ޚަބަރު

ގިނަ ރަށްރަށުގެ ކުނިކޮށިތަކުގެ މަސައްކަތް ފަށަން ވެމްކޯއިން ތައްޔާރުވެއްޖެ


  • ވެމްކޯއާ ހަވާލުކުރީ 34 ރަށެއްގައި ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް

  • 90% ރަށުގައި ޢަމަލީ މަސައްކަތް ފަށަންވަނީ ތައްޔާރުވެފައި

  • 129 ރަށެއްހައި ކުނިކޮށި ތަރައްޤީކުރަން ކުންފުނިތަކާ ހަވާލުކުރި

ވެމްކޯއާ ހަވާލުކޮށްފައިވާ ގިނަ ރަށްތަކުގެ ކުނިކޮށި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްފެށުމަށް ތައްޔާރުވެފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވިދާޅުވެއްޖެއެވެ. ވެމްކޯއާ ޙަވާލުކޮށްފައިވަނީ 34 ރަށެއްގައި ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތެވެ.

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ވަށާޖެހޭ ނިޒާމެއްގެ ދަށުން ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. އެގޮތުން ކުނިކޮށި ނެތް ރަށްރަށުގައި ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް އެކި ކުންފުނިތަކާއި ވަނީ ހަވާލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވެމްކޯގެ ޖެނެރަލް މެނޭޖަރ އިސްމާޢީލު އުބައިދު ވިދާޅުވީ، 34 ރަށެއްގައި ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް ވެމްކޯއާވެސް ހަވާލުކޮށްފައިވާކަމަށާއި، އޭގެތެރެއިން %90 ރަށްރަށުގައި މަސައްކަތް ފެށުމަށް ތަކެތި މޮބިލައިޒްކުރެވި، ތައްޔާރުވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ދެން ހުރި ރަށްރަށުގައި މަސައްކަތް ނުފެށި ލަސްވަނީ ލޭންޑްޔޫސް ޕްލޭންގައި ކުނިކޮށި ހަދާނެ ވަކިތަނެއް ހަމަޖައްސާފައިނުވާތީކަމަށެވެ.

"މިހާރު %90 ރަށްރަށުގައި މިހާރު މިވަނީ މޮބިލައިޒްކުރެވި، މަސައްކަތް ފެށުމުގެ މަރުޙަލާގައި. ބާކީ ހުރި ރަށްރަށުގައި ދިމާވެފައިވާ މައްސަލައަކީ ލޭންޑްޔޫސްޕްލޭންގައި ކުނިކޮށި ބަހައްޓާނެ ވަކިތަނެއް ނުނިންމި އިނީމަ މަސައްކަތް އަދި ނުފެށޭ. އެހެން ހުރިހާ ރަށެއްގައި މިވަގުތު މިދަނީ މަސައްކަތް ކުރިއަށްގެންދަމުން" އިސްމާޢީލް އުބައިދު ވިދާޅުވިއެވެ.

ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެތެރޭގައި ހިމެނެނީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާއި ހަވާލުކޮށްފައިވާ 110 ރަށަކާއި، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ 19 ރަށެކެވެ.