ސްޕޭނުގެ ފުޓްބޯޅައިގައި މިހާރު އެންމެ ގަދައަޑަކީ ބާސެލޯނާގެ ފޯވަޑް ފެރަން ޓޮރޭޒްގެ ވާހަކަ އެވެ. އުމުރުން 26 އަހަރުގެ ފޯވަޑަކީ ސްޕޭނަށް މި އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ލަނޑު ފައިނަލްގައި އާޖެންޓީނާ ކޮޅަށް ޖެހި ކުޅުންތެރިޔާ އެވެ. މިހާރު ސުވާލު އުފެދިގެން އުޅެނީ ކުރިއަށް އޮތް ސީޒަނުގައި އޭނާ ކުޅޭނެ ކުލަބަކާ މެދުގަ އެވެ.
ޓޮރޭޒް މިވަގުތު ހުރީ ބާސެލޯނާގެ ކޮންޓްރެކްޓްގަ އެވެ. އޭނާ ގަތުމަށް މަސައްކަތް ކުރަނީ ޔޫރަޕުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ އެވެ. އެކުލަބުގެ ކޯޗަށް ހުރި ލުއިސް އެންރީކޭ އަކީ ބާސެލޯނާގެ ކުރީގެ ކޯޗު އަދި ކެޕްޓަނެވެ. އޭނާ އަކީ ޓޮރޭޒްގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. ޕީއެސްޖީ އަށް އޭނާ ގެންދަން އެންމެ ބޮޑަށް ބާރު އަޅަނީ ވެސް އެންރީކޭ އެވެ.
ބާސެލޯނާގައި ހުރުމަކީ ޓޮރޭޒަށް މައްސަލައެއް ނޫނެވެ. ނަމަވެސް އޭނާ އަށް މައްސަލައަކަށް ވެގެން އުޅެނީ ބާސެލޯނާގައި އޭނާ އަށް ބެންޗުގައި އިންނަން ޖެހުމެވެ. މެންޗެސްޓާ ސިޓީން 2022 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވެ 140 މެޗުން އޭނާ ވަނީ 41 ގޯލު ޖަހައިދީފަ އެވެ. ނަމަވެސް އޭނާ ގަބޫލު ކުރާ ގޮތުގައި ބާސެލޯނާގައި އޭނާގެ އަގު ވަޒަން ނުކުރެ އެވެ.
"ބޭނުންވަނީ އުފަލުގައި ހުންނަން. ބާސެލޯނާގައި އަހަރެންގެ ކޮންޓްރެކްޓެއް އެބައޮތް. އުފަލުގައި ހުރުމަކީ ތަފާތު ކަމެއް. ތެދަށް ބުނާނަމަ ފުޓްބޯޅައިގައި ކުރިއަށް ކޮންމެ ކަމެއް ވެސް ވެދާނެ،" ބާސެލޯނާގައި ދެމި ހުންނާނަންތޯ ނޫސްވެރިން އެހުމުން ޓޮރޭޒް ބުންޏެވެ.
ބާސެލޯނާގެ މިހާރުގެ ކޯޗު ހަންސީ ފްލިކް ޓޮރޭޒް ބަހައްޓަން ބޭނުންވެ އެވެ. އޭނާ ބުނީ އެއީ ބާސެލޯނާގެ މީހުން އެދޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް ކޯޗުގެ މިވާހަކަ އަށް ޓޮރޭޒް މާބޮޑަށް ގަޔާނުވަނީ ދެ ކަމަކާ ހެދި އެވެ. ފުރަތަމަ ކަމަކީ ބާސެލޯނާއިން އޭނާގެ ކޮންޓްރެކްޓް އާނުކޮށް ފަސް ކުރުމެވެ. އެކަން ކުރަން ބާރު އަޅަން ފެށީ ވޯލްޑް ކަޕާ ހިސާބުންނެވެ. ދެ ވަނަ ކަމަކީ މިހާރު ވެސް އޭނާ ހުއްޓައި ބާސެލޯނާއިން ފޯވަޑަކު ހޯދަން ހާއްސަކޮށް އެތްލެޓިކޯ މެޑްރިޑްގެ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ގަތުމަށް މަސައްކަތް ފެށުމެވެ. އެހެންވެއްޖެނަމަ އަދިވެސް ޓޮރޭޒަށް ޖާގަ ލިބޭނީ ބެންޗުންކަން އޭނާ އަށް އެނގެ އެވެ.