ޚަބަރު

ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި


  • ބޮޑުޗުއްޓީ ލިބޭނީ ޑިސެންބަރު 18އިން ޖަނަވަރީ 16އަށް

  • މިދިރާސީ އަހަރު 77000އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމް ހާސިލްކުރަމުން

ފުރަތަމަ ޓާމުގެ ސްކޫލް ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 16ވަނަ ދުވަހުއެވެ. އެހެންކަމުން ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވަނީ 16 ދުވަހުގެ ޗުއްޓީފައެވެ.

މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި ދަރިވަރުންނަށް އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18އިން އަންނަ އަހަރުގެ ޖަނަވަރީ 16އާ ހަމައަށެވެ. އެހެންކަމުން ބޮޑު ޗުއްޓީގައި ދަރިވަރުންނަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.

މިދިރާސީ އަހަރު ސަރުކާރުގެ 218އެއްހާ ސްކޫލުގައި 77000އަށްވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމު ޙާސިލްކުރަމުންނެވެ. އަދި މިއަހަރު އަލަށް ގްރޭޑް 1އަށް ވަނުމަށްޓަކައި 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަދީފައިވެއެވެ.

އެގޮތުން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުންނަށް ޖާގަ ދީފައިވާއިރު އަތޮޅުތެރޭގެ ސްކޫލްތަކުން ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ޖާގަ ދީފައިވެއެވެ.

ދަރިވަރުންގެ ބޮޑު ޗުއްޓީއަށްފަހު، އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ ޖަނަވަރީ 17ގައެވެ.