެ ނިޔަލަށް ހަމަވާއިރު ދެ ފަރާތަށް އައު އެއްބަސްވުމަކަށް ނާދެވިއްޖަނަމަ މި ސީޒަނަށްފަހު ވިނީޝިއުސް ބޭނުން ޓީމަކަށް ފްރީ އެޖެންޓެއްގެ ގޮތުގައި ދެވޭނެއެވެ.

ސްޕެއިންގެ ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި އަލަށް ހަވާލުވި ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ވަނީ ވިނީޝިއުސް އެ ކްލަބުގައި މަޑުކުރުވުމަށް ބޭނުންވާކަމަށް ބުނެފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ވިނީޝިއުސް ބޭނުންވަނީ ރެއާލް މެޑްރިޑްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުމެވެ. އެގޮތުން މުސާރައިގެ އިތުރުން އޭނާގެ އިމޭޖް ރައިޓްސް އިން ލިބޭ ފައިސާގެ ބޮޑު ބައި ކުޅުންތެރިޔާއަށް ލިބޭ ގޮތަށް އޭނާގެ އެޖެންޓުން ވަނީ ވާހަކަ ދައްކާފަ އެވެ.

ވިނީޝިއުސް އަށް މުސާރައިގެ ގޮތުގައި މިހާރު ހަފްތާއަކު 520000 ޔޫރޯ ލިބޭއިރު އޭނާ ޑިމާންޑް ކުރަނީ ހަފްތާއަކު 6 ލައްކަ ޔޫރޯއަށްވުރެ ކުޑަ ނޫން މުސާރައަކަށެވެ.