ޚަބަރު

ތިލަފުށްޓަށް ބަނދަރު ބަދަލުވުމާއެކު މުދަލުގެ އަގަށްވެސް ހެޔޮ ބަދަލެއް އަންނާނެ


  • ބޮޑެތި ބޯޓުފަހަރުން މުދާ ލަންކާއަށް ބާލައި ކުދި ބޯޓުފަހަރުގައި ރާއްޖެ ގެންނަނީ

  • އައު ބަނދަރާއެކު ރާޢްޖެއަށް ބޭނުންވާ ވަރަށް މުދާ ގެންނަ ބޮޑު ބޯޓުފަހަރަށް ކައިރި ކުރެވޭނެ

  • ކުދި ބޯޓުފަހަރު ގެންނަން ޖެހެމުން މުދާ އުފުލުމުގެ ޚަރަދުތައް ބޮޑު

ތިލަފުއްޓަށް ޕޯޓު ބަދަލުކުރުމާއި ގުޅިފައިވަނީ ހަމައެކަނި އިޤްތިޞާދީ ގޮތުން ހުރި ކުރިއެރުންތަކެއް އެކަނިއެއް ނޫނެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ މައްސަލަތަކާއި ބާޒާރުގައި ތަކެތީގެ އަގު ނުސީދާގޮތުންނަމަވެސް މިމަޝްރުޢޫއާއި ގުޅިފައިވެއެވެ.

ސަރުކާރުން ތިލަފުއްޓަށް މާލެ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ، ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަޤްޞަދުގައެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްވެސް އިމްޕޯޓު ކުރާ ޤައުމަކަށްވާއިރު، މައިގަނޑު ގޮތެއްގައި ރާއްޖެއެތެރެވާ މުދަލުގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ބާވަތެއްވެސް އެތެރެކުރަނީ މާލޭ ވިޔަފާރި ބަނދަރަށެވެ. އެހެން ވުމުން ވިޔަފާރި ބަނދަރުވެފައިވަނީ 24 ގަޑިއިރު ހިންގަންޖެހޭ ޤައުމުގެ އިޤްތިޞާދުގެ އެންމެ ބޮޑު އޮަޕަރޭޝަނަށެވެ.

މިހާރު މާލެ ވިޔަފާރި ބަނދަރުގައި ބޭނުން ކުރަނީ 100 މީޓަރުގެ މަގަތު ފާލަމެކެވެ. އެވަރޭޖް ގޮތެއްގައި މަގަތުފާލަމާއި ކައިރި ކުރެވެނީ 500 އާއި 1000 ޓީއީޔޫގެ މުދާ އުފުލާ އުޅަނދުތަކަށެވެ. ފަޅުގައި ބާއްވައިގެން ބާޖުތަކަށް ކޮންޓެއިނަރ ބަރުކޮށްގެންވެސް މުދާ ބޭލުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ނަމަވެސް 3000 ޓީއީޔޫއަށް ވުރެ ބޮޑު އުޅަނދެއް ރާއްޖެ ނާދެއެވެ. އެންމެ ބޮޑު ސަބަބަކީ ކޮންޓެއިނަރ ބާލައި ބަހައްޓާނެ ޖާގަ ނެތުމާއި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހުރި ދަތިތަކެވެ. މިކަންކަމުގެ ސަބަބުން އާންމުކޮށް މިއަންނަ އުޅަނދުތައްވެސް ހުސްކޮށް ބަރުކޮށް އަނބުރާ ދިއުމަށް 8 ވަރަކަށް ދުވަސް ނަގައެވެ.

ބޮޑެތި ބޯޓުފަހަރަށް ރާއްޖެ ނާދެވުމުން، މިހާރު އޮޕަރޭޝަން އިންތިޒާމު ވެފައި އޮންނަ ގޮތަކީ، ބޮޑެތި ބޯޓުފަހަރު ލަންކާ ބަނދަރަށް ކައިރި ކުރަނީއެވެ. އަދި މި ބޮޑެތި ބޯޓުތަކުން ރާއްޖެ އަންނަ މުދާ، ރާއްޖެއަށް ބަނދަރު ކުރެވޭ ނުވަތަ މުދާ ބޭލޭ ވަރުގެ ކުދި ބޯޓުފަހަރުތަކުގައި ގެނައުމަށް މާލެއާއި ލަންކާ ދެމެދު ފީޑަރ އޮޕަރޭޝަނެއް ހިންގަނީއެވެ.

އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީޤް ވަނީ އައު ބަނދަރެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިމައްސަަލައަށް ހައްލެއް ހޯދުންކަން ފާހަގަކުރައްވާފައެވެ. އެހެން ކަމުން ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެ ކުރިއަށް ގެންދާ މަޝްރޫޢުއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވެ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިމަސައްކަތް މި ބައްލެވީ. އަދި މިހާރުވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވަނީ މަސައްކަތްދާ ގޮތް. އިކޮނޮމީއަށް އައިސްފައިވާ ދަތިކަމުން އަރައިގަތުމަށް އެންމެ މުހިންމު އެއްޗަކީ ހީވާގޮތުން ރާއްޖެއަށް ރަނގަޅު ބަނދަރެއް. ތިލަފުށީގައި ބަނދަރު ހެދުނީމައި ބޮޑެތި ބޯޓުފަހަރަށް ރާއްޖެ އާދެވޭނެ. އަދި ސިލޯނުން އަންނަ ކުދި ބޯޓުފަހަރު 8 ދުވަސް 9 ދުވަސް އޮތުމުގެ ބަދަލުގައި 48 ގަޑިއިރު ނުވަނީސް ބޯޓު ފުރުވާލެވޭނެ " އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީޤް ވިދާޅުވިއެވެ.

ލަންކާ ރާއްޖެ ދެމެދު ކުރިއަށް ގެންދާ ފީޑަރ އޮޕަރޭޝަންގެ ބޮޑު ބައެއް ޤައުމީ އާގުބޯޓު ކުންފުނި، އެމްއެސްއެސްއިން ކުރިއަށްގެންދާއިރު، ސަރަހައްދުގެ އަމިއްލަ ކުންފުނިތަކުގެ އުޅަނދުތައްވެސް މިކަމުގެ ހަރަކާތްތެރިވެއެވެ. މި ފީޑަރ އޮޕަރޭޝަން މިގޮތަށް ކުރިއަށް ގެންދާއިރުވެސް މުދާ އުފުލާއި ބޭލުމުގައި ގިނަ ދުވަސްތަކެއް ހޭދަވުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ލޮޖިސްޓިކަލް ޚަރަދުތައް ނުވަތަ މުދާ އުފުލުމުގެ ޚަރަދުތައް އިތުރުވެގެންދެއެވެ. މުދަލުގެ އަގަށް އަސަރުކުރާ ކަންކަމުގެ ތެރޭގައި، މުދާ އުފުލުމުގެ ޚަރަދަކީ އެއް ބައެވެ. ބައިނަލްއަޤްވާމީ ބާޒާރުތަކަށް އަންނަ ބަދަލުތަކުގެ އިތުރަށް މާލެ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ކުރިއަށް ގެންދަން ޖެހިފައިވާ ގޮތުންވެސް މުދަލުގެ އަގަށް އޭގެ އަސަރުކުރާކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ.

މިއާއެކު ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމަކީ މިމައްސަލައަށް އޮތް އެންމެ ބޮޑު އެއް ހައްލެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުން ތިލަފަށުށީގައި 1400 މީޓަރުގެ ބައިނަލްއަޤްވާމީ މަގަތުފާލަމެއް އޮންނާނެއެވެ. މި މަގަތުފާލަން ތަރައްޤީވުމުން، ފަޅުގައި ބާއްވައިގެން ބާޖެއް މެދުވެރިކޮށް މުދާ ބޭލުމުގެ އޮޕަރޭޝަން އެއްކޮށް ހުއްޓާލާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އަދި އައު ބަނދަރާއެކު ތިލަފުޓަށް މެދުމިނުގެ މުދާ އުފުލާ އުޅަނދު ކައިރި ކުރެވޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

"ބަނދަރު އެއްކޮށް ނިމިގެންދާއިރު ހުންނާނެ 7000 އާއި 8000 ޓީއީޔޫގެ އުޅަނދު ކައިރި ކުރެވޭ ވަރުގެ މަގަތުފާލެމެއް. (ކީވޯލްއެއް). ގެންޓްރީ ކްރޭންތައްވެސްއ ހުންނާނެ. ހަޤީޤަތުގައި އެއީ ރާއްޖެއާއި ބަލާއިރު ވަރާށް ކުދި ބޯޓުފަހަރު. އެފަދަ ބޯޓެއް ރާއްޖެ އަންނަ ކަމަށްވަންޏާ ކުދި ބޯޓުފަހަރު ލަންކާއިން އަންނަ މިންވަރު މަދުވާނެ. ސައުބަކީ ބޮޑެތި ބޯޓުފަހަރުތަކަށް ރާއްޖެއަށް މުދާ އުފުލައިގެން އައިސް ސީދާ ރާއްޖެއަށް މުދާ ބޭލޭނެތީ " ސީއީއޯ ހުސެއިން ޝަފީޤް ވިދާޅުވިއެވެ.

އެހެންކަމުން ތިލަފުއްޓަށް ބަނދަރު ބދަލުވުމުގެ ފައިދާ އާންމު ރައްޔިތުންނަށްވެސް ކުރާނެއެވެ. މުދާ ގެނައުމަށް ކުރާ ޚަރަދުތައް ކުޑަވެ، މުދަލުގެ އަގު ތިރިވުމަށްވެސް މަގުފަހިވާނެއެވެ. މި ބަދަލަކީ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ މުޅި އިޤްތިޞާދާއި ގުޅިފައިވާ ބަދަލެކެވެ. ސަރުކާރުގެ އަމާޒަކީ ތިލަފުށީ ބަނދަރު 2027 ނޮވެމްބަރ މަހަށް އެއްކޮށް ނިންމުމެވެ.