މިދިޔަ މަހު މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގައި މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުގެ އަދަދު އިތުރުވެ، މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު މިފްކޯއަށް 822 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. މިއީ ޖޫން މަހު މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 59 އިންސައްތަ އިތުރު އަދަދެކެވެ. ޖޫން މަހު މިފްކޯއަށް 517 ދޯންޏަކުން ވަނީ، މަސް ކިރުވާފައެވެ.
މިފްކޯއަށް މަސް ކިރުވި ދޯނީގެ އަދަދު އިތުރުވެފައިވާއިރު، މި ދޯނިތަކުން ކިރުވި މަހުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައި މަހު މިފްކޯގެ އެކި ފެސިލިޓީތަކަށް މުޅި ޖުމްލަ 2،474 ޓަނުގެ މަސް ކިރުވާފައިވެއެވެ. ޖޫން މަހު މިފްކޯއަށް ކިރުވާފައިވަނީ، 568 ޓަނުގެ މަހެވެ. އެހެންކަމުން މިއީ 335.5 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ މަހު މަސްވެރިންނަށް މުޅި ޖުމްލަ 49.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ ކުރީ މަހު ދޫކޮށްފައިވަނީ 11.3 މިލިޔަން ރުފިޔާއެވެ. މިއީ، 339 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް މިހާރު 48 ގަޑިއިރު ތެރޭގައި ދަނީ، ފައިސާ ދޫކުރަމުންނެވެ. މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމްވެސް ދަނީ ހަމަޖައްސަމުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.